09 Oct 2011, 18:08
ވައްކަމުގެ ކުށް ސާބިތުގެން ރީހެބިލިޓޭޝަން ސެންޓަރެއް ނުވަތަ ކުށްކުރާ ކުޑަކުދިން ބަލަހައްޓާ ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރަން ހުކުމްކުރި 15 އަހަރުގެ ކުޑަ ކުއްޖަކު، ބޮޑެތި ކުށްވެރިން ހުކުމް ތަންފީޒުކުރަމުންދާ މާލެ ޖަލުގައި ބަންދުކޮށްފައި ހުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މާލެ ޖަލުގައި ބަންދުކޮށްފައި ވަނީ ސ. ހުޅުދޫ ކުއްޖެކެވެ. ހުޅުދޫ ފިހާރައަކުން 2400ރ. ނެގި ކަމުގެ ކުށް ސާބިތުވި އެ ކުއްޖާއަކީ 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށްވާތީ ކޯޓުން މިދިޔަ އޯގަސްޓް މަހުގެ 18 ވަނަ ދުވަހު ހުކުމްކޮށްފައި ވަނީ އޭނާ ޖުވެނައިލް ޑިޓެންޝަން ސެންޓަރެއް ނޫނީ ރީހެބިލިޓޭޝަން ސެންޓަރެއްގައި ބަންދުކުރުމަށެވެ. އަދި ޑީޕީއާރްއެސްއާ ހަވާލުކުރެވެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާށެވެ.
ނަމަވެސް، އޭނާގެ އާއިލާގެ ފަރާތުން މިއަދު ބުނީ، ކޯޓު ހުކުމާ ގުޅިގެން އެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ ދެމަހެއްހާ ދުވަސްވެފައިވާ އިރު، އޭނާ ހުރީ ކުޑަކުދިން ތިބޭ ޖަލެއްގައި ކަމަށް އާއިލާ އިން ހީކޮށްގެން ތިބި ނަމަވެސް ފަހުން އެނގުނު ގޮތުގައި އޭނާ ހުރީ އުމުރުން އެތައް ތަނެއް ބޮޑު، ނުރައްކާތެރި ކުށްވެރިންތަކަކާ އެކު މާލެ ޖަލުގައިކަމަށެވެ. އޭގެ ކުރިން ދޫނިދޫ ޖަލުގައި ބެހެއްޓި ކަމަށް ވެސް ބުންޏެވެ. އަދި އެކަން އާއިލާއަށް އެނގުނީ ދެވަނަ ފުރުސަތު ޕްރޮގްރާމްގެ ދަށުން ދޫކޮށްލި މީހަކު މިދިޔަ އަންގާރަ ދުވަހު، އެ ކުއްޖާގެ މަންމަ ގުޅާފައި ބުނުމުން ކަމަށް އޭނާ ބުންޏެވެ.
"އެ ހަބަރު ދިން މީހާ ބުނީ ]ކުއްޖާ[ ނަންބަރު ދީފައި ބުނީ މަންމައަށް ގުޅައިދޭށޭ. [އާއިލާއަށް] ނޭނގޭނޭ ތިމަންނަ ހުރީ މިތަނުގައި ]މާލެ ޖަލުގައި] ކަމެއްވެސް. އެމީހާ ބުނީ، އުމުރުން ދުވަސްވީ ބޮޑެތި ބަޔަކާ އެކު ގޮޅިއަކަށްލާފައޭ ކުއްޖާ ހުރީ. އަދި އެމީހުންގެ ތެރޭގައި ކުޑަކުދިންނާ ބަދުއަހުލާގީ އަމަލު ހިންގި މީހުން ވެސް އެބަތިއްބޭ. އެހެންވެ، ދަރިފުޅު އެތަނުން އަވަހަށް ސަލާމަތްކުރާށޭ. އެއީ ކުޑަކުއްޖެއް ނޫންހޭ،" ދަރިފުޅު ސަލާމަތްކުރަން މިވަގުތު މާލެ އައިސް ހުރި މަންމަ ބުންޏެެވެ.
އެކުއްޖާގެ މައިންބަފައިން މާލެ އައިސް ދަރިފުޅު މާލެ ޖަލުގައި ހުރިތޯ ކަށަވަރުކުރުމަށް ފަހު މިހާރު ގެންދަނީ އޭނާ ސަލާމަތްކުރަން މަސައްކަތް ކުރަމުންނެވެ. އާއިލާ އިން ބުނީ އެކަން ހޯމް މިނިސްޓްރީއަށް ހުށަހެޅުމުން އެތަނުގެ ބޭފުޅަކު އެމީހުންނާ ބައްދަލުކޮށް، އެ ކުއްޖާގެ ކަންތައް ހިނގަމުންދާ ކަމަށާއި އެހެން ގޮޅިއަކަށް އެ ކުއްޖާ ބަދަލުކޮށްފައިވާ ކަމަށް ވެސް ބުނި ކަމަށެވެ.
"މިނިސްޓްރީން ބުނި ކުއްޖާގެ ކަންތައް ހިނގަމުންނޭ ދަނީ. ފޯނުން ގުޅައި ވެސް ދިން. ދަރިފުޅު ބުނީ މަންމާއޭ ލާނެ އެއްޗެއް ވެސް ނެތޭ. ގައިގައި އުނގުޅާނެ އެއްޗެއްވެސް ނެތޭ. ފޮނުވަދީބަލާށޭ،" އެ ކުއްޖާގެ މަންމަ ކިޔައިދިނެވެ.
"އަހަރުމެން ބެލިއިރުގައި ކުޑަކުދިންގެ މަރުކަޒަށް ބަދަލުކުރަން ދަރިފުޅު ބަހައްޓައިފައި ހުރީ ގަމު ޖަލުގައި. އެހެންވެ، އަންނައުނު ދަބަސް އެތަނާ ހަވާލުކުރީ. އެކަމަކު ދަރިފުޅު މާލެ ގެންދިޔައިރު އެވެސް ނުގެންދޭ. އެހެންވެ، ފަހުން އެތަނުން ނަގައިފައި ދަންނަ މީހެއްގެ އަތަށް ދީފައި މާލެ ފޮނުވީ. އެކަމަކު މާލެ ގެނެސް ބަންދުކުރީ ކޮންތާކު ކަމެއް ނޭގޭތީ އެދަބަސް ވެސް ނުފޮނުވޭ. މާލެ ގެއެއްގައި އޮތީ،" އެ ކުއްޖާގެ މަންމަ ބުންޏެވެ. "އެހެންވެ ލާނެ އެއްޗެއް ނެތި، ދަރިފުޅު ވަރަށް ހާލުގައި ހުރީ،"
މި މައްސަލާގައި ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓްގެ ބަހެއް ސަން އަށް ލިބޭ ގޮތެއް ނުވި އެވެ.
ނަމަވެސް، ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ހުޅުދޫ ކޯޓުން ހުކުމްކުރުމުން އެ ކުއްޖާ އާއި ހަވާލުވެފައިވާ ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށުން މިމަހުގެ ހަ ވަނަ ދުވަހު ޑީޕީއާރްއެސްއާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭގެ ކުރިން ކުއްޖާ ހުރީ ކޮންތާކުތޯ ސުވާލުކުރުމުން ވިދާޅުވީ، އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ.
"ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާށޭ ކޯޓު ހުކުމުގައި އޮތީ. އެހެންވެ ފުލުހުންގެ ބެލުމުގެ ދަށުން ބެހެއްޓޭ ތަނެއްގައި ބަހައްޓައިފަ ހުރީ،" އޮފިޝަލް ވިދާޅުވި އެވެ.
އަށާރަ އަހަރު ނުފުރޭ ކުޑަކުދިން އެގޮތަށް ޖަލުގައި ބަންދުކޮށްފައި ބެހެއްޓޭތޯ ސުވާލުކުރުމުން އެއަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.
އަދި މި މަހުގެ ހަ ވަނަ ދުވަހު ޑީޕީއާރްއެސްއާ އެ ކުއްޖާ ހަވާލުކުރި ކަމަށް ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް، އޭނާ މާލެ ޖަލުން އެހެން ތަނަކަށް ޑީޕީއާރްއެސްއިން ބަދަލު ނުކުރާ ސަބަބެއް ސާފުވާ ގޮތެއް ނުވި އެވެ. ޑީޕީއާރްއެސް އިން ފޯނެއް ނުނަގަ އެވެ.
އަންނަ ޑިސެމްބަރު މަހު 16 އަހަރު ފުރޭ އެެ ކުއްްޖާގެ އާއިލާއިން މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ރިޕޯޓްކުރުމަށް މިއަދު އެކޮމިޝަނަށް ދިޔަ ނަމަވެސް، "ފޯމު ފުރައިފައި ހުށަހަޅަން" ބުނެ އެމީހުން ވަނީ ފޮނުވާލައިފަ ކަމަށް އެ ކުއްޖާގެ މަންމަ ބުންޏެވެ.
އެ ކުއްޖާގެ މަންމަ ބުނީ އޭނާގެ ދަރިފުޅުގެ މައްޗަށް ހުކުމް ތަންފީޒު ކުރުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި މަގަށް ނުކުމެ އުޅުމުގެ ބަދަލުގައި އިސްލާހިއްޔާއަށް ފޮނުވާ އޭނާ ރަނގަޅުކުރަން އާއިލާއިން ވެސް އެދޭ ކަމަށެވެ.
ނަމަވެސް، ޖިންސީ ގޯނާ ކުރާ އަދި މާރާމާރީ ހިންގާ ބޮޑެތި ކުށްވެރިންތަކެއްގެ ތެރޭ އޭނާގެ ދަރިފުޅު އަށް މަސް ދުވަހު ހުންނާކަށް އޭނާގެ މަންމައެއް ނޭދެ އެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ އަޅުގަނޑުގެ ދަރިފުޅު އެހެން ތަނަކަށް ބަދަލުކުރަން ވީހާވެސް އަވަހަށް. ކޯޓު ހުކުމުގަ ވެސް އެ އޮތީ ކުޑަކުދިން ބަހައްޓާ މަރުކަޒަކަށޭ ލާންވާނީ. އެތަނުން ސަލާމަތްކުރަން ބޭނުމީ،" އެ ކުއްޖާގެ މަންމަ ބުންޏެވެ.