އެވިޑް ކޮލެޖުން ކޮންމެ އަހަރުަކުވެސް ދެމުންގެންދާ " ނައިބް ރަޝާދު ސްކޮލަރޝިޕް " އަށް ހޮވުނު ގދ. ތިނަދޫ ކެމްޕަސްގައި ކިޔެވަމުންދާ ދަރިވަރުންނަށް ސްކޮލަޝިޕް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

"ނައިބް ރަޝާދު ސްކޮލާޝިޕް" ނަމުގައި ފައުންޑޭޝަން ސްޓަޑީސްގެ ކުދިންނަށް ހާއްސަކޮށް ދޭ އެ ސްކޮލާޝިޕްއަކީ އެވިޑް ކޮލެޖުގެ ޗެއާމަންގެ އަބްދުﷲ މުޝްތާގް ގެ ބައްޕަ މުހައްމަދު ރަޝާދު ހުވަދު އަތޮޅަށް ކޮށްދެއްވި ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން، އެ ކޮލެޖުގެ ޗެއާމަންގެ މަންމަ ފާތިމަތު ނާސިރާ ހުޅުވާލަދެއްވި ފުރުސަތެކެވެ.

ހޮނިހިރު ދުވަހުގެ ރޭ އެވިޑް ކޮލެޖްގެ ތިނަދޫ ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކެމްޕަހުގައި ކޯސްކުރިއަށް ގެންދިއުމަށްއެދި ހުށަހަޅާފައިވާ ފަރާތްތަކުގެތެރެއިން ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް ލިޔުންތައް ޙަވާލުކޮށްދެއްވީ ޗެއާމަން ޢަބްދުﷲ މުޝްތާގް ރަޝާދެވެ.

" ނައިބު ރަޝާދު ސްކޮލަރޝިޕް " ފުރުޞަތުގެ ދަށުން އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހުގައި ސެޓްފިކެޓް 4 އިން ފައުންޑޭޝަން ކޯހުގައި ކިޔެވުމަށް 22 ދަރިވަރަކަށް ސްކޮލަރޝިޕްގެ ފުރުޞަތު ވަނީ ދީފައެވެ.

އެ ސްކޮލާޝިޕްގެ ދަށުން 30 ދަރިވަރަކު މިހާރުވެސް އެވިޑްގެ މާލޭގެ ކެމްޕަސްގައި ދަނީ ކިޔަވަމުންނެވެ.