09 Oct 2011, 16:13
ސީޒަން ނުނިމެނީސް، ފުޓްބޯޅަ ކުޅުން ހުއްޓާލަން ބޭނުންވާ ކަމަށް ޝަމްވީލް ގާސިމް (ބޮންޑާ) ބުނި ބުނުން، ވިބީގެ ކޯޗް ޖޭން ވަންލީ އަށް ލިބުނު ބޮޑު ހައިރާން ކަމަކަށް ވެއްޖެ އެވެ.
"ބޮންޑާ ފުޓްބޯޅަ ކުޅުން ހުއްޓާލާނެ ވަހާކަ އަހަރެން އަޑު އެހީ ކުއްލި ގޮތަކަށް. އަހަރެން މިހިރީ ވަރަށް ހައިރާންވެފައި. ބޮންޑާ އާއި އަހަރެން މިއަދު ބައްދަލުކުރާނަން،" ކޯޗް ވަންލީ ބުންޏެވެ.
ސީޒަން ނުނިމެނީސް ފުޓްބޯޅަ ކުޅުން ބޮންޑާ ހުއްޓާލައިފިނަމަ އޭގެ އަސަރު ޓީމަށް ކުރާނެ ކަމަށް ގަބޫލުކުރާ ވަންލީ ބުނީ، ބޮންޑާ އަކީ މިވަގުތު ވީބީގައި ތިބި ކުޅުންތެރިންގެ ތެރެއިން ފާހަގަ ކޮށްލެވޭ ތަޖުރިބާކާރު މޮޅު ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށެވެ. އަދި ދިވެހި ގައުމީ ޓީމަށް ވެސް މުހިންމު ކުޅުންތެރިއެއް ކަމަށް ވަންލީ ބުންޏެވެ.
ބޮންޑާއަކީ 2005 ވަނަ އަހަރުން ފެށިގެން ދިވެހި ގައުމީ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.
"ބޮންޑާ ހުރުމުން ޓީމަށް ފައިދާ ކުރާނެ. އޭނާއަކީ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިއެއް. ކުލަބަށް ބޮންޑާ މުހިންމު ވާއިރު އޭނާ އަކީ ގައުމީ ޓީމަށް ވެސް މުހިންމު ކުޅުންތެރިއެއް. އެކަން ދިވެހި ސަޕޯޓަރުން ގަބޫލް ކުރާނެ. އަހަރެން ވެސް ގަބޫލް ކުރަން." ވީބީގެ ކޯޗު ބުންޏެވެ.
މިއަހަރަކީ އަދި ވީބީއަށް ކާމިޔާބު އަހަރެއް ކަމަށާއި ކުރިއަށް އޮތް ގައުމީ މުބާރާތާއި އެފްއޭކަޕް ސެމީފައިނަލް މެޗް ވީބީއަށް ކާމިޔާބު ކުރެވެން އޮތީ ބޮންޑާގެ ބޭނުން ހިފައިގެން ކަމަށް ވަންލީ ބުންޏެވެ.
އަދި ނިމިގެން ދިޔަ ދިވެހިލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ވިކްޓަރީއާ ދެކޮޅަށް ވީބީ ކުޅުނު މެޗްގައި ބޮންޑާ ޓީމަށް ކާމިޔާބު ކޮށްދިން ލަނޑަކީ ދުވަހަކުވެސް ހިތުން ފިލައިގެން ނުދާވަރުގެ ރީތި ލަނޑެއް ކަމަށް ވެސް ކޯޗު ބުންޏެވެ.