11 Feb 2019, 08:38
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި، ރައީސް ވަނީ އަކިލޭޝް ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ކޮށްދެއްވި މަސައްކަތްތަކަށް ހާއްސަ ޝުކުރެއް ދަންނަވައިފަ އެވެ.
ރާއްޖޭގެ ސަގާފަތާ އަދި ދިވެހި ބަހަށް އަކިލޭޝް ފަރިތަކަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އާ އުސްމިންތަކަށް ކުރިއަރައިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އަކިލޭޝް ވިދާޅުވީ އެމްބެސެޑަރުކަމުގެ މަގާމު ފުރުއްވަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އަދި ދެގައުމުގެ ގުޅުން އާ ފެށުމަކުން ފަށުމުގެ ފުރުސަތު ލިބިގެން ދިއުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.
އެ ބައްދަލުވުމުގައި، ވަނީ ރާއްޖެ އާ އިންޑިއާ އިން އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ވެސްކޮށްފަ އެވެ.
އަކިލޭޝްގެ ބަދަލުގައި އިންޑިއާ އިން ވަނީ ރާއްޖެއަށް އާ ސަފީރެއް ކަނޑައަޅައިފަ އެވެ. އޭނާގެ ބަދަލުގައި ދެން ސަފީރުކަމަށް ވަޑައިގަންނަވާނީ ސަންޖޭ ސުދިރް އެވެ.
އަކިލޭޝް މިޝްރާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް އައްޔަނުކުރެއްވީ 2016 ގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ކެނެޑާގެ ޓޮރޮންޓޯގައި ހުންނަވާ އިންޑިއާގެ ކޮންސުލް ޖެނެރަލްގެ މަގާމުގަ އެވެ.