މިދިޔަ މަހު ދައުލަތަށް 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބެއްޖެ އެވެ.

މީރާއިން އާންމުކުރި ތަފާސް ހިސާބުގައި ބުނީ މިދިޔަ މަހު 2.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި 67.8 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ. އަދި މިއީ ކުރިން ލަފާ ކުރިވަރަށް ވުރެ 2.2 ޕަސެންޓް އިތުރު އަދަދެއް ކަމަށް މީރާއިން ބުންޏެވެ.

މިދިޔަ މަހު ލިބުނު އާމްދަނީ ލަފާކުރި ވަރަށް ވުރެ އިތުރު ވިޔަސް މިދިޔަ އަހަރު ޖެނުއަރީ މަހާ އަޅާ ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީ 2.9 ޕަސެންޓް ވަނީ ދަށްވެފައެވެ.

މީރާގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކޮށްފައި ވަނީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ނުވަތަ ބީޕީޓީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އެގޮތުން ބީޕީޓީގެ އާމްދަނީން 880 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ ޖުމްލަ އާމްދަނީގެ 41 ޕަސެންޓެވެ.

ބީޕީޓީއަށް ފަހު ދެވަނައަށް އެންމެ ގިނައިން އާމްދަނީ ލިބިފައި ވަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީއިންނެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 799 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.