09 Feb 2019, 13:15
ފ. ފީއަލިން ޑެންގޫ ޖެހިގެން ގެނައި ކުދިންތަކުގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ގޯސްވެ އިތުރު ފަރުވާއަށް ރާއްޖެ އިން ބޭރަށް ފޮނުވާލުމަށް ޑޮކްޓަރުން ލަފާދީފި އެވެ.
އައިޖީއެމްއެޗުގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު މުފީދު ވިދާޅުވީ ޑެންގޫއަށް ޕޮސިޓިވް ވެގެން ގެނައި ކުދިންތަކުގެ ތެރެއިން ހަ އަހަރުގެ ފިރިހެން ކުއްޖާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި އެކުއްޖާގެ ހާލު ކްރިޓިކަލް ކަމަށެވެ.
"ޑޮކްޓަރުން ވަނީ އިތުރު ފަރުވާއަށް ރާއްޖެ އިން ބޭރަށް ފޮނުވާލުމަށް ލަފާދީފައި. އެ މަސައްކަތް ކުރަމުން މިދަނީ،" މުފީދު ވިދާޅުވި އެވެ.
ފީއަލީގައި ޑެންގޫ ޖެހުނު ކުދިންތަކުގެ ތެރެއިން ހަ ކުއްޖަކު ރޭ ވަނީ އެމްއެންޑީއެފްގެ ސީއެމްބިއުލައިންސްގައި މާލެ ގެނައިސްފަ އެވެ. އަދި އޭގެ ތެރެއިން ދެ ކުދިން މިހާރު ޑިސް ޗާޖް ކޮށްފައިވާކަން މުފީދު ފާހަގަކުރެއްވި އެވެ.
އަނެއް ދެ ކުދިންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު ހާލު ސީރިއަސް ކުއްޖާ މިއަދުގެ ވަގުތެއްގައި ރާއްޖެ އިން ބޭރަށް ފޮނުވާލެވޭނެ ކަމަށް މުފީދު ވިދާޅުވި އެވެ.
މުފީދު ވިދާޅުވީ އެ ކުއްޖާ ބޭރަށް ފޮނުވާނީ އާސަންދައިގެ ހަރަދުގައި ކަމަށެވެ.