09 Oct 2011, 14:56
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެދެމުގެ މަތީން ފުލުހުންގެ ޓީމަކާއި އޭސީސީގެ ތަހުގީގު ޓީމެއް ޑިޒާސްޓާމެނޭޖުމަންޓަށް ވަދެ ތަހުގީގުތަކެއް ކުރަމުން އަންނަ ކަމަށް އޭސީސީ އިން މިއަދު ބުނެފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ އެ ކޮމިޝަނުގެ ޓީމެއް، ފުލުހުންނާ އެކު ޑިޒާސްޓާ މެނޭޖުމަންޓްގައި ހަރަކާތްތެރިވަމުން ދަނީ، އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެ މައްސަލައަކީ، އޭނާ ވިދާޅުވި ގޮތުގައި، މޯވޭ ކޮންސްޓްރަކްޝަނުން ލ. ގަމުގައި ހެދި ކަމަށް ބުނާ، "އެކްސަސް ރޯޑް" އަކަށް 15.23 މިލިއަން ރުފިޔާއެއް ނަގަން އުޅުނު މައްސަލަ އެކެވެ.
އޭސީސީ އިން ވަނީ އެ 15.23 މިލިއަން ރުފިޔާގެ ޕޭމަންޓް ހުއްޓުވައިފަ އެވެ.
ޑިޒާސްޓާ މެނޭޖުމަންޓްގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ވިދާޅުވީ ފުލުހުންނާއި އޭސީސީގެ ތަހުގީގު ޓީމުން އެތަނަށް ގޮސް ބަލަނީ އެ ސެންޓަރުގައި މަސައްކަތް ކުރާ، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމުގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޒަކީގެ ކޮމްޕިއުޓަރާއި އަދި އެޑްމިނިސްޓްރޭޓިވް އޮފިސާ އާމިނަތު މުހައްމަދުގެ ކޮމްޕިއުޓަރުގައި ހުރި ލިޔުންތަކާއި އަދި ލ. ގަމުގައި ފްރެންޗު ރެޑް ކޮރެސްގެ ފަރާތުން އެޅި ގެތަކާ ބެހޭ މައުލޫމާތު ކަމަށެވެ.
މޯވޭ ކޮންސްޓަރަކްޝަނުން ލ. އަތޮޅު ގަމުގައި ހެދިކަމަށް ބުނާ އެކްސަސް ރޯޑަށް 15.23 މިލިއަން ރުފިޔާ ޑިޒާސްޓާ މެނޭޖުމަންޓުން ދޫކުރަން އުޅެނިކޮށް، އެއީ ނުކުރާ މަސައްކަތެއް ކަމަށް ބަޔަކު ޝަކުވާ ކުރުމުން އެ ފައިސާ ދޫކުރުން އޭސީސީ އިން ހުއްޓުވައި، ލ. އަތޮޅަށް ޓީމެއް ފޮނުވައިގެން ވަނީ މައްސަލަ ބަލައިފަ އެވެ. ނަމަވެސް އިއްޔެ ލުތުފީ ވިދާޅުވީ މުޅި މައްސަލަ ތަހުގީގުކޮށް ނުނިމެނީސް އެއްޗެއް ވިދާޅުވާން ދަތިކަމަށެވެ.
ސަން އާ ވާހަކަ ދެއްކި ޑިޒާސްޓާ މެނޭޖުމަންޓްގެ އޮފިޝަލަކު ވިދާޅުވީ އެ ޕޭމަންޓަކީ ޑިޒާސްޓާ މެނޭޖުމަންޓުން ދޭން ޖެހޭ ފައިސާއެއް ވެސް ނޫން ކަމަށާއި އަދި އެއީ ރަނގަޅަށް ކޮށްނިންމާފައި އޮތް މަސައްކަތެއް ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ މޯވޭ އަށް ފައިސާ ދެއްކުމަށް އުޅުނު އިރު، ފްރެންޗު ރެޑްކޮސް އިން ލ. އަތޮޅުގައި ހިންގި ޕްރޮޖެކްޓްގެ ފައިސާ ޑިޒާސްޓާ މެނޭޖުމަންޓްގައި ނުހުންނާނެ ކަމަށާއި "އެކްސަސް ރޯޑް"ގެ ނަމުގައި ފައިސާ ދޭން އުޅުނީ ރ. ދުވާފަރާއި ތ. ވިލުފުށީގައި ގެއަޅަން ހުރި ފައިސާ އިން ކަމަށެވެ.
ޑިޒާސްޓާ މެނޭޖުމަންޓްގެ އޮފިޝަލް ވިދާޅުވި ގޮތުގައި ލ. ގަމުގައި ފްރެންޗު ރެޑްކްރެސް އިން ހެދި ގެތަކަށް ޑިޒާސްޓާ މެނޭޖުމަންޓުން މި އަހަރުގެ މޭ މަހު 18 މިލިއަން ރުފިޔާ މޯވޭ އަށް ދޫކޮށްފައިވާ ކަމަށާއި އެއީ ވެސް އެތަނުން ދޭން ޖެހޭ އެއްޗެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފްރެންޗު ރެޑްކްރެސް އިން ލ. އަތޮޅުގައި ހިންގި މަޝްރޫއެއްގެ ފައިސާ ޑިޒާސްޓާ މެނޭޖުމަންޓުން ދޭން ޖެހޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި އެ 18 މިލިއަން ރުފިޔާ ވެސް ދޫކޮށްފައި ވަނީ ރ. ދުވާފަރާއި ތ. ވިލުފުށީގައި ގެއަޅަން ހުރި 42 މިލިއަން ރުފިޔާގެ ތެރެއިން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
އޭނާ ވިދާޅުވީ މޯވޭ އަށް މި އަހަރުގެ މޭ މަހު 18 މިލިއަން ރުފިޔާ ޑިޒާސްޓާ މެނޭޖުމަންޓުން ދޫކުރީ، ކޯޓު ހުކުމެއްގެ ދަށުން އެ ކުންފުނިން ސަރުކާރަށް 2.3 މިލިއަން ޑޮލަރު (އޭރުގެ ރޭޓުން 29.55 މިލިއަން ރުފިޔާ) ސަރުކާރަށް ދައްކަން އޮއްވައި ކަމަށެވެ.
ސުނާމީ އަށް ފަހު، ލ. ގަމުގައި 240 ގެ އަޅަން މޯވޭއާ ހަވާލު ކުރި މަސައްކަތް ޕްލޭނިން މިނިސްޓްރީން ވަކި ކުރީ، ޑިޒާސްޓާ މެނޭޖުމަންޓްގެ އޮފިޝަލް ވިދާޅުވި ގޮތުގައި، މުއްދަތު ފަހަނައަޅައި ދިޔަ އިރު މަސައްކަތް ނުނިންމައި އޮތުމުންނާއި އަދި މަސައްކަތް ކުރުމަށް ވެސް އެ ކުންފުނިން އިންކާރު ކުރުމުންނެވެ.
މޯވޭ ކޮންސްޓްރަކްޝަން ކޮމްޕެނީގެ ޑިރެކްޓަރު މުހައްމަދު ވަހީދު (ދިގަލި) އާ މިއަދު ގުޅުމުން ވިދާޅުވީ "މިވަގު ބިޒީކޮށް" ހުންނެވުމުން މައުލޫމާތު ދެއްވުމަށް އުޒުރުވެރިވާ ކަމަށެވެ. ނަމަވެސް އޭނާ އިއްޔެ ވިދާޅުވީ އެކްސަސް ރޯޑްގެ މަސައްކަތަކީ އެ ކުންފުނިން ކުރި މަސައްކަތެއް ކަމަށާއި ނުކުރާ މަސައްކަތަކަށް ފައިސާ ހޯދުމަށް އެދިފައި ނުވާނެ ކަމަށެވެ.