އެމެރިކާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ ހަނގުރާމަތަކާ ދެކޮޅު ހެދުމުގެ ގޮތުން އެ ގައުމުގެ ވެރިރަށް ވޮޝިންޓަންގައި ހުންނަ ނެޝަނަލް އެއާ ސްޕޭސް މިއުޒިއަމަށް ވަދެގަތުމަށް މަސައްކަތް ކުރުމާ ގުޅިގެން އެމީހުންނާ ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައިފި އެވެ.

ދުނިޔޭގައި ހުރި އެންމެ ބޮޑު ދާރުލް އާސާރުކަމަށްވާ ނެޝަނަލް އެރޯ ސްޕޭސް މިއުޒިއަމަށް ހަމަލާދީ އެތަނަށް ވަދެގަތުމަށް މަސައްކަތް ކުރި މީހުންގެ މޫނަށް ފުލުހުން ޕެޕާސްޕްރޭ ޖެހުމުގެ ސަބަބުން ގިނަ ބަޔަކަށް އަނިޔާވި ކަމަށާއި އަނިޔާވި މީހުންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށް މުޒާހަރާކުރުމުގައި އިސްކޮށް އުޅޭ މީހުން ބުންޏެވެ.
ވޮޝިންޓަންގައި ކުރި މުޒާހަރާ މިފަދަ ގޮތަކަށް ރޫޅާލާފައިވާ އިރު އެމެރިކާގެ އެކި ކަންކޮޅުތަކުގައި އެކި ނަންނަމުގައި ގިނަ މުޒާހަރާތައް ކުރަމުން އަންނަ ކަމަށް ވެސް އެމެރިކާގެ ނޫސްތައް ބުންޏެވެ. އެގޮތުން ނިއުޔޯކްގެ ވޮޝިންޓަން ސްކޮޔާ ޕާކަށް ގާތްގަނޑަކަށް 3000 ވަރަކަށް މީހުން އެއްވި އިރު އެމީހުން ބޭނުން ކޮށްފައި ވަނީ އަރަބި ގައުމުތަކުގައި އަރަބް ސްޕްރިންގްގެ ނަމުގައި ކުރަމުންދާ މުޒާހަރާތަކުގައި ބޭނުންކުރަމުންދާ ފަދަ އިބާރާތްތައް ލިއެފައިވާ ބޯޑްތަކެވެ.

"އޮކިއުޕައި ވޯލް ސްޓްރީޓްގެ ނަމުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އެމެރިކާގެ ނިއުޔޯކްގައި ފެށި މުޒާހަރާ މިހާރު ވަނީ އެގައުމުގެ ގިނަ ސިޓީތަކަކަށް ފެތުރިފަ އެވެ. ( އަލްޖަޒީރާ – ޑެއިލީމެއިލް)