09 Oct 2011, 17:04
ލ. މުންޑޫ ސްކޫލްގެ އިސްވެރިޔަކަށް ހުންނެވި އެ ރަށު ހިޔާވަހި އަލީ އާދަމް އެ ސްކޫލްގައި ތިބި ދަރިވަރުންގެ އަދަދު އޮޅުވާލައިގެން ޓެނުއާޝިޕް އެލަވަންސްގެ ގޮތުގައި އިތުރަށް 5525ރ. ނަގާފައިވާކަމަށް ސާބިތުވާތީ، އޭނާގެ އަތުން އެފައިސާ ދައުލަތަށް ނަގައިދިނުމަށާއި އަދި މަގާމުގެ ނުފޫޒުގެ ބޭނުންކުރުމުގެ ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ(އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ހުށަހަޅައިފި އެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ސްކޫލްތަކާއި ފަންނީ މަރުކަޒުތަކުގެ ސުޕަވައިޒަރުން ފެށިގެން މަތީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް ފެބްރުއަރީ 1، 2009 އިން ފެށިގެން ޓެނުއާޝިޕް އެލަވަންސް ހަމަޖައްސާފައިވާ އިރު 3500ރ. ދެނީ އެ ސްކޫލްގައި 100-294 ދަރިވަރުން ތިބޭ ނަމަ އެވެ. އަދި 55-99 ކުދިން ތިބޭނަމަ ދެނީ 3000ރ. ކަމަށް ވެސް ބުނެފައިވެ އެވެ.
ނަމަވެސް، 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް މުންޑޫ ސްކޫލްގައި ތިބި ދަރިވަރުންގެ އަދަދު އެއްވެސް މަހެއްގައި 100 އަށް އަރާފައިނުވާ އިރު، ސްކޫލްގެ ހިންގެވުމާ ހަވާލުވެ ހުންނެވި އާދަލް އަލީ ވަނީ އަދަދު އޮޅުވާލައިގެން، 3500ރ. ޓެނުއާޝިޕް އެލަވަންސް ގޮތުގައި ނަގައިފައި ކަމަށް އޭސީސީން ބުނެ އެވެ. އެ ރޭޓުން، އިގުތިސާދީ ހާއްސަ ހާލަތާ ގުޅިގެން 15 ޕަސަންޓް އުނިކޮށް، އެމުއްދަތުގެ ތެރޭ ޖުމްލަ 38،675ރ. ޓެނުއާޝިޕް އެލަވަންސްގެ ގޮތުގައި އޭނާ ނަގާފައިވާ ކަމަށް ވެސް އޭސީސީން ބުނެ އެވެ.
ނަމަވެސް، އެ ސްކޫލްގައި އޭރު ތިބި ދަރިވަރުންގެ އަދަދު 100 އަށް ނާރާތީ، އަލީ އާދަމް އަށް ޓެނުއާޝިޕް އެލަވަންސްގެ ގޮތުގައި މަހަކު ލިބެން ޖެހޭނީ 3000ރ. ކަމަށާއި އެ ރޭޓުން ބަލާއިރު 15 ޕަސަންޓް އުނިކޮށްގެން މަހަކު 2550ރ. ޖެހޭއިރު ޖުމްލަ އެ މުއްދަތުގެ ތެރޭ އޭނާ އަށް ލިބެންޖެހޭނީ 33150ރ. ކަމަށް ވެސް އޭސީސީން ބުނެ އެވެ.
އެހެންކަމުން، ޓެނުއާޝިޕް އެލަވަންސްގެ ގޮތުގައި ލިބެން ޖެހޭ އަދަދަށް ވުރެ އިތުރަށް 5525ރ. ނަގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އޭސީސީން ބުންޏެވެ.
"އެހެންކަމުން ޓެނުއާޝިޕް އެލަވަންސްގެ ގޮތުގައި އިތުރަށް ނަގާފައިވާ ފައިސާ ނަގާފައިވަނީ އަލީ އާދަމްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަމަށް ފެންނާތީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ )ހ(ގެ ދަށުން ދައުވާކުރުމަށާއި، އިތުރަށް ނެގި 5525ރ. ހޯދުމަށް ޝަރީއަތަށް ހުށަހަޅުއްވައި ދެއްވުމަށް އެދި 29 ސެޕްޓެމްބަރު 2011 ގައި މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ވަނީ ފޮނުވިފަ އެވެ." އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.