07 Feb 2019, 15:39
ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅަން ހަރަދުވާނީ 276 މިލިއަން ޑޮލަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ފާހަގަ ކުރެއްވި ކަންތައްތަކާ ގުޅޭ ގޮތުން ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެކަމަށް ހަރަދުވާނެ މިންވަރު ވެސް އެނގޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ފެނާއި ނަރުދަމާ އަށް ހަރަދު ވާނީ 276 މިލިއަން ޑޮލަރު. އެކަން އަޅުގަނޑުމެންނަށް ހިސާބު ކުރެވިއްޖެ،"
މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވީ ޤައުމީ އާމްދަނީން ބޮލަކަށް ޖެހޭ ނިސްބަތް ކިތަންމެ މަތީގައި ހުއްޓަސް، އެ އާމްދަނީން ސީދާ ރައްޔިތު މީހާގެ ޖީބަށް ވަންނަ މިންވަރު އިތުރު ނުވާ ކަމަށާއި ގިނަ ރަށްރަށުގެ ރައްޔިތުން ތިބީ އަދި ވެސް އަސާސީ ހިދުމަތްތަކުން މަހުރޫމު ވެފައި ކަމަށެވެ.
"އެފަދަ ރަށްރަށުގައި ސާފު ބޯފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފެށިގެންދާނެ. އަދި މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، ރަށުގެ އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއް ނެތި، އެއް އުސޫލަކުން، ހުރިހާ ރަށެއްގައި އެ ހިދުމަތްތައް ގާއިމް ކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.