11 Feb 2019, 13:22
ރާއްޖޭގެ ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ހަނދާނުގައި އަމީނިއްޔާ ސްކޫލުން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ މުހައްމަދު އަމީން ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ސްކޮލަޝިޕަކީ އަމީނިއްޔާ ސްކޫލުގެ ރަންޔޫބިލް ހަރަކާތާ ގުޅިގެން އުފައްދާފައިވާ ޓްރަސްޓް ފަންޑުގެ ދަށުން 1995 އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ ސްކޮލަޝިޕެކެވެ.
އެ ސްކޫލުން ބުނީ އެ ސްކޮލަޝިޕަކީ އަތޮޅުތަކުގެ ސްކޫލްތަކުން ގްރޭޑް ހަތެއް ނިންމުމަށް ފަހު ސާނަވީ ތައުލީމު ހާސިލްކުރުމަށް އެ ސްކޫލަށް ވަންނަ ދަރިވަރުންގެ ތެރެއިން އެ ސްކޮލާޝިޕްގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި ނަގާ ޓެސްޓަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރަށްދޭ ސްކޮލާޝިޕެއް ކަމަށެވެ.
އަދި މި އަހަރުގެ މުހައްމަދު އަމީން ސްކޮލާޝިޕަށް ޝަރުތު ހަމަވާ ދަރިވަރުން އެކަމަށް އެދި އަންނަ ހަފްތާ އާދިއްތަ (17ވާ ފެބްރުއަރީ)ގެ 13:00ގެ ކުރިން ސްކޫލަށް ސިޓީ ފޮނުވަން ޖެހޭނެ ކަމަށެވެ.
އަދި ސްކޮލާޝިޕަށް ޝަރުތު ހަމަވާ ދަރިވަރުންގެ ލިސްޓެއް އަންނަ ހޯމަ ދުވަހު ސްކޫލުގެ ނޯޓިސްބޯޑުގައި ބެހެއްޓޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އަމީން ދީދީ އެވޯޑުގެ ޝަރުތުތައް:
2018 ޖަނަވަރީ އެކަކަށް 14 އަހަރު ނުފުރޭ ކުއްޖެއް ކަމުގައިވުން.
- 2018 ވަނަ އަހަރު މާލެ، ވިލިނގިލި، ހުޅުމާލެ ފިޔަވައި އެހެން ރަށެއްގެ ސްކޫލެއްގައި ދިރާސީ އަހަރު ގްރޭޑް ހަތެއް ނިންމި ކުއްޖަކަށްވުން.
- އަހުލާގު ރަނގަޅު ކުއްޖެއް ކަމުގައިވުން.
- 2018 ވަނަ އަހަރުގެ ފަހު ޓާމްގެ ފައިނަލް އެވްރެޖް 75 ޕަސެންޓް ނުވަތަ އެއަށް ވުރެ މަތިން ފާސްވެފައިވުން.
އެވޯޑަށް ކުރިމަތިލާ ދަރިވަރުންގެ މެދުގައި ނަގާ އިމްތިހާން އޮންނާނީ 21 ފެބްރުއަރީ (ބުދަ) ދުވަހު ހެނދުނާއި މެންދުރު ފަހު އެވެ. އަދި އިމްތިހާންގެ ނަތީޖާ ދޫކުރާނީ މި މަހުގެ 25 ވަނަ ދުވަސް ވާ ހޯމަ ދުވަހުގެ 12:00ގެ ފަހުންނެވެ.
މުހައްމަދު އަމީން އެވޯޑް ހޯދާ ކުއްޖެއްގެ އޯލެވެލް އިމްތިހާނު ނިމެންދެން ކިޔެވުމުގެ ހުރިހާ ހަރަދެއް އަމީނިއްޔާ ސްކޫލުން ބަލަހައްޓާނެ އެވެ. އަދި އެ ދަރިވަރަކަށް އެ ސްކޫލުގެ ފަރާތުން ޕޮކެޓް މަނީ އެއްވެސް ދެ އެވެ.