ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި އާ ސަފީރު އާއިޝަތު މުހައްމަދު ދީދީ، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދަށް މިއަދު އަރުއްވައިފިއެވެ.

ސަފީރު އާއިޝާ ދީދީގެ ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް އެރުވީ މިއަދު އިންޑިއާގެ ރައީސްގެ ގަނޑުވަރު ރަޝްތުރަޕަތީ ބަވަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތަށްފަހު އިންޑިއާގެ ރައީސް ކޯވިންދް ސަފީރު އާއިޝާ ދީދީއާ ބައްދަލުކުރައްވައި މަރުހަބާ ދަންނަވައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރަށާއި ދިވެހިންނަށް އުފާފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ދިވެހިރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދެމުންގެންދާ ގިނަގުނަ އެހީތަކަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި މަގާމުގައި ހުންނަވައި، ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނޭކަމުގެ ޔަގީންކަން ދެއްވިއެވެ.

އާއިޝަތު މުހައްމަދު ދީދީ އަކީ 1 ނޮވެމްބަރު 1965 ގައި އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރެވުނު ފަހުން އިންޑިއާގައި ރާއްޖެ ތަމްސީލް ކުރެއްވުމަށް ކަނޑައެޅުއްވި ފަސް ވަނަ ސަފީރެވެ. އަދި އޭނާއަކީ ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި އެންމެ ފުރަތަމަ އަންހެން ސަފީރުވެސްމެއެވެ.

އޭގެ އިތުރުން ރައީސް މައުމޫނުގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރުކަންވެސް ކުރެއްވި އާއިޝާ ދީދީއަކީ ރައީސް ސޯލިހުގެ ސަރުކާރުގައި ބޭރު ގައުމެއްގައި ސަފީރެއްގެ ގޮތުގައި ކަނޑައެޅުއްވި ފުރަތަމަ ސަފީރެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރުގައި ބޭރު ދައުލަތެއްގެ އިސްވެރިއަކަށް ސަފީރުކަމުގެ ފަތްކޮޅު އެރުވި ދެވަނަ ސަފީރެވެ.