މާލޭގައި ރޭ ދަންވަރު ހިނގި ދެ އެކްސިޑެންޓެއްގައި ހަ މީހަކަށް އަނިޔާ ވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ދެ އެކްސިޑެންޓް ވެސް ރޭގައި ހިނގާފައި ވަނީ ދަންވަރު 1:00 ޖަހާ އެހާކަންހާއިރު ކަމަށެވެ.

އެގޮތުން ސެނެހިޔާ ކައިރިން ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ދެ އަންހެނުންނާއި އެއް ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. އެ އެކްސިޑެންޓް ހިނގީ ބޮޑުތަކުރުފާނު މަގުގެ ދެކުނުން އުތުރަށް ދުއްވާފައި އައި ސައިކަލެއް ބުރުޒުމަގަށް އަޅަން އުޅުނު ވަގުތު ސިނަމާލެ ބުރިޖުން ފައިބައިގެން އުތުރުން ދެކުނަށް ދުއްވާފައި އައި ސައިކަލެއްގައި ޖެހިގެން ކަމަށެވެ.

ރޭ މަޖިލިސް ކުރާ ގެ ކައިރީގައި ހިނގި އެކްސިޑެންޓްް ---

އެ ތިން މީހުން ވެސް ގެންގޮސްފައި ވަނީ ސެނެހިޔާ ހޮސްޕިޓަލަށެވެ. އަދި ލިބުނު އަނިޔާގެ ތަފްސީލެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ރޭގެ ދެވަނަ އެކްސިޑެންޓް ހިނގާފައި ވަނީ ރައްޔިތުން މަޖިލިސް ކުރާ ގެ ކައިރީގަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ސައިކަލެއް އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެ ގޮސް ޕާކް ކޮށްފައި އޮތް ކާރެއްގައި ޖެހިގެން ކަމަށެވެ.

އެ އެކްސިޑެންޓްގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި އިން 16 އަހަރުގެ ދެ ކުދިންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި 26 އަހަރުގެ އިތުރު ފިރިހެނަކަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފުޝަލު ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ އެކްސިޑެންޓްގައި އަނިޔާވެގެން އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އެކަކު ކަމަށާއި އޭނާއަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށެވެ. އަދި ރޭގައި އެކްސިޑެންޓް ވި އެކަކު ވެސް އޭޑީކޭ ހޮސްޕިޓަލަށް ގެނެގޮސްފައި ނުވާ ކަމަށް އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލު ވިދާޅުވި އެވެ.