10 Feb 2019, 12:01
ގިނަ ކުލަބު ތަކެއްގެ ތާއީދާ އެކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ލީޑާޝިޕް ބަދަލު ކުރުމަށްޓަކައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދިނުމަށް އެދި ގިނަ ކުލަބުތަކުގެ ތާއީދާ އެކު އެފްއޭއެމްގެ މައި އިދާރާއަށް މިއަދު ހުށައަޅައިފިއެވެ.
މި ހުށަހެޅުން ހުށައަޅާފައިވަނީ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ އިސްނެގުމުގެ މަތިން މި ކޮންގުރެސްގައި ވޯޓު ލެވޭނެ 24 ކުލަބެއްގެ ތެރެއިން 19 ކުލަބުގެ ފުރިހަމަ ތާއީދާ އެކުގައެވެ.
މީގެ ދުވަސްކޮޅެއް ކުރިން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ވެސް އިސްނަގައިގެން އެކްސްޓްރާ އޯޑިނަރީ ކޮންގުރެސް ބާއްވަން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ކުޅުންތެރިންގެ މުސާރައާއި އުޖޫރަ ނުދިނުމުގެ ސަބަބުން އެ ކުލަބު ވަނީ އެފްއޭއެމްގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭގޮތަށް ސަސްޕެންޑު ކޮށްފައެވެ.
ނިއުރޭޑިއަންޓުގެ މާލީ މައްސަލަތައް ހުރި ނަމަވެސް އެހެން ބައެއް ކުލަބުތަކުން ވެސް މުސާރަ ނުދޭ މައްސަލަތައް ހުއްޓައި ހަމައެކަނި ނިއުރޭޑިއަންޓް ސަސްޕެންޑު ކުރުމަކީ ޒާތީ ކަމެއް ކަމަށް އެކުލަބުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެފްއޭއެމް އާއި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ދެމެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ވަނީ ޓުވިޓާގައި ދާދި ފަހުން ކޮށްފައެވެ.
އެފްއޭއެމް އަކީ ވަކި ބަޔަކު ނުފޫޒު ބޭނުން ކޮށްގެން އަމިއްލަ ފައިދާއަށް މަސައްކަތް ކުރާ ތަނެއްގެ ގޮތުގައި ގިނަ ބަޔަކު ބުނަމުންދާ މި ދަނޑިވަޅުގައި އެކްސްޓްރާ އޯޑިނަރީ ކޮންގުރެސް އެއް ބާއްވަން ތައްޔާރު ވަމުން އަންނަ ކަމުގެ ވާހަކަ މީގެ ކުރިން ވެސް މަހުލޫފް ވެސް ވަނީ ވިދާޅުވެފައެވެ.