07 Feb 2019, 23:22
ޔޫރަޕްގެ އިއްތިހާދު (އީޔޫ)އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓުންގް ލައި މާގް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި އޮތް އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު އީޔޫއާ ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، އެއިއްތިހާދާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.
އަދި އެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ދައުލަތުގެ އިދާރާތައް ހަރުދަނާކުރުމަށާއި، ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުމުގައިއާއި އަދި ކޮރަޕްޝަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި، އީޔޫގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމަށް ޓުން ލައި މާގްއާ ހަވާލާދީ ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމުގައޮ "މޯލްޑިވްސް – އީޔޫ ޕޮލިސީ ޑައިލޮގް" އަށް ވަމުންދާ ތައްޔާރީތަކާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން، އެެ ބައްދަލުވުމުގައި ޝެންގެން ވިސާ ހޯދުމުގައި ދިވެހިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް ޔޫރަޕްގެ އިއްތިހާދުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އީޔޫ ސަފީރުގެ އަރިހުން މިނިސްޓަރު ޝާހިދު އެދިވަޑައިގެންނެވި ކަމަށް މިނިސްޓްރީން ބުންޏެވެ.