ގދ. ފަރެސްމާތޮޑާއާއި ފުވައްމުލަކު ސިޓީއާ ދެމެދު، ލޯންޗް ފެރީގެ ހިދުމަތް ފަށައިފިއެވެ.

ފަރެސްމާތޮޑާއާއި ފުވައްމުލަކާ ދެމެދު ލޯންޗް ފެރީގެ ހިދުމަތް ދޭނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުންނެވެ.

މިއަދު ހެނދުނު އެ ހިދުމަތް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ފަރެސްމާތޮޑާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

އެ ހިދުމަތް އިފްތިތާހުކޮށްދެއްވައި ނައިބު ރައީސް ފައިސަލް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ލިބޭ ތަރައްގީގެ ކުރިއެރުންތައް ލިބިގެން ދިއުމުގެ ހަގީގަތަކީ ރައްޔިތުން އެކަކު އަނެކަކާ ގުޅިގެން ކުރެވޭ މަސައްކަތް ކަމަށެވެ. އަދި ހާސިލްކުރަން ބޭނުންވާ އަމާޒަށް ވާސިލުވުމަށްޓަކައި އަބަދުވެސް ގުޅިގެން މަސައްކަތްކުރުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ގދ. ފަރެސްމާތޮޑާއާއި ފުވައްމުލަކު ސިޓީއާ ދެމެދު، ލޯންޗް ފެރީގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ނައިބު ރައީސް ފައިސަލް ނަސީމް -- ފޮޓޯ: ރައީސް އޮފީސް

އޭގެ އިތުރުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަމުން ދާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅަކީ އެއްވެސް ބަޔަކު، އެއްވެސް ރަށެއް، އަދި އެއްވެސް ރައްޔިތެއް ބާކީ ނުކޮށް މުޅި ރާއްޖެއަށް ތަރައްގީ ގެނެސްދެއްވުން ކަމުގައި ވިދާޅުވިއެވެ. އެގޮތުން، ސަރުކާރު ހިންގުމުގެ ކަންކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަކުން ގުޅިގެން، ރައްޔިތުން އެދޭ ގޮތަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވޭތޯ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން، މުސްތަގުބަލުގެ ޖީލަކީ ވަރުގަދަ، ގައުމިއްޔަތެއް ދިރުވައިދޭނެ، ގައުމަށް ތަރައްގީ ގެނެސްދޭނެ ޖީލަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރައްވައި އެކަމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުން ގުޅިގެން މަސައްކަތްތަކެއް ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ނައިބު ރައީސް ފައިސަލް ފަރެސްމާތޮޑާއަށް ކުރެއްވި ޒިޔާރަތުގައި އެރަށު ކައުންސިލާއި، މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކަށް ކުރިމަތި ވަމުންދާ ގޮންޖެހުންތަކާއި އެކަންކަން ހައްލު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.