މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމާގެ ގާނޫނުގެ ދަށުން އަހަރަކު އެއް މިލިއަން ރުފިޔާގެ އާމްދަނީ ވަންނަ ފިހާރަތަކުން މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ނަގަން ފަށާފައިވާ ޖީއެސްޓީ (ގުޑްސް އެންޑް ސާވިސަސް ޓެކްސް) ނެގުން ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ހައި ކޯޓްގައި އެދިއްޖެ އެވެ.

ޖީއެސްޓީ ނަގަމުން ދަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ ހައި ކޯޓަށް ވައްދާފައިވާ ދުސްތޫރީ މައްސަލާގެ ފުރަތަމަ އަޑު އެހުމުގައި ދައުވާ ހުށަހެޅުއްވުމަށް ފަހު ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ހައި ކޯޓުގައި އެދިފައި ވަނީ ޖީއެސްޓީ ނަގަމުންދަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވާތީ، މައްސަލާގައި ފައިސަލާ ކުރަނިވި ހުކުމެއް ކޯޓުން ކުރަންދެން ޖީއެސްޓީ ނެގުން ހުއްޓުވައި ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ވަކީލް އަލީ ހުސައިން ވިދާޅުވީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނުގެ 51 ވަނަ މާއްދާއަކީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާ އާއި 20 މާއްދާއާ ހިލާފު މާއްދާއެއް ކަމަށެވެ. އަދި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނަގަމުންދާ ގާނޫނުގެ 64 މާއްދާއަކީ ވެސް ގާނޫނު އަސާސީގެ 16 ވަނަ މާއްދާއާ ހިލާފު މާއްދާއެއް ކަމަށެވެ. އެހެން ކަމަށްވުމާ އެކު ޖީއެސްޓީ ގާނޫނުގެ 51 މާއްދާއާއި 64 މާއްދާ ގާނޫނު އަސާސީއާ ހިލާފު މާއްދާއެއް ގޮތުގައި ކަނޑައަޅައި ދިނުމަށް ވެސް އެދިފައިވެ އެވެ. އަދި މުދަލާ ހިދުމަތުގެ އަގުން ޖީއެސްޓީ ނަގަމުންދަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވާތީ އެ ގާނޫނަކީ އިންސާފުގެ ހަމަތަކުން އަމަލު ކުރަމުން އަންނަ ގާނޫނަކަށް ނުވާތީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަކީ ބާތިލު ގާނޫނެއް ކަމަށް ކަނޑައަޅައި ދިނުމަށް ވެސް ވިޔަފާރިވެރިންގެ ޖަމިއްޔާ އިން މިއަދު ކޯޓްގައި އެދުނެވެ.

މާއްދާތައް ގާނޫނު އަސާސީއާ ތައާރަޒުވާ މިންވަރު ބަޔާން ކޮށްދެއްވަމުން އަލީ ހުސައިން ވިދާޅުވީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނަގުމުގެ ގާނޫނަށް އަމަލު ކުރަން ޖެހޭނީ އެ ގާނޫނު ގެޒެޓް ކުރާތާ 30 ދުވަހުގެ ތެރޭގައި ކަމަށް އެ ގާނޫގެ 64 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް އެ ގާނޫނަށް އަމަލު ކުރަން ފަށާފައި ވަނީ ގާނޫނު ގެޒެޓް ކުރި ދުވަހު (އޮކްޓޫބަރު 2، 2011) ކަމަށެވެ. އެހެން ކަމުން އަމަލް ކުރަން ނުޖެހޭ ތާރީހެއްގައި ގާނޫނަށް އަމަލް ކުރުމުން ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަން ބަޔާންކޮށްފައިވާ 16 ވަނަ މާއްދާއާ އެ ގާނޫނު ހިލާފުވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖީއެސްޓީ ނަގަން ޖެހޭ ފިހާރަތައް ރަޖިސްޓްރީ ކުރުމަށް 30 ދުވަހުގެ މުއްދަތެއް ގާނޫނުގައި ދީފައިވާ ކަމަށާއި އެ ގޮތުން މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ބައެއް ފިހާރަތަކުން ޖީއެސްޓީއަށް ރަޖިސްޓްރީ ނޮކޮށް އާންމު ރައްޔިތުންގެ ކުރާ ވިޔަފާރިތަކުން ޖީއެސްޓީ ނަގަމުންދާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. އަދި ޖީއެސްޓީއަށް ރައްޔިތުން ތައްޔާރު ނުވާ ކަމަށާއި އާންމު ރައްޔިތުންނަށް ޖީއެސްޓީގައި ވާނުވާ ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަށީގެންވާ ވަރަށް ވިޔަފާރިވެރިން ޖީއެސްޓީއަށް ތައްޔާރުވެފައި ނުވުމުން ވަކިލާރީގެ މައްސަލަ ކުރިމަތިވާ ކަމަށާއި ޖީއެސްޓީ ނަގަންޖެހޭ ބާވަތްތަކުން 3.5 ޕަސެންޓް ޖީއެސްޓީ ނެގުމުން ބާކީ ދޭން ޖެހޭ ވަކިލާރީގެ މައްސަލަ ކުރިމަތިވާ ކަމަށެވެ. އަދި ވިދާޅުވީ ވަކިލާރި ދިނުމުގައި ބައެއް ވިޔަފާރިވެރިން އޮޅުވާލުންތަކެއް ގެންގުޅޭ ކަމަށާއި އަދި އަނެއް ބައި ވިޔަފާރިވެރިނަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ވަމުންދާ ކަމަށް ވިދާޅުވި އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ކުރި ދައުވާއަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް މޫސާ އާލިމް ވިދާޅުވީ "ވަކި ލާރީގެ މައްސާލައި ގާނޫނު ހުއްޓުވުމަށް ގެނައުމަކީ އުޒުރެއް" ނޫން ކަމަށެވެ. އަދި އެ މައްސަލައަކީ އިޔާދަ ނުކުރެވޭ ވަރުގެ މައްސަލައެއް ނޫން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަހުމަދު ޝަރީފު ދައުލަތަށް ސުވާލު ކުރެއްވި އެވެ. ޖީއެސްޓީ ނަގަން ފަށާފައި ވަނީ އެކަމަށް ވިޔަފާރިވެރިން ތައާރުވެގެންތޯ ފަނޑިޔާރު ޝަރީފު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް އާލިމް ވިދާޅުވީ "އެއީ ޓެކްނިކަލް ކަމެއް ކަމަށާއި އެކަމަށް ޖަވާބުދޭން އިނގޭނީ މީރާ )މޯލްޑިވްސް އިންލަންޑް ރެވިނިއު އޮތޯރިޓީ( އަށް" ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ ދައުވާއަށް ދައުލަތަށް ޖަވާބު ދިނުމަށް ފުރުސަތު ދެމުންނެވެ. މިއަދުގެ ޝަރީއަތް ހިންގި ވަގުތީ އަމުރާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް ފަނޑިޔާރު ޣަނީ ވިދާޅުވި އެވެ.