10 Feb 2019, 11:55
މާލެއަށް ދިމާވެފައިވާ ތޮއްޖެހުމާއި އިޖުތިމާއީ ގިނަ މައްސަލަތަކުގެ އަސްލަކީ ވެރިކަންކުރުމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި މަރުކަޒީ ވިސްނުން ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވެފައި ވަނީ ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ މަހާސިންތާ ފައްޓަވައިދެއްވުމުގެ ގޮތުން ހޮޓަލް ޖެންގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ އިގްތިސޯދީ ދުވެލު ހުރި ގޮތުންނާއި އާބާދީ އިތުރުވަމުންދާ ގޮތަށް ބަލާ އިރު ތަރައްގީގެ މިސްރާބް ބަދަލުކުރަން ޖެހޭ ކަމީ ދެބަސްވުމެއް ނެތި ގަބޫލު ކުރަން ޖެހޭ ހަގީގަތެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ނޫން ކަމައް ވާ ނަމަ 2050 ވަނަ އަހަރު ރާއްޖޭގެ އާބާދީގެ 60 ޕަސެންޓް މީހުން ދިރުއުޅެމުންދާނީ މާލޭގައިކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ހަމަ އެފަދައިން އިޖުތިމާއީ އެތައް މައްސަލަތަކެއް ވެސް އެކަމުގެ ސަބަބުން ކުރިމަތިވާނެ. މާލެއަށް ދިމާވެފައިވާ ތޮއްޖެހުމާއި އިޖުތިމާއީ ގިނަ މައްސަލަތަކުގެ އަސްލަކީ ވެސް ވެރިކަން ކުރުމުގައި ޒަމާނުއްސުރެ ގެންގުޅުނު މަރުކަޒީ ވިސްނުން،" ރައީސް ވިދާޅުވި އެވެ.
ލާމަރުކަޒީ ކުރުމަކީ ކައުންސިލްތަކެއް އުފައްދައި ކައުންސިލަށް މެންބަރުން އިންތިހާބް ކުރުން ނޫން ކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، ކައުންސިލްތަކަށް އިދާރީ އަދި މާލީ ބާރުވެރިކަން ދޭން ޖެހޭ ކަމަށެވެ.
ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށް ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި އެ އިސްލާހުތައް މަޖިލީހަށް ހުށަހެޅުމަކީ ސަރުކާރުގެ ވައުދެއްކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ރައްޔިތުންނާ ގުޅުން ހުރިކަމަކަށް ވުމުން ފުޅާ ގޮތެއްގައި ރައްޔިތުންގެ މަޝަވަރާ ހޯދަމުން އަންނަ ކަމަށެވެ.
ލަމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން މިހާތަނަށް އެންމެ ގިނައިން އައިސްފައިވާ ޝަކުވާ އަކީ މާލީ ގޮތުން ބާރުވެރިކުރުވުމުގެ ޝަކުވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކޮށްގެން ނޫނީ ކައުންސިލްތައް ފުރިހަމަ ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ރަށް ރަށުގެ މުނިސިޕަލް ހިދުމަތްތަކުން ނަގާ ފީތަކަކީ އެ ރަށެއްގެ އެދަފަ ހިދުމަތްތައް ތަރައްގީ ކުރުމަށް ހޭދަކުރެވޭ އެއްޗަކަށް ވާން ޖެހޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ކައުންސިލްތަކުގެ ބައިވެރިވުން އޮތުމަކީ އެ މަޝްރޫއުތައް އަވަސްކޮށް ނިންމާލުމަށް މަގުފައިވާނެ ކަމެއް ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ރަށުގެ ތަރައްގީއަށް މަޝްރޫއުތައް ހިންގާއިރު ރައްޔިތުންގެ ލަފަޔާއި މަޝްވަރާގެ މަތިން ކަންކަން ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.