11 Feb 2019, 11:18
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމު ކުރުމުން އެ ލިސްޓަށް 1256 ޝަކުވާ ހުށަހެޅި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ވޯޓާސް ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިއަ މަހުގެ 30 ވަނަ ދުވަހު އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހަމަވި އިރު 1256 މީހަކު ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ވޯޓުލާ އެޑްރެސް ބަދަލުވުމާއި ދާއިރާ ބަދަލުވެފައި ހުރި ކަމުގެ ޝަކުވާތައް ކަމަށް އަކްރަމް ވިދާޅުވި އެވެ.
" އެޑްރެސް ބަދަލުވެފައި ހުރި މައްސަލަތައް އަޅުގަނޑުމެން ޑީއެންއާރަށް ފޮނުވައިގެން މިދަނީ ބަލަމުން. ޝަކުވާތަކަށް ހައްލުގެނެސް ވޯޓާސް ލިސްޓު މިމަހުގެ 15 ވަނަ ދުވަހު އާންމު ކުރަން އިލެކްޝަނުން މިދަނީ މަސައްކަތް ކުރަމުން." އަކްރަމް ވިދާޅުވި އެވެ.
ވޯޓާސް ލިސްޓަށް އިސްލާހު ގެނައުމަށް ފަހު އާންމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހަޅަން 10 ދުވަސް ދޭނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެ ފުރުސަތު ބަންދު ވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އަކްރަމް ވިދާޅުވީ މިހާތަނަށް ކެންޑިޑެސީ ހުށަހަޅާފައިވަނީ 88 ފަރާތަކުން ކަމަށެވެ.
ޕާޓީތަކުގެ ތެރެއިން އެމްޑީޕީން ވަނީ މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް އެ ޕާޓީގެ ކެންޑިޑޭޓުންގެ ކެންޑިޑެސީތައް ހުށަހަޅާފަ އެވެ. އެހެން ޕާޓީއަކުން އަދި ކެންޑިޑެސީ ހުށަހަޅާފައެއް ނުވެ އެވެ. މަޖިލިސް އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ.