09 Oct 2011, 15:04
ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒްގެ ސިވިލް ކޯޓަށް ހާޒިރުވެވަޑައިގަތުމަށް އެންގި އަމުރު ދައުލަތުން އިސްތިއުނާފު ކުރުމުން އެ މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން ސިވިލް ކޯޓުގެ އަމުރު ތަންފީޒު ނުކޮށް ފަސްސް ކުރަން ހައިކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އިނާޒް ސިވިލް ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ސިވިލް ކޯޓުން އަމުރެއް ފޮނުވާފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އަށް ފިނޭންސް މިނިސްޓްރީން ބަޖެޓް ނުދީ ހިފަހައްޓާފައިވާތީ އެމްބީސީން އިނާޒުގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެނެވެ. ނަމަވެސް ދައުލަތުން ވަނީ އެ އަމުރު މިއަދު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
މިއަދު އިސްތިއުނާފު ކުރި މައްސަލައިގައި ހައިކޯޓުން ނެރުނު އަމުރުގައި ބުނަނީ " އެ އަމުރާއިމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން، އެ އަމުރު ތަންފީޒު ކުރުން ފަސްކުރުމަށާއި އެ އަމުރާއިގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް (ސިވިލް ކޯޓަށް) އަންގާ އަމުރުކޮށްފީމެވެ،"
އިނާޒް ކޯޓަށް ހާޒިރުވެ ވަޑައިގަތުމަށް ނެރުނު އަމުރު ދައުލަތުން އިސްތިއުނާފަށް ހުށަހަޅާފައިވާތީ އެމްބީސީގެ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ ކޮމެޓީ އެލަވަންސަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެއްޗަކަށްވާތީ އެ ފައިސާ ދޫނޮކޮށް ނުހިފެހެއްޓޭނެ ކަމަށް ދައުލަތުން ބުނާއިރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެމްބީސީގެ ބަޖެޓް ދޫނޮށް ހިފަހައްޓަވާފައިވަނީ ކޮންގޮތަކުންކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އަދި ވިދާޅުވީ އިނާޒު ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ނެރުނު އަމުރު އިސްތިއުނާފުކުރުމުން އެ ސަގާފަތް ރާއްޖޭގައި އާންމުވެ ކޯޓަށް ހާޒިރުވާން އަމުރު ނެރޭ އެންމެން އިސްތިއުނާފްކުރަން ވެއްޖެނަމަ ކޯޓަށް ހުށަހެޅޭ މައްސަލަތައް ނިމުން ލަސްވެގެން ހިނގައިދާނެ ކަމަށެވެ.
"މަޖިލީހުގެ މެންބަރުންގެ ކޮމޓީ އެލަވަންސަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެއްޗަކަށްވާތީ އެ ފައިސާ ދޫނޮކޮށް ނުހިފެހެއްޓޭނެ ކަމަށް ދައުލަތުން ބުނޭ. އެކަމަކު ހަމަ އެ މަޖިލީހުން ފާސްކޮށްފައިވާ އެމްބީސީގެ ބަޖެޓް ނުދީ ހިފަހައްޓާފައި އެވަނީ ކީއްވެގެންކަން އަޅުގަނޑަކަށް ނޭނގޭ... މިގޮތަށް ކޯޓަށް ހާޒިރުވުމުގެ އަމުރު އިސްތިއުނާފްކުރަން ވެއްޖެނަމަ މި ސަގާފަތް ރާއްޖޭގައި އާންމުވެ ކޯޓަށް ހުށަހެޅޭ މައްސަލަތައް ނިމުން ލަސްވެގެން ހިނގައިދާނެ،" އާޒިމާ ވިދާޅުވިއެވެ.
ލިޔުމާ ގުޅޭ އޯޑިއޯ