ފުލުހުންގެ ބަންދުގައި ހުންނަ މީހެއްގެ ގާނޫނީ ވަކީލުކަމަށް އަމިއްލައަށް އެދިގެން އައްޔަނުވުމަށް އެދި ހުށަހެޅޭގޮތަށް ހަމަޖައްސަވައިފިއެވެ.

ފުލުހުން ބުނީ ބަންދެއްގައި ހުންނަ 18 އަހަރުން މަތީގެ މީހެއްގެ ޤާނޫނީ ވަކީލުކަމަށް ޢައްޔަނުވުމަށްޓަކައި “ގާނޫނީ ވަކީލަކަށް ޢައްޔަނުވުމަށް އެދޭ ފޯމް” ފުރުމަށްފަހު ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓަށް ހުށަހެޅުމުން، އެފޯމްގައި ބަޔާންކޮށްފައިވާ ޤާނޫނީ ވަކީލަކީ ބަންދުގައި ހުންނަ މީހާ ގަބޫލު ކުރާ ވަކީލެއްނަމަ އެ ގާނޫނީ ވަކީލަކު، ބަންދުގައި ހުންނަ 18 އަހަރުން މަތީގެ މީހާގެ ގާނޫނީ ވަކީލަކަށް ޢައްޔަނުކޮށްދެވޭނެ ކަމަށެވެ.

ގާނޫނީ ވަކީލަކަށް ޢައްޔަނުވުމަށް އެދި ހުށަހަޅާ ވަކީލަކީ ބަންދުގައިވާ މީހާގެ ޢާއިލާގެ ފަރާތުން ނުވަތަ ކުންފުންޏެއްގެ ފަރާތުން އިހްތިޔާރުކޮށްފައިވާ ގާނޫނީ ވަކީލެއްނަމަ އެވަކީލަކު ފޮނުވި ފަރާތުގެ ސިޓީއެއް މި ފޯމާއި އެކު ހުށަހަޅަން ޖެހޭނެކަމަށްވެސް ފުލުހުން ބުންޏެވ.

އަދި އޭގެ އިތުރުން އާއިލާއިން ފޮނުވާ ގާނޫނީ ވަކީލެއްނަމަ އެވަކީލަކު ފޮނުވީ ބަންދުގައިހުރި މީހާގެ އާއިލާގެ ކޮންފަރާތަކުންކަން އަންގައިދޭ ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް އަމިއްލަގޮތުން ވަކީލަކަށް އެދި ޢައްޔަނުވާން ހުށަހަޅާއިރު އެއްވެސް ފަރާތެއްގެ ސިޓީއެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.

ބަންދުގައި ހުންނަ މީހާގެ ގާނޫނީ ވަކީލުކަމަށް އެދި “ގާނޫނީ ވަކީލަކަށް ޢައްޔަނުވުމަށް އެދޭ ފޯމް” ފުރުއްވުމަށްފަހު މެއިލް ކުރައްވާނީ އެ ގާނޫނީ ވަކީލެއްގެ އަމިއްލަ އީމެއިލް އެޑްރެހަކުންނެވެ. އަދި ލޯ ފާމެއް ނަމަ އެ ލޯ ފާމެއްގެ ރަސްމީ މެއިލް އެޑްރެހުންނެވެ.