ރާއްޖޭގެ ހާލަތު ދެނެގަތުމަށް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގެ ހާއްސަ މަންދޫބުންނަށް ދިވެހި ސަރުކާރުން ދައުވަތު ދީފި އެވެ.

އދ. ގެ ހިއުމަން ރައިޓްސް ހައި ކޮމިޝަނަރު މިޝެލް ބެޗެލެޓަށް ފޮނުއްވި ސިޓީއެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ، ދިވެހި ރައްޔިތުންގެ އިންސާނީ ހައްގުތައް ކަށަވަރުކޮށް، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކާ އެކުގައި މަސައްކަތް ކުރުމުގައި ދިވެހި ސަރުކާރުން ދެމި އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން އެ ސިޓީފުޅުގައި މިިނިސްޓަރު ވަނީ، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ތެރެއިން، ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަދި ވޯކިން ގްރޫޕު އޮން އެންފޯސްޑް އެންޑް އިންވޮލަންޓްރީ ޑިސަޕިއަރެންސްއަށް މީގެ ކުރިން ސިޓީ ފޮނުވާފައިވާކަން ވެސް ފާހަގަކުރައްވާފަ އެވެ.

އަދި އެ ސިޓީފުޅުގައި މިނިސްޓަރު ވަނީ އދ.ގެ ހިއުމަން ރައިޓްސް ހައި ކޮމިޝަނަރުގެ އޮފީހާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ އެންމެެހާ ހާއްސަ މަންދޫބުންނާ އެކު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

މިނިސްޓަރުގެ ސިޓީފުގައި ވަނީ ހިއުމަން ރައިޓްސް ކައުންސިލުގެ ހާއްސަ މަންދޫބުން ރާއްޖެ ވަޑައިގެން ރާއްޖޭގެ ހާލަތު ދެނެގަތުމަށް ދައުވަތު އަރުވާފަ އެވެ. އަދި ކުރީގެ ސަރުކާރުގައި ވަޑައިނުގަނެވުނު ބޭފުޅުން ވެސް ވަޑައިގަތުމަށް އޭނާ ދައުވަތު އަރުއްވާފައިވެ އެވެ.

ހިއުމަން ރައިޓްސް ކައުންސިލުގެ ހާއްސަ މަންދޫބުން ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވާފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިންސާނީ ހައްގުތައް ދަމަހައްޓައި ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކުރުމަކީ ސަރުކާރުން އިސްކަން ދޭ ކަމެއް ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.