19:00


މާލެ، މާލެއަކަށް ވަނީ ހަށި ވިއްކާ ތަންތަން ވެސް ހުރުމުން ކަމަށް މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު ވިދާޅުވެފައި ވަނީ މިހާރުގެ ސަރުކާރުގެ ވިސްނުން އެގޮތަށް ހުރުމުން ކަމަށް އިދިކޮޅު ޑީއާރުޕީން ބުނެފި އެވެ.


މިދިޔަ ހޯމަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި އާންމު ބައްދަލުވުމުގައި، މާލެ، މާލެއަކަށް ވަނީ ހަށި ވިއްކާ ތަންތަން ވެސް ހުރުމުން ކަމަށް މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު ވިދާޅުވެފައިވާތީ އެކަން ކުށްވެރިކޮށް، އިދިކޮޅު ޑީއާރުޕީގެ ނާއިބު ލީޑަރު އުމަރު ނަސީރު މިއަދު ވިދާޅުވީ، މާލެ މާލެއަކަށް ވާނީ ހަށި ވިއްކާ ތަންތަނާއި ބަނގުރާ ވިއްކާ ތަންތަނާއި ނައިޓް ކްލަބްތައް ނެތުމުން ކަމަށެވެ. އަދި މާލޭގެ މޭޔަރު ކަމަށް އާދަމް މަނިކު ކުރިމަތިލައްވާނެ ކަމުގެ އަޑު އިވި ވަޑައިގަންނަވާ އިރު، އާދަމް މަނިކުގެ އެ ވާހަކަ އަކީ ކެމްޕޭންގެ ވާހަކައެއް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.


އެމްޑީޕީގެ އާއްމު ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު ވިދާޅުވެފައި ވަނީ އޭނާ މިހާރު ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ ހިތްހަމަޖެހިވަޑައިގެން ނޫން ކަމަށާއި އެއީ އޮފީހަށް ވަޑައިގަތުމާ އެކު އެކި ފަރާތްތަކުން ގިނަ އަދަދެއްގެ ޝަކުވާތައް އަންނާތީ ކަމަށެވެ. އަދި މާލޭ މީހުން މާލެ އަށް ވިސްނަންވެއްޖެ ކަމަށާއި، މާލެ މާލެއަކަށް ވީ ބައިބޯ ގިނަވެ، މާލޭގައި ހުރިހާ ކަމެއް ލިބެން ހުރުމުން ކަމަށާއި، އެހެން ގޮސް ހަށިވިއްކާ ތަނަކަށް ވެސް މިތާނގައި ތަންތަން ފަދަ ހުރިހާ ކަމެއް ހުރުމުން ކަމަށް ވެސް އާދަމް މަނިކު ވިދާޅުވެފައިވެ އެވެ.