10 Feb 2019, 15:49
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުން، ހުއްދަ ނެތި އެހެން ސިޔާސީ ޕާޓީތަކުގެ ކުލައާއި ލޯގޯ ބޭނުން ނުކުރުމަށް އިލެކްޝަން ކޮމިޝަނުން އިލްތިމާސް ކޮށްފި އެވެ.
އަންނަ އެޕްރީލް މަހު އޮންނަ މަޖިލިސް އިންތިހާބުގައި ވާދަ ކުރާ ބައެއް ކެންޑިޑޭޓުން ދަނީ އެ ކެންޑިޑޭޓަކު ނިސްބަތް ނުވާ ސިޔާސީ ޕާޓީތަކުގެ ކުލަ ބޭނުން ކުރަމުންނެވެ.
އެކަމާ ގުޅިގެން އިލެކްޝަން ކޮމިޝަން ގެ ތަރުޖަމާނު އަދި މެމްބަރު، އަހްމަދު އަކްރަމް މިއަދު "ސަން" އަށް ވިދާޅުވީ، ޝަހްސް އޮޅުވާލުމުގެ ގޮތުން، ހުއްދަ ނެތި އެހެން ޕާޓީ ތަކުގެ ކުލަ އާއި ލޯގޯ ބޭނުން ކުރުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އިލެކްޝަން ކޮމިޝަނުން އިލްތިމާސް ކުރާ ކަމަށެވެ.
"ހުއްދަ ނެތި އެހެން ޕާޓީ ތަކުގެ ކުލަ އާއި ލޯގޯ ބޭނުން ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއް. އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަަކަށް ފޮނުވާނަން،" އަހްމަދު އަކްރަމް ވިދާޅުވިއެވެ.
އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އިން އެ ޕާޓީގެ ޓިކެޓްގައި ވާދަ ކުރާ 86 ދާއިރާގެ ކެންޑިޑޭޓުންގެ ފޯމް މިދިޔަ ބުދަ ދުވަހު ވަނީ އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފައެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން އެޕާޓީ ޓިކެޓްގައި ވާދަ ކުރާ 36 ދާއިރާގެ ކެންޑިޑޭޓުންނަށް ވަނީ ޓިކެޓް ދީފައެވެ. ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ތާއީދާއެކު 24 ދާއިރާއަށް ކެންޑިޑޭޓުން ވާދަ ކުރާއިރު، ކޯލިޝަން ގައި ހިމެނޭ އަދާލަތު ޕާޓީން ވާދަ ކުރަނީ 13 ދާއިރާ އަކަށެވެ.
އިދިކޮޅު ޕޮރޮގްރެސިވް ކޮންގްރެސް އިން މިހާތަނަށް 69 ދާއިރާ އަކަށް ނިކުންނަ ކެންޑިޑޭޓުން ވަނީ ޔަގީން ވެފައެވެ. އަލަށް އުފެއްދެވި، ލޭބާ ޕާޓީން 11 ދާއިރާ އަކަށް ވާދަ ކުރުމަށް ވަނީ ނިންމައިފައެވެ. ކުރީގެ ނައިބު ރައީސް އަދީބު އިސްވެ ހުންނަވައިގެން އުފެއްދެވި އެމްޓީޑީގެ ޓިކެޓުގައި ވާދަ ކުރުމުގެ ފުރުސަތު ހޯދުމަށް އެދި ހުށަހެޅުމަށް އެޕާޓީން ދިން މުއްދަތު ވަނީ އިއްޔެ ހަމަވެފައެވެ.