ޖީއެސްޓީ ނުނަގާ ކަމަށް ބުނެ ބޭރަށް އިޝްތިހާރުކޮށްފައިހުރި ފިހާރަތަކުން އިޝްތިހާރުތައް ނަގައިފި އެވެ.

ސަންގެ ނޫސްވެރިން މިއަދު އެ ފިހާރަތަކަށްދިޔައިރު މަޖީދީ މަގުގެ ފިހާރަތަކުގައި ހުރި "ޖީއެސްޓީ ފުރީ ޝޮޕް" ނޫނީ "މި ފިހާރައިން ޖީއެސްޓީއެއް ނުނަގަން" ކަމަށް ބޮޑު އަކުރުން ލިޔެ ޑިސްޕްލޭކޮށްފައިހުރި ބޮޑެތި އިޝްތިހާރުތައް ވަނީ ނަގާފަ އެވެ. ނަމަވެސް ރޭ ވިޔަފާރިތައް ބަންދު ކުރި އިރުވެސް އެ އިޝްތިހާރުތައް ޑިސްޕްލޭކޮށްފައި ހުއްޓެވެ.

މަޖީދީ މަގުގެ ދެ ފިހާރައެއްގެ އިސްވެރިން ބުނީ އެތަކެތި ނެގީ އާ އިޝްތިހާރެއް ހަރުކުރުމަށް ކަމަށެވެ.
"އެއްވެސް ބަޔެއްގެ (މީރާގެވެސް) މައްސަލައެއް އޮވެގެންނެއް ނޫން. އެކަމަކު އެހެން ގޮތަކަށް ތައްކޮށްލަންވެގެން،" އޭނާ ބުންޏެވެ.

"ޖީއެސްޓީ ފުރީ" އިޝްތިހާރުތައް ތަތްކުރި އެއްވެސް ފިހާރައެއްގައި މިހާރު އެ ގަނޑުތައް ތަތްކޮށްފައެއް ނެތެވެ. އެ ފިހާރަތަކުގެ ވެރިން ބުނީ އިޝްތިހާރުތައް ނެގި ނަމަވެސް އެ ފިހާރަތަކުން މިހާރުވެސް ޖީއެސްޓީ ނުނަގާ ކަމަށެވެ. އަދި ބުނީ އެފިހާރަތަކުން ކަސްޓަމަރުންނަށް ޖީއެސްޓީ ދައްކައިދޭ ކަމަށެވެ. އެއީ ޖީއެސްޓީ މައްސަލަ ކޯޓުގައި އޮތުމާއި އެކަމުގައި ގާނޫނީ މައްސަލަތަކެއް ހުރުމުން ކަމަށް ވެސް ބުންނެވެ.

"އަޅުގަނޑުމެން މިހާރުވެސް ނުނަގަން (ޖީއެސްޓީ)، އޭގެ ބަދަލުގައި އަޅުގަނޑުމެން މިދޭ 15 ޕަސެންޓް ނޫނީ ފަސް ޕަސެންޓް ޑިސްކައުންޓް ނުދެން. އޭރުން އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން ޖީއެސްޓީ ބައި ކަވަރުކުރެވޭނެ،" އެހެން ވެރިއަކު ބުންޏެވެ.

ޖީއެސްޓީ ނުނަގާ ކަމަށް ބުނާ ފިހާރަތަކުގައި ވެސް ޖީއެސްޓީ ނެގުމަށް މީރާގައި ރަޖިސްޓްރީ ކޮށްފައިވާ ސެޓްފިކެޓް ފެންނަގޮތަށް އެބަހުއްޓެވެ.

މީރާގެ ޑައިރެކްޓާ އޮފް ރެވެނިއު ސާވިސަސް ފަތުހުﷲ ޖަމީލް މިއަދު ވިދާޅުވީ ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައި "ޖީއެސްޓީ ފުރީ" ފިހާރައެއް ނުހުންނާނެ ކަމަށެވެ. ފަތުހުﷲ ވިދާޅުވީ އެއީ ކަސްޓަމަރުންނަށް އޮޅޭ ގޮތަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން އެފަދަ ކަންކަން ސަމާލުކަމަށް ގެންނާނަން. އެއީ ކަސްޓަމާ ޕްރޮޓެކްޝަން ލޯގެ ދަށުން މަނާކަމެއް. އެއީ އޮޅޭ ގޮތަށް ކޮށްފައިވާ ކަމެއް،" ފަތުހުﷲ ވިދާޅުވި އެވެ.

ސަންއަށް ކަށަވަރުވެފައިވާ ގޮތުގައި އެ އިޝްތިހާރުތަށް ނެގީ ޓްރޭޑް މިނިސްޓްރީގެ އެންގުމުގެ މަތިން ނެވެ.
އެކަމާ ގުޅޭގޮތުން ޓްރޭޑުގެ ބަހެއް ވަނީ އަދި ލިބޭގޮތް ނުވެފަ އެވެ.