ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ މައްސަލަ އާއި ދައުލަތުގެ ރަސްމީ އިދާރާ އަކަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް ކަމަށް އެމަނކިފާނުގެ ގާނޫނީ ވަކީލުން ތުހުމަތުކޮށްފި އެވެ.

ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން، އެ ފައިސާތަކުގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމުން އެ ފައިސާ ލޯންޑާކުރުމާއި އެ ފައިސާ އާ ގުޅޭ ގޮތުން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ހިންގި ތަހުގީގަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ވަނީ އިއްޔެ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރުމަށް އެދި ފުލުހުން "ނޫސްބަޔާނުގައި ހަވާލާދީފައިވާ މައްސަލަ އަކީ، ސަރުކާރުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުރަނގަޅު ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ހިންގަމުންދާ އަމަލުތަކެއްކަމަށް،" ގަބޫލު ކުރާ ކަމަށެވެ.

ރައީސް ޔާމީންގެ ތާއީދާ އެކު މަޖިލިސް އިންތިހާބުގައި 72 ދާއިރާއަކަށް ކެންޑިޑޭޓުން ވާދަކުރެ އެވެ.

މަނީ ލޯންޑާކުރި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފައިލް ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ރައީސް ޔާމިންގެ ނަމުގައި އިސްލާމިކް ބޭންކް އަދި އެނޫން ވެސް ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަަކަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ޖަމާކޮށްފައިވާ ކަމަށް ރައިސް ޔާމީން ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އަދި އެއްވެސް ޝަރުއީ ކޯޓަކުން ވެސް އަދި އެއްވެސް މުއައްސަސާއަކުން ވެސް އެއީ ހިޔާނާތުގެ ފައިސާ ކަމަށް މިހާތަނަށް ނިންމާފައި ނުވާ ކަމަށެވެ.

ވީއިރު، ރައީސް ޔާމީންގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވައިވާ ކަަމަށް ބުނެ ރޭ ފުލުހުން ނެރުނު ބަޔާނުގައި "ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން، އެ ފައިސާތަކުގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ" އެގޮތަށް އިބާރާތްކޮށްފައި ވަނީ އެއްވެސް ހަގީގީގަތެެއްގެ މައްޗަށް ލިޔެފައިވާ އިބާރާތެއް ނޫން ކަމަށް، ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

"ހަމައެކަނި ރައީސް ޔާމީން އަށް ގާނޫނު ތަންފީޒު ކުރަން އުޅުމަކީ ދުސްތޫރީ ހަމަހަމަކަމާއި ހިލާފުވުން"

ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެމަނިކުފާނުގެ އެކައުންޓަށް ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުންޏަކީ، ރާއްޖޭގައި އެތައް ކުންފުންޏަކާ އެކު އަދި އަމިއްލަ ފަރުދުންނާ އެކު ވެސް މާލީ މުއާމަލާތްތައް ހިންގާފައިވާ ކުންފުންޏެއް ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ އިތުރުން އެހެން އެވެސް ފަރާތަކާ ތަހުގީގެއް ހިންގައި ސުވާލު ކޮށްފައި ނުވާކަން އެނގިފައިވާ ކަމަށެވެ.

"ރައީސް ޔާމީން އަށް ޓާގެޓްކޮށް ހަމައެކަނި އެފަރާތުގެ [ރައީސް ޔާމީންގެ] މައްޗަށް ގާނޫނު ތަންފީޒު ކުރަން އުޅުމަކީ، ގާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ ދުސްތޫރީ ހަމަހަމަކަމާ ހިލާފު ކަމެއް،" ރައިސް ޔާމީންގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނުގައިވެ އެވެ.

އަދި އެގޮތަށް ވަކި ފަރާތަކަށް ޓާގެޓް ކޮށްގެން ގާނޫނު ތަންފީޒު ނުކުރުމަށާއި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހަމަހަމަކަން ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު ލިއްބައިދިނުން ކަށަވަރު ކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއަސަސާތަކަށް އިލްތިމާސް ކުރައްވާ ކަަމަށް އެ ބަޔާނުގައިވެ އެވެ.

ފުލުހުން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ފުލުހުން ހޯދި މައުލޫމާތާއި ހެއްކާއި ގަރީނާތަކުން، އެސްއޯއެފް ޕްރައިވެޓްލިމިޓެޑުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަމުގެ މައުލޫމާތު ލިބުމުން، އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އެ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ދައުލަތަށް އަނބުރާ ހަވާލުކުރުމަށް ކުރީގެ ރައީސް ޔާމީން އަށް ދެންނެވުމުން ވެސް އެ ފައިސާ ދައުލަތަށް އަނބުރާ ހަވާލުނުކޮށް އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓުތަކުގައި އެ ފައިސާތައް ދައުރުކޮށް މުއާމަލާތުކޮށްގެން މާލީ މަންފާ ހޯދިކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެސްއޯއެފް އިން ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާގެ މައްސަލަ އާއި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދެެއްވި ކަމުގެ ތުހުމަތުގައި ސުވާލުކުރުމަށް ތިން ފަހަރެއްގެ މަތިން ރައީސް ޔާމީން ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.