ހިތަށް ހޮޅި ލައްވަން ޖެހުން ނުވަތަ މެޑިކަލީ ބުނާ ނަމަ އެންޖިއޯ ޕްލާސްޓީ ހެދުމަކީ މިހާރު ރާއްޖޭގައި އާންމު ބައްޔަކަށް ވެއްޖެއޭ ބުނެފި ނަމަ ގަބޫލުކުރަން ދަތިވެދާނެ އެވެ. އެކަމަކު އެއީ ހަގީގަތެވެ. ގިނަ އަދަދެއްގެ ބަޔަކު ހިތަށް ލޭ ފޮނުވައިދޭ ނާރުތައް ބެދި ފަރުވާ ހޯދަން ޖެހޭ ކަމީ ހަގީގަތެވެ. ނާރުތަށް ބެދެނީ ދިވެހިންގެ ވައްޓަފާޅި ހުންނަ ގޮތުން ކަމަށް ގިނަ ޑޮކްޓަރުން ފާހަގަކުރެ އެވެ. މިއީ ހާޓްއެޓޭކަށް މަގުފަހިވާ ބައްޔެއް ކަމުން ފުރާނައަށް ނުރައްކާތެރިކަން ހުރި ކަމެކެވެ.

އައިޖީއެމްއެޗުގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެ ދިޔަ އަހަރު އެކަނި ވެސް 763 މީހަކު ވަނީ ހިތުގެ ބައްޔަށް ފަރުވާ ހޯދައި އެންޖިއޯ ޕްލާސްޓީ ހަދައިފަ އެވެ. ހިތަށް އެ ލައްވާ ހޮޅިކޮޅު ލެއްވުމަކީ މިހާރު އައިޖީއެމްއެޗުން ކުރެވޭ ކަމެކެވެ. އައިޖީއެމްއެޗުން ބުނި ގޮތުން މިދިޔަ އަހަރު އެންމެ ޅަ އުމުރަށް 26 އަހަރުގެ ކުއްޖަކު ވެސް ވަނީ ހިތަށް ހޮޅިކޮޅު ލައްވައިފަ އެވެ. ޑޮކްޓަރުން ފާހަގަކުރާ ގޮތުން އާންމުކޮށް ހިތަށް ހޮޅިކޮޅު ލައްވަން ޖެހެނީ އުމުރުން 40 އަހަރުން މަތީގެ މީހުންނަށެވެ. އެކަމަކު މަދު ފަހަރަކު އެއަށް ވުރެ ދަށް އުމުރުގެ މީހުން ވެސް ހިތަށް ހޮޅިކޮޅު ލައްވަން ޖެހެ އެވެ.

ނޫސަންދައިގައި ހުންނަ ކާޑިއެކް ޑައިގްނޯސްޓިކް ލެބް --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ހިތަށް ލޭ ނާރު ބެދެން ދިމާވާ ސަބަބުތަކާއި ބަލި ދެނެގަންނާނެ ގޮތް

  • ކޮލެސްޓްރޯލް މަތިވުން
  • ލޭ މައްޗަށް ދިއުން
  • ދުންފަތުގެ އިސްތިއުމާލު ކުރުން، ސިނގިރެޓް ބުއިން
  • ތެލާއި ހަވާދު ހުންނަ ކާނާ ގިނައިން ކެއުން
  • ކަސްރަތު މަދުވުން
  • އެނާޖީ ޑްރިންކްސްތައް ބޭނުން ކުރުން

ހިތަށް ހޮޅިކޮޅު ލައްވަންޖެހޭނީ ނުވަތަ އެންޖިއޯ ޕްލާސްޓީ ހަދަން ޖެހެނީ ހިތަށް ލޭ ފޮނުވައި ދިނުމަށް އިންނަ ހޮޅިތައް ބެދުމުންނެވެ. އެތަނުން އެއް ހޮޅި ބެދުނަސް ހިތަށް ހޮޅިލައްވަން ޖެހެ އެވެ. ޕޮލިސް މެޑިކަލްގައި އަދި ސެންޓަރަލް މެޑިކަލް ސެންޓަ އަދި އީވު ކްލިނިކްގައި ވެސް މަސައްކަތް ކުރައްވާ ހިތުގެ ބަލީގެ ހާއްސަ ޑޮކްޓަރު ޑރ. މުހައްމަދު ހަނީފް ވިދާޅުވި ގޮތުން އޭނާއަށް ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ ގިނަ ބަޔަކީ އެންޖިއޯ ޕްލާސްޓީ ހަދަން ޖެހޭ މީހުންނެވެ. އެމީހުން ފުރަތަމަ ޑޮކްޓަރަށް ދައްކަން އަންނަނީ މެޔަށް ތަދެއް އަރާތީ މެއިން ދިލަ ނަގާތީ ނުވަތަ ހިނގާލާއިރަށް ވަރުބަލިވުމާއި އަބަދު ވަރުބަލިކަން އިހުސާސްވެފައި ހުންނަން ފެށުމުން ކަމަށް ޑރ. ހަނީފް ވިދާޅުވި އެވެ. އެހިސާބުން އެއީ ހިތުގެ މައްސަލައެއްތޯ ބަލަން ޓެސްޓްތައް ހަދަން ޖެހޭ ކަމަށް ޑރ. ހަނީފް ވިދާޅުވި އެވެ.

ހިތުގެ ބަލީގެ ހާއްސަ ޑޮކްޓަރު ޑރ. ހަނީފް "ސަން" އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

"ބަލިމީހާދޭ މައުލޫމާތަށް ބަލާފައި އެއޯ ކޮރޯނަރީ އާޓަރީ ޑިސީސްއަށް ވެދާނެތޯ ބަލަންވެގެން އަހަރެމެން މި ހަދަނީ ވަކި ހާއްސަ ޓެސްޓްތަކެއް. އޭގެ ތެރޭގައި އެންމެ ފުރަތަމަ ވެސް މި ނަގަނީ އީސީޖީ. ބައެއް ފަހަރަށް ކޮރޯނަރީ އާޓަރީ ޑިސީސްއެއް ހުރިކަން ނޭނގިދާނެ ހަމައެކަނި އީސީޖީން. އީސީޖީން އެނގޭނީ މޭޖާ ހާޓްއެޓޭކް އެއްޗިހި. މައިނާ ހާޓްއެޓޭކް އެއްޗިހި ނޭނގިދާނެ. ދެން ހަދަން މިޖެހެނީ ކާޑިއެކް އެންޒައިމް. އެވެސް ނޯމަލް ވެދާނެ. ދެން ހަދާނީ އެކޯ ކާޑިއޯ ގްރަފީ. އޭގެން ވެސް ނޯމަލްވެއްޖެއްޔާ ދެން ދާނީ ޓްރެޑްމިލް ޓެސްޓަށް އެއަށް ވަރަށް ގިނަ މީހުން ޕޮސިޓިވްވޭ. ދެން ދަނީ އެންޖިއޯ ގްރާމްއަކަށް." ބަލި ދެނެގަތުމަށް ހަދަން ޖެހޭ ޓެސްޓްތަކުގެ ތަފްސީލެއް ދެއްވަމުން ޑރ. ހަނީފް ވިދާޅުވި އެވެ.

އެންޖިއޯ ގްރާމް ހެދުމަށް ހަށިގަނޑުގެ ތެރެއަށް ފޮނުވާލާ ޑައި ފޮނުވާލުމުން ހިތުގެ ހުރިހާ ނާރުތަކެއް ފެންނާނެ ކަމަށާއި، އޭރުން ނާރުތައް ބްލޮކްވެފައި ހުންނަ މިންވަރު ފެންނާނެ ކަމަށް ޑރ. ހަނީފް ވިދާޅުވި އެވެ. ވަކި ވަރަކަށް ނާރެއް ނުވަތަ ނާރުތަށް ބެދިފައި ހުރި ނަމަ ހޮޅިކޮޅު ލައްވަންޖެހޭ ކަމަށް ޑރ. ހަނީފް ވިދާޅުވި އެވެ.

ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ހިތަށް ލޭ ފޮނުވައިދޭ އެނާރު ބެދެން މަގުފަހިވާކަން ފާހަގަކޮށް ޑރ. ހަނީފް ވިދާޅުވީ ޅައުމުރުގައި ބޮއި ސިނގިރެޓްގެ އަސަރު ފެންނަނީ އުމުރުން 40 އަހަރުން މައްޗަށް ދިޔުމުން ކަމަށެވެ.

އުމުރަށް ބޭސްކާން ޖެހޭ ބައްޔެއް

ހިތުގެ މި ބައްޔަކީ މުޅި އުމުރަށް ބޭސްކާން ޖެހޭ ބައްޔަކެވެ. އަދި ބޭހުގެ ސަބަބުން ބައެއް މީހުންނަށް އެކި ސައިޑް އިފެކްޓްސްތައް ވެސް ފެންނަ ބައްޔެއް ކަމަށް ޑރ. ހަނީފް ފާހަގަކުރެއްވި އެވެ. ސްޓެންޓް ލެއްވުމަށް ފަހު ކާންޖެހޭ ބޭހުގެ ސަބަބުން ކަރުންނާއި ނޭފަތުން ލޭ އައުން ފަދަ ކަންކަން ދިމާވާނެ ކަމަށް ޑރ. ހަނީފް ވިދާޅުވި އެވެ. ގައި ހިރުވާ މައްސަލަ އާއި ގޭހުގެ މައްސަލަ ވެސް ދިމާވެދާނެ ކަމަށް ވިދާޅުވި އެވެ.

މުޅި އުމުރަށް ކާން ޖެހޭ ބޭހުގެ ތެރޭގައި ލޭ ދިޔާ ކުރަން ދޭ ބޭހާއި ކޮލެސްޓްރޯލް ބޭސް ވެސް ހިމެނޭ ކަމަށް ޑރ. ހަނީފް ވިދާޅުވި އެވެ.

ބަލި ތަހައްމަލު ކުރާ މީހުންގެ އިހުސާސްތައް

ހިތަށް ލައްވަން ޖެހޭ ހޮޅިކޮޅު ލައްވަން ޖެހި، ހިތުގެ ބަލީގެ ވޭނުގައި އުޅެން ޖެހުނު އެކަކީ ނިމުނު ވެރިކަމުގައި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އަހުމަދު މުހައްމަދު އެވެ. އަހުމަދު މުހައްމަދު ވިދާޅުވީ އޭނާ އެންމެ ފުރަތަމަ ވަރުބަލިވާން ފެށީ ކަމަށެވެ. ކުޑަ ތަންކޮޅަކަށް ހިނގާލިޔަސް ސިޑިން އެރިޔަސް ވަރަށް ބޮޑަށް ވަރުބަލިވާ ކަމަށް އަހުމަދު ވިދާޅުވި އެވެ.

"ހާޓް ބީޓް ވެސް ވަރަށް މަތިކަން އިހުސާސް ކުރެވޭ. ބްލްޑް ޕްރެޝަރު ވަރަށް މަތިކޮށް ހުންނަނީ. އެހުރިހާ ކަމެއް ދިމާވާތީ ޑޮކްޓަރަށް ދެއްކުމުން ޓްސްޓުތައް ހަދަން ބުނީ." އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

އޭނާއަކީ 15 އަހަރުވަންދެން ސިނގިރޭޓް ބުއި މީހެއް ކަމަށާއި އެއްވެސް ވަރަކަށް ހަށިގަނޑަށް ނުބަލައި ކަސްރަތު ކުރުމެއް ނެތި އުޅުނު ކަމަށް ވިދާޅުވި އެވެ. އަދި ފިޒީ ޑްރިންކްސް ބުއިމާއި، ގިނައިން ހަކުރު ހުންނަ އެއްޗިހި ބޭނުން ކުރުމަކީ ކުރިން އާދައެއް ކަމަށް އަހުމަދު މުހައްމަދު ވިދާޅުވި އެވެ. ނަމަވެސް އެދިރިއުޅުމުގެ ވައްޓަފާޅި އަކީ އޭނާގެ ހިތަށް ލޭ ދައުރުކޮށްދޭ ހޮޅިތައް ބެދި މިއަދު ހިތަށް ހޮޅި ލައްވައިގެން އުޅެން ޖެހުނު ސަބަބު ކަމަށް އަހުމަދު މުހައްމަދު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑަށް މި އުޅެވެނީ ހިތަށް ހަތަރު ހޮޅިކޮޅު ލައްވައިގެން. މިހާރު ސިނގިރެޓް ބުއިން އެއްކޮށް ހުއްޓާލައިފިން. ޖިމަށް ދަން. ދުވާލަކު އެއް ގަޑިއިރު ހިނގަން. ވަރަށް ބޮޑަށް ލައިފް ސްޓައިލަށް ބަދަލުގެނެސްގެން މިއުޅެނީ." އަހުމަދު ވިދާޅުވި އެވެ.

ހިތަށް ހޮޅިލެއްވިޔަސް އިތުރު ކަންތައްތަކެއް!

ހިތަށް ލޭ ފޮނުވަދޭ ހޮޅި ބެދިގެން ހިތަށް ހޮޅި ލައްވަން ޖެހުނު އެހެން މީހަކު ވެސް ވަނީ އޭނާ ތަހައްމަލު ކުރަން ޖެހުނު ދުވަސްތައް 'ސަން' އަށް ކިޔައިދީފަ އެވެ. އޭނާ ބުނި ގޮތުން އެންމެ ފުރަތަމަ މަސް ބާނަން ހުއްޓައި މެޔަށް ތަދެއް އެރީ އެވެ. އަދި މުޅި މީހާ ދާ ހިއްލައި މޭން ދިލަ ނަގައި ގޮތެއް ވާން ފެށުމުން މަޑު މަޑުން އިށީނދެލީ ކަމަށް އޭނާ ބުންޏެވެ.

"ދެން ފަހުން ހަމައަކަށް އެޅިއްޖެ. އެހެން ހުރެ އޭގެ ދެރޭ ފަހުން ނިދާފައި އޮއްވާ އަނެއްކާ މެޔަށް ވަރަށް ބޮޑަށް ތަދުއެރީ އަރައިގެން ޑޮކްޓަރަށް ދެއްކީމަ އެނގުނީ ހޮޅިއެއް ބެދިފައިކަން. އެމެޖެންސީކޮށް މާލެ އައިސް އޮޕަރޭޝަން ކުރީ." އޭނާ ކިޔައިދިނެވެ.

ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުނީ ހިތުގެ ހޮޅިތައް ހިމަވެފައި ހުރީމާ ގިނައިން ސިނގިރޭޓް ބުއިމުން ކަމަށެވެ. އޭނާ އަކީ ދުވާލަކަށް ފޮއްޓަކަށް ވުރެ ގިނައިން ސިނގިރެޓް ބުއި މީހެއް ކަމަށް ބުންޏެވެ.

އޮޕަރޭޝަން ކުރި ފަހުން ވެސް މާބޮޑު ހަމަޖެހުމެއް ނުލިބެ އެވެ. ކާން ޖެހޭ ބޭހެއްގެ ސަބަބުން އަނގަައިން ލޭ އާދެ އެވެ. އަދި ހިތުގެ އިތުރު ދެ ހޮޅިއެއް ހިމަވެފައި ހުރުމުގެ ސަބަބުން ދެން އިތުރަށް މެޔަށް ތަދު އަރާނީ ކޮން އިރަކުންކަން ނޭނގި ބިރެއްގެ ތެރޭގައި ހުންނަން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ. މިހާރު އޭނާ ވެސް ކަސްރަތު ކުރެ އެވެ. އަދި ކެއުމަށް ބަލައި ސިނގިރެޓް ވެސް މުޅިން ހުއްޓާލައިފި އެވެ. އެކަމަކު ދިރިއުޅުން އަދިވެސް ވަނީ ބިރެއްގެ ތެރޭގަ އެވެ.

ޑޮކްޓަރުންގެ އިރުޝާދު: ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރޭ

ހަށިގަނޑަށް ގެއްލުން ހުރި ބައެއް ކާނާ --

ހިތުގެ ބަލީގައި ނޫން ނަމަ އެންޖިއޯ ޕްލާސްޓީ ހަދަން ޖެހޭ ވަރުވެގެން ޑޮކްޓަރަށް ދައްކާ މީހުންނަށް ޑޮކްޓަރުން އަބަދު ވެސް ބުނާ ވާހަކައަކީ ތިހެން ތިޔަ ދިމާވީ ލައިފްސްޓައިލްގެ ސަބަބުން ކަމަށެވެ. ސިނގިރެޓް ބުއިމާއި ކެއުމުގައި ބޭނުން ކުރާ ފާސްޓްފުޑް ތެޔޮ އަދި ހަވާދު ގިނައިން ހުންނަ ކާނާ ބޭނުން ކުރުމަކީ ހިތަށް ލޭ ފޮނުވައިދޭ ހޮޅި ބެދޭ ސަބަބެއްގެ ގޮތުގައި ޑޮކްޓަރުން ފާހަގަ ކުރެ އެވެ.

އޭގެ އިތުރުން ޑރ. ހަނީފް ލަފާ ދެއްވީ ބަލީގެ އަލާމާތެއް ނުވަތަ ބައްޔެއް ނެތްހެން ހީވިޔަސް އަހަރަކު އެއްފަހަރު ނުވަތަ ހަމަހުން އެއްމަހު މެޑިކަލް ޗެކަޕް ހަދާލުމަށެވެ. ތެދެކެވެ. ރާއްޖޭގައި މިހާރު ހިލޭ ބޭސްފަރުވާކުރެވޭ އިރު އަމިއްލަ ސިއްހަތުގެ ސަލާމަތަށް ޓަކައި މެޑިކަލް ޗެކަޕެއް ހަދާލުމަކީ ފައިދާ ކުރާނެ ކަމެކެވެ.

"މިދިޔަ ޗުއްޓީގައި. ހަމައެކަނި ޗުއްޓީއަށް މާލެ ޒިޔާރަތްކުރި ޓީޗަރެއް އެއީ. އަޅުގަނޑަށް ދައްކާލީ ހަމައެކަނި މެޑިކަލް ޗެކަޕެއް ހަދަން. ހަމަ އެދުވަހުން އެދުވަހަށް އެކުއާ ޓީއެމްޓީ ޕޮސިޓިވްވެގެން އައިޖީއެމްއެޗަށް ގޮސް ޓެސްޓްތައް ހެދިއިރު އެއް ނާރު ބްލޮކްވެފައި. ސްޓެންޓް ލެއްވި." ޑރ. ހަނީފް ވިދާޅުވި އެވެ.

އެހެންވީމާ ކުރިއާލާ މެޑިކަލް ޗެކަޕް ހެދުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. އަނެއް ކަމަކީ ދިވެހިންގެ ކެއުން ބުއިމުގެ އާދަކާދަ ހުންނަ ގޮތެވެ. ކުއްޖާ ކުޑައިރުއްސުރް ފާސްޓްފުޑާއި ތެޔޮ ހުންނަ ކާނާ ދިނުމަކީ ބޮޑުވެގެން އަންނަ އިރު ހިތުގެ މައްސަލަތަކަށް މަގުފަނިފާނެ ކަމެއް ގޮތުގައި ޑޮކްޓަރުން ފާހަގަކުރެ އެވެ. އޭގެ އިތުރުން ސިނގިރެޓް ބުއިމާއި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހިތުގެ ބަލީގައި ބޮޑު ދައުރެއް އަދާކުރާ ނޭދެވޭ ކަމެކެވެ. މިކަންކަމުން ދުރުވާން ޖެހެ އެވެ. އަދި ގަވައިދުން ކަސްރަތު ކުރުން އާދައަކަށް ހަދަން ޖެހެ އެވެ. ބަލިވުމުގެ ކުރިން ބަލިން ސަލާމަތްވާން މަސައްކަތް ކުރަން ޖެހެ އެވެ.