09 Feb 2019, 12:44
އެމްޑީޕީ އިން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އިންކަމް ޓެކްސް ބިލުން ޓެކެސް ނެގޭނީ ގާތްގަނޑަކަށް 6،000 މީހުންގެ އަތުން ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރައްވާ ފަރާތްތަކުން ކެމްޕެއިން ޕޯސްޓަރު ހަރުކުރުން ފެއްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެޖެންޑާ19ގައި އިންކަމް ޓެކްސް ނެގުމަށް ހުށަހަޅާފައިވާ އިރު އެ ޓެކްސް ދައްކަން ޖެހެނީ މަހެއްގެ މައްޗަށް ކުރާ ހަރަދު ކެނޑުމަށް ފަހު އަތުގައި 60،000 ރުފިޔާ އޮންނަ ފަރާތްތަކުން ކަން ނަޝީދު ވިދާޅުވި އެވެ. އަދި ޓެކެސްގެ ގޮތުގައި ނަގާނީ ރުފިޔާއަކުން ތިން ލާރި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އެޖެންޑާ19ގައި ދައުލަތަށް އާމްދަނީ އެބަ ނަގާ. ދައުލަތަށް ނަގާ އެންމެ ބޮޑު އާމްދަނީ އަކީ ވަކި ފަރުދުންގެ އާމްދަނީ އިން ނެގޭ ޓެކެސް. އެއީ އަޅުގަނޑުމެން އަންދާޒާ ކުރާ ގޮތުގައި ހަ ހާސް މީހުން ދައްކަން ޖެހޭ އެއްޗަކަށް ވެގެން ދާނެ،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ގިނަ މެންބަރުންނަކީ މެދު އާމްދަނީ އެއް ލިބޭ ރައްޔިތުން ކަން ނަޝީދު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު ހަގީގަތުގައި ހިފަހައްޓައިދެނީ އެމްޑީޕީގެ ފަލްސަފާއާއި އެ ޕާޓީގެ މެންބަރުން ކަމަށެވެ. އެ މެންބަރުންނަށް ގެއްލުން ލިބޭނެ ޓެކްސްއެއް ނެގުމަށް ހުށަނާޅާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ބުނަނީ ވަރަށް މަދު މީހެއްގެ އަތުން އެއްޗެއް ނަގާ ވާހަކަ. ތަކުރާރުކޮށް އެބަ ދަންނަވަން މާލޭގައި އަދި ރަށް ރަށުގައި ކުޑަ ތަނަވަސްކަމާ އެކު އުޅޭ އާއިލާ އަތުން އެމްޑީޕީ އަށް ވޯޓުލާ އުފުލުން އުޅޭ އާއިލާ އަތުން އެމީހުންގެ އަތަކުން ނޫން މި ޓެކްސް ނެގެނީކީ އެއް،" ނަޝީދު ވިދާޅުވި އެވެ.
ޓެކްސްގެ ނިޒާމް މިހާރަށް ވުރެ ފުރިހަމަކުރުމުގެ ގޮތުން އިންކަމް ޓެކްސް ނެގުމާ ބެހޭ ބިލެއް މި އަހަރު ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްވުމުން އަންނަ އަހަރު އިންކަމް ޓެކްސް ނަގަން ފެށޭނެ ކަމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
މުއްސަނދިންނާއި ފަގީރުންގެ ފަރަގު ކުޑަކުރުމަށް ވެރިކަމަށް ވަޑައިގަތުމަށް ފަހު، ޓެކުހުގެ ނިޒާމު ފުރިހަމަކޮށް، އިންކަމް ޓެކްސް ނަގާނެ ކަމަށް ރިޔާސީ ކެމްޕެއިން ދުވަސްވަރި ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.