އާންމުންނާއި ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސްޓޭޓް ބޭން އޮފް އިންޑިއާ (އެސްބީއައި) މުހިންމު ދައުރެއް އަދާ ކުރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެސްބީއައިއަށް 45 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެސްބީއައި ރާއްޖޭގައި ހިދުމަތް ދޭންފެށިއިރު ރާއްޖޭގައި ބޭންކިންގެ ހިދުމަތް ފަށާފައިވެސް ނުވާކަމަށެވެ.

އެގޮތުން އެމަނިކުފާނު ވަނީ ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތް ފެށުނުއިރު ބޭންކިން ހިދުމަތްދޭ ހަމައެކަނި ބޭންކަކީ އެސްބީއައި ކަންވެސް ފާހަގަކުރައްވާފައެވެ.

މިރޭ އެމަނިކުފާނު ވަނީ އާންމުންނާއި ވިޔަފާރިވެރިންނަށް މާލީއެހީތެރިކަން ފޯރުކޮށް ދިނުމުގައި އެސްބީއައިއިން މުހިންމު ދައުރެއް އަދާ ކުރާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ ދިވެހި ވިޔަފާރިތަކަށް ކާމިޔާބާ ހަމައަށް ވާސިލުވުމަށް އެސްބީއައި އިން އެއްބާރުލުންދޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އެބޭންކުން ރާއްޖޭގެ ބޭންކިން ދާއިރާއަށާއި ތަރައްގީއަށް އަދި މުޅިގައުމަށް ދެމުންގެންދާ ހިދުމަތަށް އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މިރޭގެ ހަލ1ފާގައި ރައީސް ސޯލިހު ވަނީ 45 އަހަރު ވަންދެން އެސްބީއައި އިން ދިވެހިރާއްޖޭގައި ހިދުމަތް ދެމުން ގެންގޮސްފައިވާތީ އެކަމަށްޓަކައި އެސްބީއައިގެ ވެރިންނަށާއި، މުވައްޒަފުންނަށާއި، ހިއްސާދާރުންނަށް މަރުހަބާ ދަންނަވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެސްބީއައި އިން ރާއްޖޭގައި ދިގު މުއްދަތެއްގައި ހިދުމަތް ދިނުމުގައި ދެމިއޮތުމަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމުގެ ރަމްޒެއް ކަމުގައެވެ.

މިރޭގެ ހަފުލާގައި އެސްބީއައިގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.