10 Feb 2019, 23:51
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހދ.ކުމުންދޫ ކައުންސިލްގެ މެންބަރުންނާއި މިއަދު ބައްދަލުކުރައްވައި އެ ކައުންސިލް މެމްބަރުންގެ ޝަކުވާތައް އައްސަވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި، ކައުންސިލުން ރަށުގެ ތަރައްގީއަށް ރާއްވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މައުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ވަނީ ރައީސުލްޖުމްހޫރިއްޔާއާއި އޮޅުންފިލުވައި ދެއްވައިފައެވެ.
އެގޮތުން ކައުންސިލު މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ކައުންސިލް އިދާރާއަށް ބޭނުންނާ ވަސީލަތްތައް މަދުވުމުގެ ސަބަބުން ދިމާވާ ދަތިތައް ވަނީ ހިއްސާކުރައްވައިފައެވެ. އަދި ރަށުގައި ފެނާ ނަރުދަމާގެ ހިދުމަތް ނެތުމުން ދިމާވާ ގޮންޖެހުންތަކާއި، ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުވެފައި ނެތުމުގެ ސަބަބުން ކުރިމަތިވާ އުދަގޫތައްވެސް ވަނީ ހިއްސާ ކުރައްވައިފައެވެ.
އޭގެ އިތުރުން ސިއްހީ މަރުކަޒުގައި ލެބޯޓަރީ އެއް ނެތުމުން ދިމާވާ ދަތިތައް މިއަދުގެ ބައްދަލުވުމުގައި ވަނީ ހިއްސާ ކޮށްފައެވެ.
ކުމުންދޫ ކައުންސިލް މެމްބަރުން އެދި ވަޑައިގަތް ކަންތައްތައް
- އެ ރަށަށް ދިމާވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އިތުރު ޖަނަރޭޓަރެއް ފޯރުކޮށްދިނުން
- ނެރުބައްތިއެއް ހޯދައިދިނުން
- ސިއްހީ މަރުކަޒުން މިހާރު ހިދުމަތް ދޭ ވަގުތު 16 ގަޑިއިރަށް އިތުރުކޮށްދިނުން
- ހދ. އަތޮޅުގައި ޓުއަރިޒަމް ތަރައްގީކޮށްދިނުން
- ހަނިމާދޫ އެއާޕޯޓު މިހާރަށްވުރެ ތަރައްގީކުރުން
ކައުންސިލް މެމްބަރުންގެ ވާހަކަތައް އައްސަވައި ރައީސް ވިދާޅުވީ އެ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި މިއަހަރު ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.