ނިމިދިޔަ 2018 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 148 މިލިޔަން ރުފިޔާ ލިބިއްޖެއެވެ. މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ފަސް ޕަސަންޓުގެ ކުރިއެރުމެކެވެ.

އުރީދޫއިން ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ހިސާބުތައް އާންމުކޮށްފައެވެ.

އެ މައުލޫމާތު ހިމެނޭ ރިޕޯޓުގައި ބުނެފައިވާ ގޮތުން 2018 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 481 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. ހަރަދުތަކާއި ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބުނީ 148 މިލިޔަން ރުފިޔާއެވެ.

އެ ކުއާޓަރުގައި އުރީދޫއިން ވަނީ ޓެކްސްގެ ގޮތުގައި 26.9 މިލިޔަން ރުފިޔާ ދައްކާފައެވެ.

އުރީދޫއިން މިދިޔަ ކުއާޓަރުގައި ވަނީ މުޅިން އާ ޑިޖިޓަލް ހިދުމަތްތަކެއްވެސް ރާއްޖެއަށް ތައާރަފުކޮށްފައެވެ.

އޭގެ ތެރޭގައި ޑިޖިޓަލް ރިސޯޓްސް ޕޯޓަލް، އެމެޒޯން ޕްރައިމް ވީޑިއޯ އަދި ކަސްޓަމައިޒްޑް ޓޫރިސްޓް ސިމް ޕެކޭޖުތައް ހިމެނެއެވެ.

މީގެ އިތުރުން އުރީދޫއިން މިދިޔަ ކުއާޓަރުގައި ވަނީ ރާއްޖޭގައި 5ޖީ ނެޓްވޯކާއި ވޮއިސް އޯވާ އެލްޓީއީ ނެޓްވޯކް ޓެސްޓުކޮށްފައެވެ. އަދި އިތުރު 11 ރަށަކަށް އުރީދޫ ސުޕަނެޓް ހިދުމަތް ފުޅާކޮށްފައެވެ.

އުރީދޫއިން މިހާރު ދަނީ މިއަހަރުގެ އެކުންފުނީގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އެކުންފުނީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ ބުކް ކްލޯސިންގް ޑޭޓް ކަމުގައިވާ، 2019 ފެބްރުއަރީ 21 ގެ ރޭގަނޑު 8:00 ގެ ކުރިން އެކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އުރީދޫއިން ނިންމާފައިވަނީ މިދިޔަ އަހަރު ލިބުނު ސާފު ފައިދާގެ 88 ޕަސެންޓު ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށެވެ. އެއީ ހިއްސާއަކަށް 3.22 ރުފިޔާއެވެ.