06 Jun 2010, 15:18
19:00
ސިކުނޑީގެ މައްސަލައެއް ހުންނަ އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ސ. ހިތަދޫން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
އައްޑޫ ޕޮލިސް ސްޓޭޝަނުން ބުނީ ހުކުރު ދުވަހު ފުލުހުންނަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 27 އަހަރުގެ ބަންގްލަދޭޝަންގެ ރައްޔިތެއް ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އެ އަންހެން ކުއްޖާ އެ ވާހަކަ ކިޔައިދިން އޭނާގެ ރައްޓެއްސަކު ކަމަށް ވެސް އެ ސްޓޭޝަނުން ބުނެ އެވެ.
އަންހެން ކުއްޖާއާ ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ މީހާއަކީ އަންހެންކުއްޖާ ދިރިއުޅޭ ގޭގައި ކުއްޔަށް އުޅޭ މީހެއް ކަމަށާއި އަދި އޭނާގެ އިތުރުން ވެސް އިތުރު ބިދޭސީން ވެސް އެގޭގައި ކުއްޔަށް އުޅޭ ކަމަށް ވެސް އެ ސްޓޭޝަނުން ބުނެ އެވެ. އެމީހާ އަކީ އެ ރަށުގެ ފަހާ ތަނެއްގައި މަސައްކަތްކުރާ މީހެއް ކަމަށް ވެސް އެސްޓޭޝަނުން ބުނެ އެވެ. އެހެންނަމަވެސް އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ދާތީ އެކަމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
މިދިޔަ މަހު ވެސް 10 އަހަރުގެ އަންހެން ކުއްޖަކާއި 13 އަހަރުގެ އަންހެން ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގައިގެން 54 އަހަރުގެ މީހަކާއި 40 އަހަރުގެ މީހަކު ފުލުހުން ވަނީ ހިތަދޫން ހައްޔަރު ކޮށްފަ އެވެ.