09 Oct 2011, 15:40
ޕޮލެންޑާއި ޔޫކްރޭންގައި އަންނަ އަހަރު ބާއްވާ ޔޫރޯ މުބާރާތުގެ ކޮލިފައިން ބުރުގެ ގްރޫޕް އައި ގައި ރޭ ލީޗްޓެންސްޓީން އަތުން 1-0 ލަނޑުން މޮޅުވުމަށް ފަހު ސްކޮޓްލެންޑް މުބާރާތަށް ކޮލިފައިވުމަށް ކުރަމުން އައި އުންމީދަށް އާ ދިރުމެއް ލިބިއްޖެ އެވެ.
ގްރޫޕް އައި އިން ކޮލިފައިވެފައިވާ ޓިމަކަށް ވެފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އެވެ. މިގްރޫޕްގެ ދެވަނައަށް ސްކޮޓްލެންޑް އެރީ ރޭ ހޯދި ތިން ޕޮއިންޓްގެ ސަބަބުންނެވެ. ނަމަވެސް ތިންވަނާގައި އޮތް ޗެކް ރިޕަބްލިކް އަށްވުރެ ޕޮއިންޓެއް އިތުރަށް ލިބުމުން ދެވަނާގައި އޮތް ސްކޮޓްލެންޑަށް ޕްލޭއޯފް އާއި ހަމައަށް ދަތުރު ކުރުމަށް އިތުރު މޮޅެއް މުހިންމު ވާނެއެވެ. އަންނަ އަންގާރަ ދުވަހު ސްކޮޓްލެންޑް ވާދަކުރަން ޖެހޭނީ ޗެމްޕިއަން ސްޕެއިން އާއެވެ. އަނެއް ކޮޅުން މިގްރޫޕުގައި ބައްދަލުކުރާނެ އަނެއް ދެޓީމަކީ ޗެކް ރިޕަބްލިކް އާއި ލިތުއޭނިއާ އެވެ. ޗެކް ރިޕަބްލިކް އަށް ވެސް މިމެޗު ވެގެންދާނީ ވަރަށް މުހިންމު މެޗަކަށެވެ.
ސްކޮޓްލޭންޑުގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ ރޭގެ މެޗުގައި ގޯލުގެ ތެރެއަށް ވައްދާލެވުނީ އެންމެ ހަމަލާއެކެވެ. އެއީ މެޗުގެ 32 ވަނަ މިނެޓުގައި ސްކޮޓްލެންޑުގެ ކްރެއިގް މަކައިލް ސްމިތް ކާމިޔާބު ކޮށްދިން ލަނޑެވެ. ސްކޮޓްލެންޑުން އުފެއްދި ގިނަ ހަމަލާތަކެއްގެ ހުރަހަކަށް ވެގެންދިޔައީ ލީޗްޓެންސްޓީންގެ ކީޕަރު ޕީޓާ ޖޭލޭ އެވެ. ޖޭލޭ ވަނީ ނުވަ ހަމަލާ ދިފާއު ކޮށްފައެވެ. މިމެޗު ނިމިގެންދިޔައީ 1-0 ލަނޑުން ސްކޮޓްލެންޑް ކުރީގައި އޮވެގެންނެވެ.
ޔޫރޯ ކޮލިފައިންގެ މެޗުތައް ދެން ކުރިއަށް ދާނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ. އެގޮތުން އަންގާރަ ދުވަހު ރޭ ކޮލިފައިންގެ 22 މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. ތިރީގައި އެވަނީ އަންގާރަ ދުވަހުގެރޭ ކުޅޭ މެޗުތަކުގެ ޝެޑިއުލް އެވެ.
ގްރޫޕް އޭ:
21:00 : ކަޒަކިސްތަން – އޮސްޓްރިއާ
22:00 : ޖަރުމަން – ބެލްޖިއަމް
22:00 : ތުރުކީ – އަޒަރްބައިޖާން
ގްރޫޕް ބީ:
22:45 : އަޔާލޭންޑް – އާމޭނިއާ
22:45 : މެސަޑޯނިއާ – ސްލޮވާކިއާ
22:45 : ރަޝިޔާ – އެންޑޯރާ
ގްރޫޕް ސީ:
23:45 : އިޓަލީ – ނޮދަން އަޔަލެންޑް
23:45 : ސްލޮވޭނިއާ – ސާބިއާ
ގްރޫޕް ޑީ:
00:00 : އަލްބޭނިއާ – ރޫމޭނިއާ
00:00 : ފްރާންސް – ބޮސްނިއާ ހާޒެންގޯވީނިއާ
ގްރޫޕް އީ:
23:00 : ހަންގޭރީ – ފިންލޭންޑް
23:00 : މޮލްޑޯވޯ – ސެން މެރީނޯ
23:00 : ސްވިޑަން – ނެދަލޭންޑްސް
ގްރޫޕް އެފް:
22:00 : ކްރޮއޭޝިއާ – ލެޓްވިއާ
22:00 : ޖޯޖިއާ – ގްރީސް
22:00: މަލްޓާ – އިސްރޭލް
ގްރޫޕް ޖީ:
23:05 : ބަލްގޭރިއާ – ވޭލްސް
23:15 : ސްވިޒަލޭންޑް – މޮންޓެނީގްރޯ
ގްރޫޕް އެޗް:
23:15 : ޑެންމާކު – ޕޯޗުގަލް
23:15 : ނޯވޭ – ސައިޕްރަސް
ގްރޫޕް އައި:
23:45 : ލިތުއޭނިއާ – ޗެކް ރިޕަބްލިކް
23:45 : ސްޕެއިން – ސްކޮޓްލެންޑް