09 Oct 2011, 15:28
ދެ ފަހަރަށް އިސްތިއުފާ ދެއްވުމަށްފަހު އިސްލާމިކް މިނިސްޓަރުކަމާ ތިންވަނަ ފަހަރަށް ހަވާލުވެވަޑައިގަތީ ވަރަށް ގިނަ ފަރާތްތަކާއެކު މަޝްވަރާ ކުރެއްވުމަށް ފަހު 98 ޕަސެންޓް މީހުން އެކަމަށް ތާއީދު ކުރުމުން ކަމަށް ޑރ އަބުދުލް މަޖީދު އަބުދުލް ބާރީ މިއަދު ވިދާޅު ވެއްޖެއެވެ.
ތިންވަނަ ފަހަރަށް ވަޒީރު ކަމާ ހަވާލުވަޑައިގެންނެވުމަށްފަހު އިސްލާމިކު މިނިސްޓްރީގައި މިއަދު ނޫސްވެރިނާ ބައްދަލު ކުރައްވާ ޑރ. މަޖީދު ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ އަލުން އެމަޤާމު ލިބިވަޑައިގަންނަވާނެ ކަމަށް ނުވަތަ އެ މަގާމާއި ހަވާލުވަޑައިގަތުމަށް ގަސްދު ކުރައްވައިގެން ނޫން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކުރިން ވަޒީރު ކަމުގެ މަގާމުގައި ކުރިން ހުންނެވީ އަދާލަތު ޕާޓީ އާއި އެމްޑީޕީގެ ކޯލިޝަނުގެ އެއްބަސްވުމުގެ ދަށުން ހަވާލު ކުރެއްވެވި މަގާމަކަށް ވުމުން ކަމަށާއި ކޯލިޝަނުން އަދާލަތު ވަކިވުމަށްފަހު އިސްތިއުފާ ދެއްވެވީ ވަޒީރުކަން ދޫކޮށްލެއްވުމަށް އަދާލަތުން އެދުމުން އެކަމަށް އިހްތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.
ކޯލިޝަނުން އަދާލަތު ވަކިވުމުން ޑރ. މަޖީދު ވަޒީރު ކަމުން އިސްތިއުފާ ދެއްވެވީ މިދިއަ މަހުގެ 29 ގަ އެވެ. އޭގެ ކުރިން އޭނާ ވަނީ އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވާފަ އެވެ.
"އަޅުގަނޑު ވަކިވިއިރުވެސް ދަންނަވާފައި އޮންނާނެ އަޅުގަނޑު އެއްވެސް ހާލެއްގައި މިތަނުން [އިސްލާމިކު މިނިސްޓްރީން] ނުކުމެގެން މިދަނީއަކީ އެއްވެސް ކަހަލަ ހިންހަމަ ނުޖެހުމެއް އޮވެގެނެއް ނުނޭ. އަދި ދިޔައިރު އަޅުގަނޑު ވަކި އުއްމީދު ކޮށްގެން ހުރިއްޔަކީ ނޫން އެނބުރި[މިނިސްޓަރު] ކަމަށް އަންނާކަށް. ކޮންމެއަކަސް ދެވަނަ ފަހަރަށް ގައުމީ ހިދުމަތަށް އައުމަށް އަޅުގަނޑަށް ފުރުސަތު ލިބުމުން އެކަން ޤަބުލްކުރީ،" ޑރ މަޖީދު ވިދާޅުވިއެވެ.
ޑރ. މަޖީދު ވިދާޅުވީ އަލުން މިނިސްޓަރު ކަމުގެ މަގާމާ ހަވާލުވުމަށް ރައީސް ނަޝީދު އެދި ވަޑައިގަތުމުން މިނިސްޓަރު ކަމުގައި ހުނަވަން ބޭނުންފުޅުވަނީ އަދާލަތު ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ކަމަށް ރައީސް އަރިހުގައި ދަންނަވާފައިވާނެ ކަމަށާއި މިއަދު އަލުން ވަޒީރު ކަމާ ހަވާލުވެ ވަޑައިގަތީ އަދާލަތުގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ކަމަށެވެ. އަދި އެކަމަށް ރައީސް ނަޝީދު މަރުހަބާ ވެސް ވިދާޅުވި ކަމަށެވެ.
މަޖީދު ވިދާޅުވީ މިދަނޑިވަޅުގައި އަދާލަތު ޕާޓީން ބަލަންވާނީ އޭނާ އެޕާޓީން ވަކިނުކޮށް ގައުމީ ހިދުމަތުގައި މަސައްކަތްކުރުމަށް ފުރުސަތު ދިނުމަށް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
ޑރ. މަޖީދު މަގާމުން އިސްތިއުފާ ދެއްވެވީ ސަރުކާރު ހިންގާ އެމްޑީޕީ އާ އެކު އަދާލަތުން ހަދާފައިވާ ކޯލިޝަން ރޫޅާލުމަށް ފަހު، އެ ޕާޓީގެ ނަމުގައި ސަރުކާރުގައި ތިއްބެވި، އިސްލާމިކް މިނިސްޓަރު ޑރ. މަޖީދާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު އަހުމަދު އެ ބޭފުޅުން ތިއްބެވި މަގާމުތަކުން އިސްތިއުފާ ދެއްވުމަށް އެދުމުންނެވެ.