08 Feb 2019, 21:17
ފ. ފީއަލީގައި ޑެންގޫއަށް ޕޮޒިޓިވްވި ހަ ކުއްޖަކު އެމްއެންޑީއެފްގެ ސީ އެމްބިއުލެއިންސްގައި މާލެ ގެނައިސްދީފި އެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފީއަލިން ޑެންގޫއަށް ޕޮޒިޓިވް ކުދިން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޮމާންޑުން މާލެ ގެނައިސްފައިވާ ކަމަށެވެ.
ފީއަލީ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް ވިދާޅުވީ، އެ ރަށުގައި ހަލުވިކަމާ އެކު ޑެންގޫ ފެތުރެމުންދާ ކަމަށާއި އޭގެ ތެރެއިން ހަ ކުއްޖަކު މިއަދު އެމްއެންޑީއެފްގެ ސީއެމްބިއުލެންސްގައި މާލެ ގެނައިސްފައިވާ ކަމަށެވެ. އަދި މީގެ ކުރިން ހަ ކުއްޖަކު ވެސް އިތުރު ފަރުވާއަށް މާލެ ގެނެއިސްފައިވާ ކަން ޖަލީލް ފާހަގަކުރެއްވި އެވެ.
ފީއަލީގައި ހަލުވި ސްޕީޑެއްގައި ޑެންގޫ ފެތުރެމުންދާއިރު އެ ރަށު ސިއްހީ މަރުކަޒުން އެކަށީގެންވާ ފަރުވާ ދެވޭނެ ވަސީލަތްތައް ނެތް ކަމަށް ޖަލީލް ވިދާޅުވި އެވެ. އަދި މިވަގުތު ވެސް ޑެންގޫއަށް ދޭ ބޭސް ރަށުން ހުސްވެފައިވާ ކަމަށް ޖަލީލް ވިދާޅުވި އެވެ.
ރަށުގައި މަދިރި ގިނަވެފައިވާއިރު ކޮންމެ މަހަކު އެއް ފަހަރު ސިއްހީ މަރުކަޒުން އިސް ނަގައިގެން ރަށުތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަން ސާފުކުރާކަން ޖަލީލް ފާހަގަ ކުރެއްވި އެވެ. އަދި ކައުންސިލާއި މަރުކަޒު ގުޅިގެން ދޭތެރެ ދޭތެރެއިން ރަށަގައި ފޮގް ކުރާކަމަށް ޖަލީލް ފާހަގަކުރެއްވި އެވެ.