ތައިލޭންޑުގައި ކޭމްޕް ކުރަން އަންގާރަ ދުވަހު ފުރަން އޮތް ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ދަތަރު ފަސްކޮށްފި އެވެ. މިދަތުރު ފަސްކުރަން ޖެހުނީ ތައިލެންޑުގެ ބައެއް ސަރަހަދުތަކަށް މިހާރު ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ނެވެ.

ނަވާރަ އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފައިން އަށް ތައްޔާރުވުމަށް ގިނަ ދުވަސްތަކެއް ނެތް އިރު، ތައިލެންޑުގައި ފެން ބޮޑުވުމުގެ ސަބަބުން ޓީމުގެ ފަރިތަކުރުންތައް ވަނީ ފަސްކުރަން ޖެހިފައެވެ. މިމުބާރާތުގެ ކޮލިފައިން ކުޅުމަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ރާއްޖޭގެ ގައުމީ ޓީމު ފުރުމަށް ހަމަޖެހިފައިވަނީ މިމަހު 22 ވަނަ ދުވަހުއެވެ.

ގްރޫޕް އޭގައި ހިމެނޭ 19 އަހަރުން ދަށުގެ ގައުމީ ޓީމާއެކު މިގްރޫޕުގައި ހިމެނެނީ ސައުދީ އަރަބިއާ އާއި، އިރާގާއި، އޮމާނާއި، ބަންގްލަދޭޝް އަދި ނޭޕާލް އެވެ. ކޮލިފައިން މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 25 ވަނަ ދުވަހު އެވެ.