10 Feb 2019, 11:36
ރޭ އިނގިރޭސި ޕުރިމިއާ ލީގުގައި ބޯންމައުތު ކައިރިން ލިވަޕޫލް މޮޅުވެ އަނބުރައި އެއްވަނައަށް އެރި އިރު ހަޑަލްސްފީޑް ގާތުން އާސެނަލް ވެސް މޮޅުވެއްޖެއެވެ.
އިނގިރޭސި ޕުރިމިއާ ލީގުގެ 26 މެޗު ގިނަ ޓީމުތައް މިހާރު ކުޅެފައިވާ އިރު މިފަހަރަކީ ގަދަ ހަތަރެއްގައި ވާދަވެރިކަން ބޮޑުވެފައި ވާ އަހަރެކެވެ. އެއްވަނައަށް ލިވަޕޫލް އާއި މެންޗެސްޓާ ސިޓީ ތަޅާ ފޮޅަމުން ދާއިރު މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީގެ އިތުރުން އާސެނަލް ދަނީ ގަދަ ހަތަރަކަށް އެރުމަށްޓަކައި މަސައްކަތް ކުރަމުންނެވެ.
ރޭ ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ބޯންމައުތް އާއި ވާދަކޮށް ލިވަޕޫލް ކުރި ހޯދީ 0-3 ގެ ނަތީޖާއަކުންނެވެ. މި މޮޅާއި އެކު ލިވަޕޫލް އިން ވަނީ އަނބުރައި އެއްވަނައަށް ޖެހިލާފައެވެ. މީގެ ދެ ދުވަސް ކުރިން ސިޓީ އިން އެއްވަނައިގައި ވަގުތީ ގޮތުން އޮތީ އެއްމެޗު އިތުރަށް ކުޅެގެންނެވެ. ރޭގެ މެޗުގެ ބައްޔާއި އެކު ބޯންމައުތަށް 26 މެޗު ކުޅެގެން ލިބުނީ 33 ޕޮއިންޓެވެ. އެ ޓީމު މިވަގުތު އޮތީ ތާވަލުގެ 11 ވަނައިގައެވެ.

ލިވަޕޫލްއާއި ބޯންމައުތު ބައްދަލު ކުރި މެޗުގެ ތެރެއިން ލިވަޕޫލްގެ ކޯޗު ޔާގަން ކުލޮޕްއާއި އެ ޓީމުގެ ފޯވާޑް މުހައްމަދު ސަލާހު -- ފޮޓޯ / ޑޮމް ފެރަލް
މެޗު ފެށިގެން ޑޮމިނޭޓުކޮށް ގިނަ ހަމަލާތައް އުފައްދަމުން ދިއައީ ލިވަޕޫލްއިންނެވެ. މެޗުގެ 24 ވަނަ މިނަޓުގައި ލިވަޕޫލްގެ ސާޑިއޯ މާނޭ އެ ޓީމަށް ލީޑު ނަގައިދިނެވެ. ލިވަޕޫލްގެ ނުރައްކާ އިތުރަށް ބޮޑުވެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ގޯލެއް އެ ޓީމުން ވަނީ ޖަހާ ލީޑު ފުޅާ ކޮށްފައެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ޖޯޖީނިއޯ ވާނެލްޑަމް އެވެ.
މެޗުގެ ދެވަނަ ހާފުގައި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހު ވަނީ ގޯލެއް ޖަހައި މެޗު ޔަގީން ކޮށްދީފައެވެ.
ލިވަޕޫލްއާއި ވާދަވެރި އާސެނަލް ރޭ ހަޑަލްސްފީލްޑް ޓައުން އާއި ބައްދަލު ކުރި މެޗު ނިމުނީ 1-2 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

އާސެނަލްއާއި ހަޑަލްސްފީޑް ބައްދަލު ކުރި މެޗުގެ ތެރެއިން އާސެނަލްގެ ސްޓްރައިކަރު ލެކްސެންޑަރާ ލަކަޒެޓް -- ފޮޓޯ / ޑޮމް ފެރަލް
މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ އެލެކްސް އިވޯބީއާއި އެލެކްސެންޑަރާ ލަކަޒެޓް ވަނީ ގޯލު ޖަހައި އާސެނަލަށް ދެ ގޯލުގެ ލީޑެއް ނަގައިދީފައެވެ. ތާވަލުގެ ފުލުގައި އޮތް ހަޑަލްސްފީޑް ރޭ މެޗުގައި ވެސް މާ އެދެވޭ ކުޅުމެއް ނުފެނުނު ނަމަވެސް މެޗުގެ އިތުރު ވަގުތުގައި އާސެނަލްގެ ކުޅުންތެރިއެއް އަތުން ބައި ކޮޅަށް ވަނީ ގޯލެއް ވަދެފައެވެ.
މި މޮޅާ އެކު އާސެނަލް އޮތީ ތާވަލުގެ ހަ ވަނައިގައެވެ. ފަސް ވަނައިގައި އޮތް ޗެލްސީއާއި ޕޮއިންޓުގެ ގޮތުން އެއްވަރު ނަމަވެސް ގޯލުގެ ތަފާތުން ޗެލްސީ އޮތީ ފަސް ވަނައިގައެވެ.