09 Oct 2011, 16:18
އިސްލާމިކް މިނިސްޓަރުކަމުން ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އިސްތިއުފާދެއްވުމަށްފަހު އަލުން އަނބުރާ އެމަގާމާ ހަވާލުވެވައިގަތުމަކީ ޕާޓީގެ ނިންމުމާއި ހިލާފަށް ކުރެއްވި "އަހުލާގީ ގޮތުން ދަށް" ކަމެއް ކަމަށް އަދާލަތުން ބުނެފި އެވެ.
އެޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، ޢަދާލަތު ޕާޓީި އެމްޑީޕީއާ އެކު ހަދާފައިވާ ކޯލިޝަނުން ވަކިވުމަށް އެޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާ ނިންމުމަށް އިހުތިރާމްކުރުމަށް ކަމަށް ވިދާޅުވެ، މިނިސްޓަރުކަމުން ޑރ. މަޖީދު އިސްތިއުފާ ދެއްވުމަށްފަހު އަލުން އަނބުރާ އެމަގާމާ ހަވާލުވެޑައިގަތުމަކީ ކަނޑައެޅިގެން އެޕާޓީގެ ނިންމުމާއި އަދި ދުސްތޫރާ ހިލާފަށް ކުރެއްވި ކަމެއް ކަމަށެވެ.
އަދި އެއީ އަދާލަތުގެ އިލްމެރިންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ކުރައްވާފައިވާ ހުވަޔާއި އަދި އިލްމުވެރިންގެ މަޖްލީހުގެ މެންބަރުން ހިފަހައްޓަން ދުސްތޫރުން ޝަރުތުކުރާ ކަންކަމާ ވެސް ޚިލާފަށް ނިންމާފައިވާ އަހުލާގީ ގޮތުން ދަށް ނިންމުމެއް ކަމަށް ވެސް އަދާލަތުން ބުނެފައިވެ އެވެ.
"އަދި މިއީ އަދާލަތުޕާޓީ އާއި އަދި ޕާޓީއަށް ނިސްބަތްވެވަޑައިނުގަންނަވާ ދިވެހި ރާއްޖޭގެ ޝަރަފްވެރި ދީނީ ގިނަ ޢިލްމުވެރިންގެ ލަފާފުޅާއި ޚިލާފަށް ކުރެއްވި އަމަލެކެވެ. އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖްލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ކުރައްވާފައިވާ ހުވަޔާއި، އިލްމުވެރިންގެ މަޖްލީހުގެ މެންބަރުން ހިފަހައްޓަން ދުސްތޫރުން ޝަރުތުކުރާ ކަންކަމާ ވެސް ހިލާފަށް ނިންމާފައިވާ އަހުލާގީގޮތުން ދަށް ނިންމުމެއްކަމަށް އަދާލަތުން ދެކޭ ހިނދު، ޑޮކްޓަރ ޢަބްދުލްމަޖީދު އަބްދުލްބާރީ މި ސަރުކާރުގެ ވަޒީރުކަމާއި ޖަވާލުވުމަށް ނިންމެވި ނިންމެވުން އެންމެ މަތީ ދަރަޖައިގައި ކުށްވެެރިކުރަމެވެ،" އަދާލަތުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަލުން މަގާމާ ހަވާލުވެވަޑައިގަތުމަށް އަދާލަތުޕާޓީއާއި މަޝްވަރާކުރައްވާފައިވާ ކަމަށް ވިދާޅުވެ ކަނޑައެޅިގެން އިތުރުފުޅު ހައްދަވާފައިވާތީ ހިތާމަކުރާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.
އެކަމާ ޢަދާލަތު ޕާޓީގެ މެމްބަރުން އެއްގޮތަކަށްވެސް މާޔޫސް ނުވުމަށާއި އެޕާޓީގެ ގިޔާދަތު ވަނީ ދިވެހި ރާއްޖޭގެ މާތްވެގެންވާ އިސްލާމްދީނާއި ގައުމުގެ ސިޔާދަތު ރައްކާތެރި ކުރުމަށް އަޒުމް ކަނޑައަޅައިގެން ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެމަގުގައި "ފައިތިލަ ސާބިތު ކޮށްނުލެވުމުގެ ސަބަބުން ބައެއްބޭފުޅުން ފަހަތަށް ޖެހިވަޑައިގެންނެވިކަމުގައި ވިޔަސް" އަދާލަތު ޕާޓީ އޭގެގޮތުގައި، ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދީފައިވެ އެވެ.