10 Feb 2019, 13:13
ލަންޑަން (ފެބްރުއަރީ 10): ދެހާސްއެކާވީހުގައި އިނގިރޭސިވިލާތުގެ މަގުތަކުން ސެލްފް ޑްރައިވިން ކާރުތައް ނުވަތަ އިންސާނެއްގެ އެހީއާ ނުލާ ދުއްވާ ކާރުތައް ފެނިގެންދާނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.
އިނގިރޭސި ޑިޕާޓްމެންޓު ފޯ ޓްރާންސްޕޯޓު (ޑީއެފްޓީ)އިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެގައުމުގައި ސެލްފް ޑްރައިވިން ކާރުތައް ޓެސްޓު ކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ތެރޭ އެގައުމުގައި އިންސާނަކާ ނުލައި ދުއްވާ ކާރުތައް ބޭނުން ކުރެވޭނެ އެވެ.
ދާދި ފަހުން އެގައުމުން ވަނީ ސެލްފް ޑްރައިވިން ކާރުތައް ޓެސްޓު ކުރާނެ ގޮތުގެ މިންގަނޑު ހަރުކަށި ކުރުމަށް ނިންމާފަ އެވެ. އަދި އާ ގަވާއިދުތަކުގެ ދަށުން ސެލްފް ޑްރައިވިން ކާރުތައް ޓެސްޓު ކުރާ ފަރާތްތަކުން އޭގެ ރައްކާތެރިކަމާ ބެހޭ މައުލޫމާތާއި ޓެސްޓުގެ ނަތީޖާ އާއްމުކޮށް، ރިސްކް އެސެސްމެންޓު ހަދަން ޖެހޭނެ އެވެ.
ޑީއެފްޓީން ލަފާ ކުރާ ގޮތުގައި 2035 ވަނަ އަހަރު އޮޓޮމޭޓެޑް އުޅަނދުތަކުގެ ވިޔަފާރި 67 ބިލިއަން ޑޮލަރަށް އަރާނެ އެވެ.
އިނގިރޭސި ސަރުކާރުން އެފަދައިން ބުނި ނަމަވެސް ބައެއް ފަރާތްތަކުން ވަނީ ސެލްފް ޑްރައިވިން ކާރު ތައާރަފް ކުރުން ރައްކާތެރިކަމާ މެދު ސުވާލު އުފައްދާފަ އެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ މިދިޔަ އަހަރު، ޓެކްސީ ހިދުމަތް ފޯރުކޮށްދޭ އޫބާގެ ސެލްފް ޑްރައިވިން ކާރަކުން ޖެހި އެމެރިކާގައި މީހަކު މަރުވިކަން ފާހަގަކޮށްފަ އެވެ. އެ ހާދިސާ ހިނގި ވަގުތު ކާރު ދުއްވަމުން ދިޔައީ 'އޮޓޮނޮމަސް މޯޑު'ގަ އެވެ. އަދި އެވަގުތު ކާރުގައި މީހަކު ހުރި ނަމަވެސް އޭނާއަށް އެކްސިޑެންޓުވުން ނުހުއްޓުވުނެވެ.