މީގެ ހަތް އަހަރު ކުރިން 2012 ފެބުރުއަރީ ހަތެއްގައި ބުނި ގޮތަށް އެމްޑީޕީ މިހާރު މިތިބީ އެނބުރި އައިސް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މީގެ ހަތް ކުރިން 2012 ފެބުރުއަރީ ހަތް ވަނަ ދުވަހަކީ ނަޝީދު ސަރުކާރާ ދެކޮޅަށް ބަޔަކު ނުކުމެ ކުރި މުޒާހަރާއާ ގުޅިގެން ހަމަ ނުޖެހުމަކަށް ފުރުސަތު ދޭން ބޭނުން ނޫން ކަމަށް ވިދާޅުވެ، ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަހެވެ. އޭރު ވެރިކަން ވަައްޓާލީ ބަޣާވާތަކުން ކަމަށް ފެބުރުއަރީ އަށް ވަނަ ދުވަހު ނަޝީދު ވިދާޅުވި ނަމަވެސް އެމައްސަލަ ތަހުގީގު ކުރި ކޮމިޓީން ނިންމާފައި ވަނީ އެއީ ބަޣާވާތެއް ނޫން ކަމަށެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީގެ ހަތް އަހަރު ކުރިން މިދުވަހު އެމްޑީޕީން ބުނި ބުނުމާ އެއްގޮތަށް އެނބުރި އައިސްފައިވާ ކަމަށެވެ.

ފެބުރުއަރީ 2012 : ޖުމްހޫރީ މައިދާން -- ސަންފައިލް ފޮޓޯ

"މީގެ ހަތް އަހަރު ކުރިން އެމްޑީޕީން ބުނި ބުނުން. މި އޮޑިއެއް ނުފެތޭނެ. މި އަޒުމެއް ނުގުޑާނެ. މި އަޒުމެއް ރާއްޖެއަކުން ނުފޮހެވޭނެ. އަޅުގަނޑުމެން އެނބުރި އަންނާނަމޭ." ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މިއަދު އެމްޑީޕީން އެނބުރި އައިސްމިތިބީ މާ އުފާވެރި ހަބަރަކާ އެކު ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ހުށަހަޅާ "އެޖެންޑާ 19" ސިޔާސަތުތަކާ އެކު ކަމަށް ނަޝީދު ވިދާޅުވި އެވެ. މަޖިލިސް އިންތިހާބުގައި ރާއްޖެ ސަލާމަތް ކުރުމަށް އެމްޑީޕީއަށް ވޯޓު ދެއްވަން ނަޝީދު އެދިލެއްވި އެވެ.

ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލި ކަމަށް އެމްޑީޕީން ތުހުމަތު ކުރާ ގިނަ ފަރާތްތަކުން ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކުރުމަށް އެމްޑީޕީއާ އެކު ބައިއަތު ހިފައިފަ އެވެ. އެމްޑީޕީން "ބާޣީން" ކަމަށް ބުނާ ގިނަ ބޭފުޅުން ތިބީ ސަރުކާރުގެ އިސް ސަފުގަ އެވެ.