11 Feb 2019, 11:15
ފ. މަގޫދޫގައި ހުންނަ އިޓަލީގެ ބިކޯކާ ޔުނިވާސިޓީގެ އައުޓްޕޯސްޓްގެ އެއްބަސްވުން 10 އަހަރަށް އާކޮށްފިއެވެ.
އިއްޔެ މަގޫދޫގެ ސޯޝަލް ސެންޓަރުގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ރަށުގެ ކައުންސިލްގެ ފަރާތުން ރައީސް އަބްދުﷲ ވަހީދު ސޮއި ކުރެއްވި އިރު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދެވެ. އަދި ބިކޯކާ ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ ރެކްޓަރ މާރިޔް ކްރިސްޓީނާ މެސާއެވެ.
އެ ރަސްމިއްޔާތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަތެވެ.

އިޓަލީގެ ބިކޯކާ ޔުނިވާސިޓީގެ އައުޓްޕޯސްޓްގެ އެއްބަސްވުން އާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
އެ ޔުނިވާސިޓީ އައުޓް ޕޯސްޓަކީ އެކިއެކި މެރިން ރިސާޗްތައް ކުރުމުގެ ގޮތުން ހިންގާ ތަނެކެވެ. މަގޫދޫ ކައުންސިލްގެ ނާއިބު ރައީސް އިބްރާހިމް ޒުހޫރު ވިދާޅުވީ އެ ތަނަށް މިހާރުވެސް މަހެއްގެ މައްޗަށް 20 އާއި 25 ދަރިވަރުން އެކި ރިސާޗްތަަކަށް އެ އައުޓްޕޯސްޓަށް ޒިޔާރަތްކުރާ ކަމަށެވެ.
ބިކޯކާގެ އައުޓް ޕޯސްޓް އެންމެ ފުރަތަމަ ހުޅުވީ 2011 ވަނަ އަހަރުއެވެ. ނަމަވެސް މިދިޔަ އަހަރު އެ އެއްބަސްވުން ހަމަވި ނަމަވެސް ކުރީގެ ސަރުކާރުން ވަނީ އެއްބަސްވުން އާނުކޮށްފައެވެ.