ކޮމެޓީ އެލަވަންސް ދޫނުކުރުމަށް ފިނޭންސް މިނިސްޓްރީގެ މައްޗަށް ހުކުމް ކުރެވެން ނެތްކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ސިވިލްސާވަންޓުންގެ މުސާރައިން އުނިކުރި ފައިސާ ނުދެނީސް މަޖިލީހުގެ މެންބަރުންނަށް ދޭން ނިންމަވާފައިވާ ކޮމެޓީ އެލަވަންސް ދޫނުކުރެވޭނެކަމަށް ފިނޭންސް މިނިސްޓްރީގެ މައްޗަށް އަމުރު ނެރެދިނުމަށް އެދި ސ. މަރަދޫ ފެންޒީމާގޭ މާހު ޖަބީން ހުށަހަޅާފައިވާ މައްސަލާގެ ޝަރީއަތް ހިންގުމަށްފަހު ގާޒީ ހާތިފް ހިލްމީ ކުރެއްވި ހުކުމުގައި ބުނެފައިވަނީ ސިވިލްސާވަންޓުންނަށް ދިނުމަށް ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ ފައިސާއާއި، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އެލަވަންސް ފައިސާ އަކީ އެއްހާލެއްގައި އޮތް ފައިސާއެއް ނޫންކަމަށް ވާތީ، ދެ ހާލަތެއްގައި އޮތް ދެކަމަކާމެދު އެއްގޮތަކަށް އަމަލުކުރުމަށް ފިނޭންސް މިނިސްޓްރީގެ މައްޗަށް އަމުރުކުރެވެން ނެތްކަމަށެވެ.

އަދި ސިވިލްސާވަންޓުންގެ މުސާރައިން އުނިކުރި ފައިސާ ދިނުމަށް ހައިކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ އެ މައްސަލައާއިމެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ނުނިންމަނީސް އެ މައްސަލައާއި މައުލޫއީގޮތުން ގުޅުންހުރި މައްސަލައެއް ކޯޓަށް ހުށަނޭޅޭނެ ކަމަށްވެސް ހުކުމުގައި ވެއެވެ.

"އެ މައްސަލާގައި ބަޔާންކުރެވިފައިވާ ސިވިލް ސާވިސް ވުވައްޒަފުންނަށް ދައުލަތުގެ ބަޖެޓްގައި ދިނުމަށް ހިމަނާފައިވާ ފައިސާއަކީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އެލަވަންސްގެ ފައިސާއާއި އެއް ހާލަތެއްގައި އޮތް ފައިސާއެއް ނޫންކަމާއި، ދެ ހާލަތެއްގައި އޮތް ދެ ކަމަކާމެދު އެއްގޮތަކަށް އަމަލުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މައްޗަށް އަމުރު ކުރެވެން ނެތްކަމަށް ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ." ސިވިލްކޯޓުގެ ގާޒީ ހާތިފް ހިލްމީ މިއަދު ކުރެއްވި ހުކުމުގައި ވެއެވެ.