09 Oct 2011, 14:29
ޕޮލެންޑާއި ޔޫކްރޭންގައި 2012 ވަނަ އަހަރު ބާއްވާ ޔޫރޯ މުބާރާތުގެ ކޮލިފައިން ބުރުގެ ގްރޫޕް ޖީ ގައި ހުކުރު ދުވަހުގެ ރޭ މޮންޓެނީގްރޯ އިން އިނގިރޭސިން ހިފެހެއްޓި މެޗުގައި ފޯވާޑް ވޭން ރޫނީ އަށް ދެއްކި ރަތް ކާޑަކީ އެޓީމުގެ ކީޕަރު ޖޯ ހާޓްގެ ހަޔާތުގައި ފެނުނު އެންމެ ހުތުރު ރަތް ކާޑުކަމަށް އޭނާ ބުނެފިއެވެ.
އެމެޗުގައި ރޫނީ އަށް ދެއްކި ރަތް ކާޑަކީ އޭނާ އަށް ހެދުނު ބޮޑު ކުށެއް ކަމަށް ބުނެ، ޓީމުގެ އެހެން ކުޅުންތެރިންނަށް ރޫނީ މަޢާފަށް އެދުނު ކަމަށް އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ފަބިއޯ ކަޕެއްލޯ ބުނެފައިވެއެވެ.
ދިހަ ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ އިނގިރޭސިން 2-2 ލަނޑުން މޮންޓެނީގްރޯ އިން ހިފެހެއްޓި ނަމަވެސް އިނގިރޭސި ވިލާތް ވަނީ ޔޫރޯ އަށް ކޮލިފައި ވެފައެވެ. ހުކުރު ދުވަހުގެ ރޭ މޮންޓެނީގްރޯ އާއި ދެކޮޅަށް އިނގިރޭސިން ކުޅުނު މެޗުގެ 73 ވަނަ މިނެޓުގައި ރޫނީ އަށް ރަތް ކާޑު ލިބުނީ، ބޯޅަ ނެތިސް މޮންޓެނީގްރޯގެ މިއޮޑްރަގް ޑުޒޮވިޗަށް ހަމަލާ ދިނުމުން ނެވެ. މި ރަތް ކާޑުގެ ސަބަބުން ރޫނީ އަށް މި މުބާރާތުގެ ފުރަތަމަ މެޗު ގެއްލޭނެ އެވެ.
"އަހަރެންނަށް ވަރަށް ސާފުކޮށް އެމަންޒަރު ފެނުނު. އެއީ ހުތުރު ރަތް ކާޑެއް. މިއީ އެންމެ ހުތުރު ގޮތަކަށް ދަނޑުން ފޮނުވާލި މަންޒަރެއް އަހަރެންގެ ހަޔާތުގައި ފެނުނު ފުރަތަމަ ފަހަރު. އަހަރެން ވިސްނިން. އެރަތް ކާޑު ރަތް ކާޑަކީ ނުވާން ޖެހޭނެ ސަބަބަކީ ކޮބައިތޯ. އެ ރަތް ކާޑަކީ ހަމަ ސައްހަ ރަތް ކާޑެއް." ހާޓް ބުންޏެވެ.
މިއީ އިނގިރޭސި ގައުމީ ޓީމަށް ކުޅެމުން ދަނިކޮށް ރޫނީ އަށް ދެއްކި ދެވަނަ ރަތް ކާޑެވެ. ހުކުރު ދުވަހުގެރޭ ރޫނީ އަށް ރަތް ކާޑު ދެއްކީ ފުލުހުންގެ ތަހުގީގަކާއި ގުޅިގެން އޭނާގެ ބައްޕަ ހައްޔަރު ކުރިތާ ދުވަހެއް ނުވަނީހެވެ.