10 Feb 2019, 23:48
ޖުމްހޫރީ ޕާޓީން ހުންނާނީ މިއަދުގެ ރައުސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ސާބިތުވެ ކަމަށާއި އެ ދޭތެރެ 'ފަނި' ކުރަން އުޅުނު ނަމަވެސް އެކަމެއް ނުވާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ބައެއް ފަރާތްތަކަށް ޓިކެޓް ދެއްވުމަށް މިރޭ އެ ޕާޓީގެ މައި އޮފީސް މ. ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ގާނޫނީ އިމުގެ ތެރޭގައި ހުންނަވާނަމަ ޖޭޕީން އަބަދުވެސް ހުންނަނާނީ ރައީސްއާ އެކު ކަމަށެވެ.
"މީހުންގެ ހައްގުތަކަށް އަރައި ނުގަނެ ކަންތައްތައް ކުރިއަށް ގެންދާ ނަމަ އަޅުގަނޑުމެން ތިބޭނީ އަބަދުވެސް އެމަނިކުފާނާއި އެކުގައި. ހަމަކަށަވަރުން އަޅުގަނޑުމެން ތިބޭނެން ކަން. އެހެންވީމަ މިކަމާއި ދޭތެރޭ ފަނިކުރަން މީހަކު އުޅުނަސް އެކަމެއް ނުވާނެ އެއްވެސް މީހަކަށް. އަޅުގަނޑު އެ ފުރުސަތެއް ނުދޭނަން،" ރައްޔިތުން މަޖިލީހުގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން މިރޭ މ. ކުނޫޒްގައި ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ: އަހްމަދު އަވްޝަން
ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތައް ކުރުމުގައި ޖެޕީ ދެމި އޮންނާނެ ކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ ބައެއް ފަރާތްތަކުން ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށާއި ނަމަވެސް އެކަމާ ޖޭޕީން ފާޅުގައި ދެކޮޅު ހަދާ ކަމަށެވެ. އެގޮތުން ގާސިމް ވަނީ ބަރުލަމާނީ ނިޒާމްގައި ހުރި އުނި ކަންތައްތައް ފާހަގަކޮށް ރިޔާސީ ނިޒާމްގެ ފުރިހަމަ ކަމަށް އަލި އަޅުވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.
"ޖުމްހޫރީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ދިއުމުން އޮތް އެއްވެސް ފައިދާއެއް ނެތްކަން އަޅުގަނޑުމެނަށް އެނގެނީ. މިނިސްޓަރުން ސަރުކާރުން ޒިންމާދާރުކުރުމަށް މިހާރު ވެސް މިއުޅެނީ ނުކުޅެދިގެން،" ގާސިމް ވިދާޅުވި އެވެ.
އެއް ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ލިބުމުން ކަންތައް ވާނެ ގޮތް ވޭތުވެ ދިޔަ ސަރުކާރުގައި ފެނިފައިވާކަން ފާހަގަކުރައްވައި ގާސިމް ވިނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެއް ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ނުދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އެއް ޕާޓީއަކަށް މަޖިލީހުގެ ސުޕާ މެޖޯރިޓީ ލިބިއްޖެނަމަ ޖުޑިޝަރީގެ އިތުރުން އެއްވެސް މުއައްސަސާއެއް ވެސް އިސްލާހު ނުކުރެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެއްގޮތަކަށް ވެސް އެއީ ހެޔޮވާވަރުގެ ކަމެއް ނޫން. އަނިޔާވެރިވުން ވެސް ހައްދު ފަހަނައަޅައި ދާނީ. އިންސާފެއް ވެސް ނުލިބޭނެ. އަދި އެއްކަމެއް ރަނގަޅެއް ވެސް ނުކުރެވޭނެ އެނގޭތޯ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އެހެން ވިދާޅުވިއިރު މީގެ ކުރިން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ބޭނުންވަނީ ސަރުކާރަށް މެޖޯރިޓީ އޮންނަ މަޖިލީހެއް ކަމަށެވެ.