ކޮރަޕްޝަން ހުއްޓުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އެކަން ހާމަ ކުރުމަށް މީހުން ޖެހިލުންވުން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދުތަކުގެ ތެރެއިން، ސަރުކާރުގެ މުއަސަސާތަކަށް ކޮރަޕްޝަނާއި ހެޔޮވެރިކަން ކުރުމުގެ މަސައްކަތު ބައްދަލުވުމެއް އާޓް ގެލެރީގައި ވަނީ މިއަދު ހެނދުނު ފަށައިފައެވެ.

ރައީސް އޮފީހުން ބާއްވާ ދެ ދުވަހުގެ މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވަމުން ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޒާހިރު ވިދާޅުވީ، ކޮރަޕްޝަންގެ އަމަލުތައް ހާމަ ކުރުމަށް މީހުން ޖެހިލުންވާ ކަމަށާއި އެއީ ކޮރަޕްޝަން ހުއްޓުވުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ.

""ކޮރަޕްޝަން ހުއްޓުވުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެފަދަ އަމަލެއް މީހަކު ނުވަތަ ބަޔަކު، ކުރާ ކަން އެނތިބެ އެކަން ހާމަ ކުރުމަށް މީހުން ނުކުޅެދުން ނުވަތަ ޖެހިލުންވުން،" އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ، އެފަދަ އަމަލުތައް ހާމަ ކުރުމުގެ ސަބަބުން އެކަން ހާމަ ކުރާ މީހުންނަށް ލިބިދާނެ "ނިކަމެތި" ކަމަށްޓަކައި "ކޮރަޕްޝަން ހާމަ ކުރާ މީހުން ރައްކާތެރި ކުރުމުގެ ބިލް"ގެ ނަމުގައި ބިލެއް ސަރުކާރުގެ ފަރާތުން މިހާރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ، ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވޭނެ އަދި އެފަދަ އަމަލުތައް ކުރާ މީހުން ޒިންމާ ކުރެވޭނެ ނިޒާމެއް ގާއިމުވެފައި އޮތުމަކީ ކޮންމެހެންވެސް މުހިންމު ކަމެއް ކަމަށެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށް ރޭވިފައިވާ ނިޒާމް އެފަދަ އަމަލުތައް ކުރާ މީހުން ޒިންމާ ކުރެވޭނެ ނިޒާމަކަށް ބައްޓަން ކުރުމަށް ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް މިހާރު ސަރުކާރުން ކުރަމުންދާ ކަމަށެެވެ.

ރައީސް އޮފީހުގެ ފަރާތުން ސަރުކާރުގެ މުއަސަސާތަކަށް ބާއްވާ ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތު ބައްދަލުވުން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ސަރުކާރުގެ މިނިސްޓްރީތަކާއި މިނިވަން މުއަސަސާތަކުންވެސް ބައިވެރިވަމުން ގެންދަވާ މި މަސައްކަތު ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ، ހެޔޮވެރިކަމެއް ރައްޔިތުންނަށް ކޮށްދިނުމަށްޓަކައި އަމާޒު ހިފަންވީ ހަމަ އެކަނި ކޮރަޕްޝަން ނައްތާލަން އެކަނި ނޫން ކަމަށެވެ.

"ގާނޫނުގެ ވެރިކަން ހިފެހެއްޓުމާއި ދައުލަތުގެ މުއަސަސާތައް މަސްއޫލުވެރިކުރުމާއި، ޒިންމާ ކުރުވުމާއި، އެ މުއަސަސާތަކުގެ ހިންގުން ހަރުދާނާކުރުން [އަދި] އެދެވޭ ނަތީޖާ ނެރެވޭ މުއަސަސާތަކަށް ދައުލަތުގެ މުއަސަސާތައް ހެދުމަކީވެސް ހެޔޮވެރިކަމުގެ މުހިންމު އަސާސެއް،" އަލީ ޒާހިރު ވިދާޅުވިއެވެ.

ކޮރަޕްޝަން ހުއްޓުވުމާއި ހެޔޮވެރިކަން ކުރުމުގެ މަސައްކަތު ބައްދަލުވުމުގައި މައުލޫމަތު ދެމުން ދަނީ ކަމާ ގުޅުން ހުރި އިދާރާތަކާއި ޖަމިއްޔާތަކުންނެވެ. އެގޮތުން އޮޑިޓާ ޖެނެރަލް އޮފީސް، އެންޓިކޮރަޕްޝަން ކޮމިޝަން އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި އިންޓަނޭޝަނަލް ރިޕަބްލިކް އިންސްޓިޓުޓް އިން ދަނީ މި މަސައްކަތު ބައްދަލުވުމުގައި ސެޝަންތައް ނަގައިދެމުންނެވެ.