09 Feb 2019, 20:25
ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ)ގެ ނާއިބު ރައީސް މުއައްވިޒް ރަޝީދު ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ފައިސާ 155 ބޭންކް އެކައުންޓަކަށް ޖަމާވިކަން ހާމަ ކުރައްވާފައެވެ. ނަމަވެސް، އެ ފަރާތްތަކުގެ ތަފްސީލު އަދި މިހާތަނަށް އޭސީސީންވެސް ސަރުކާރުންވެސް ހާމަކޮށްފައެއް ނުވެއެވެ.
މުއައްވިޒު ވިދާޅުވި، 155 އެކައުންޓުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ނިސްބަތްވާ ނުވަތަ އެ ބޭފުޅުންގެ މަސްލަހަތު ހިމެނޭ އެކައުންޓުތައް ހިމެނޭ ކަމަށް މީގެ ކުރިން ވަނީ އަޑުފެތުރިފައެވެ. އެހެން ކަމުން، އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން، އެމްޕީއާރްސްގެ ބޮޑު ހިޔާނާތުގެ ފައިސާ ނެގި މީހުންގެ ލިސްޓު އާންމު ކުރަން ގޮވާލައި "ހާމަ ކުރޭ"ގެ ނަމުގައި މިހާރު ވަނީ ކެމްޕޭނެއް ފަށާފަ އެވެ.
155 account akah MMPRC ge faisaa vadhefaivaa kamah@ACC_Maldives@muavizrbunefavey adhi@MTDSecretariatge noos conference eygai@mvpeoplesmajlisge 82 member akah MMPRC ge faisaa dhinkamah buni@PoliceMv@TransparencyMV
— Forme ???? (@fourmea)February 2, 2019
އެ 155 އެކައުންޓުގެ ތަފްސީލުތައް އާންމު ކުރުމަށް ގޮވާލައި، "ހާމަ ކުރޭ"ގެ ނަމުގައި މީސް މީޑިއާގައި ކުރަމުންދާ ކެމްޕޭނަކީ މިހާރު މަޖިލީހުގައި ތިއްބެވި މެމްބަރުންނާއި، މަޖިލީސް އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ތެރެއިން އެމްއެމްޕީއާރްސީގެ ފައިސާ ނެގީ ކޮން ފަރާތްތަކެއްކަން ދެނެގަތުމަށް ކުރަމުންދާ ކެމްޕޭނެކެވެ.
އެމްއެމްޕީއާރްސީގެ ފައިސާ ވަން އެކައުންޓުތަކުގެ ތަފްސީލު ހާމަ ކުރުމާ މެދު މީސް މީޑިއާގައި ޝުއޫރު ފާޅުކުރަމުންދާ ފަރާތްތަކުން ބުނަމުން ދަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ނަޒާހަތްތެރި ބޭފުޅުން އިންތިހާބު ކުރުމަށް އެ އެކައުންޓުތަކުގެ މައުލޫމާތު މުހިންމު ކަމަށެވެ. އަދި އެ އެކައުންޓުތަކުގެ ވެރިފަރާތްތަކުގެ ތެރޭގައި އިންތިހާބުގައި ވާދަ ކުރަމުންދާ މީހުން ހިމެނުން އެކަށީގެންވާކަން އެ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.
This mutual concern is of utmost significance for all of us to make an informed decision in#Majilis19,@presidencymv@ACC_Maldivesneeds to disclose this information to the public without any further delays#Haamakurey
— Adam Isham (@AdamIshamMV)February 7, 2019
I am yet to hear any public comments by state officials on holding the 155 individuals who received MMPRC money to account. As a citizen, I'd like to know these individuals, many of whom are contesting elections, so we can hold them to account at the ballots in April.
— aimanrasheed (@aimanrasheed)February 7, 2019
އެ ކެމްޕޭނުގެ ތެރެއިން، ކޮރަޕްޝަނުގެ ފައިސާ ވަން އެކައުންޓުތަކުގެ ތަފްސީލު އާންމު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އޭސީސީއަށް ގިނަ ބަޔަކު މިހާރު ދަނީ ގޮވާލަމުންނެވެ.
އެ އެކައުންޓުތަކުގެ ތަފްސީލު ހާމަ ކުރަން މީސް މީޑިއާގައި ގިނަ ބަޔަކު ގޮވާލަމުންދާ އިރު އެކަމަށް ވަކާލާތުކޮށް، އަޑު އުފުލުމަށް، މި މަހުގެ 15 ވާ ހުކުރު ދުވަހު ހިނގާލުމެއް ބޭއްވުމަށް ވެސް އަންނަނީ ތައްޔާރު ވަމުންނެވެ. އެ ހިނގާލުން އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވަނީ ބަންޑާރަނައިބުގެ އޮފީހުގައި ކުރިން މަސައްކަތް ކުރެއްވި ވަކީލު މަރިޔަމް ޝުނާނާއެވެ.
"މަގުސަދަކީ ސާފު މަޖިލީހެއް ހޯދުން. ތުހުމަތު އެބަ ކުރެވޭ މަޖިލީހަށް ކުރިމަތިލާ ބައިވަރު ފަރާތްތަކުގެ އެކައުންޓުތަކަށް އެމްއެމްޕީއާރްސީގެ ފައިސާ ވަން ކަމަށް. އަހަރެމެން ވޯޓުލުމުގެ ކުރިން އެނގެން ބޭނުން އެއީ ކޮން ބައެއް ކަން. ރަނގަޅު ކެންޑިޑޭޓުން ވަކި ކުރަން އެނގޭނީ އޭރުން،" ހިނގާލުމާ ގުޅޭ ގޮތުން ޝުނާނާ ވިދާޅުވިއެވެ.
ޝުނާނާ ވިދާޅުވީ، އެ ހިނގާލުމުގެ ކުރިން ހިނގާލުމުގެ ބައިވެރިން އެއްވާނީ ކާނިވާ ސަރަހައްދަށް ކަމަށެވެ. އަދި އެއަށް ފަހު މަގުމައްޗަށް ނުކުންނާނެ ކަމަށް ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ބައެއް މައުލޫމާތުތައް ފާއިތުވި ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އޭސީސީން ވަނީ އާންމުކޮށްފައެވެ. އެ މައުލޫމާތުތަކުގެ ތެރޭގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 57 ރަށެއް އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރެއްވި ގޮތުގެ ތަފްސީލު ހިމެނެއެވެ. އަދި އެ ކޮމިޝަނުން އެ ހިޔާނާތާ ގުޅިގެން ބަލަމުންދާ ހަ މައްސަލައެއްގެ މައުލޫމާތުވެސް ވަނީ ހާމަކޮށްފައެވެ.
އޭސީސީން ބުނެފައި އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގު ކުރި އިރު އެމްއެމްޕީއާރްސީން ދޫކުރި ރަށްތަކާ ގުޅޭ 5681 ޑޮކިއުމެންޓެއް އެ ކޮމިޝަނުން އެނަލައިޒް ކުރި ކަމަށެވެ. އަދި އެ މައްސަލައާ ގުޅޭ 163 ފަރާތެއްގެ 28،448 ބޭންކު ޑޮކިއުމެންޓު ބަލާފައި ވާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އޭސީސީން ތަހުގީގު ކުރަން ފެށީ 2015 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އެވެ. އެ މައްސަލަ ތަހުގީގުކޮށް ނިންމައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ 10 އޮގަސްޓް 2017 ވަނަ ދުވަހު އެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ހިޔާނާތް ހިނގައި ދިޔަ އިރު އެމްއެމްޕީއާރްސީގެ އެމްޑީގެ މަގާމުގައި ހުރި އަބްދުﷲ ޒިޔަތުއާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށް ދައުވާކޮށް ވަނީ ޖަލު ހުކުމް އިއްވާފައެވެ.
އެ މައްސަލައިގައި ހާމިދަށް ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް އިއްވި އިރު އޭނާ ވަނީ ހުކުމް ތަންފީޒުކޮށް ނިމުމުން ދޫކޮށްލާފައެވެ. އެ މައްސަލައިގައި އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ޒިޔަތު ވަނީ މިއަދު ޖަލުން ގޭބަންދަށް ބަދަލުކޮށްފައެވެ. އަދީބު ގޭބަންދަށް ބަދަލުކުރުމަށް ފަހު މިހާރު ވަނީ އަނެއްކާވެސް ޖަލުބަންދަށް ބަދަލުކޮށްފައެވެ.
ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ކުރީގެ ރައީސް ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށްވެސް ވަނީ ޖަމާވެފައެވެ. އަދި އެމަނިކުފާނު އެ ފައިސާ އިސްލާމިކް ބޭންކުގައި މަންފާ ލިބޭ ގޮތަށް ބެހެއްޓެވި ކަމަށްވެސް ވަނީ އިއުތިރާފުވެވަޑައިގެންފައެވެ. އެ މައްސަލައިގައި އެމަނިކުފާނާ ދެކޮޅަށް މަނީ ލޯންޑާ ކުރުމުގެ ދައުވާއާއި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރުމަށް އެދި ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.
އޭގެ އިތުރުން، މަނީ ލޯންޑާ ކުރުމުގައި ރައީސް ޔާމީނަށް އެހީތެރިވެ، އެކަމުގައި ބައިވެރިވުމާއި، ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުމަށް މަސައްކަތްކޮށްފައިވާ ކަމުގެ ދައުވާ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރުގެ މައްޗަށް ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕީޖީއަށް ފޮނުވާފައެވެ.