ރައްޔިތުންގެ މަޖިލީހުގައި މެދުކެނޑުމެއްނެތި 25 އަހަރު މެންބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބު ތަނަވަސް އަގުލަބިއްޔަތަކުން ކާމިޔާބު ކުރައްވައި ރައިސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވުމަށް ފަހު އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެ ވަނީ ރިޔާސީ ބަޔާން އިއްވައިފަ އެވެ. ގަޑިއެއްހާއިރަށް ދިގުދެމިގެން ދިޔަ އެ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވަނީ އެމަނިކުފާނު ވެރިކަމަށް އިސްކުރެއްވުމުގެ ކުރިންނާއި އޭގެ ފަހުން ދައުލަތާއި ގައުމު އޮތް ހާލަތު ކިޔައި ދެއްވައި ދިވާވެފެއިވާ މައްސަލަތަކަށް ހައްލު ގެނެއިސްދެއްވާނެ ކަމުގެ އުންމީދީ ޔަގީންކަން ރައްޔިތުންނަށް ދެއްވާފަ އެވެ.

ޝަރުއީ ނިޒާމް އިސްލާހު ކުރުން އެންމެ އިސްކަން ދޭނެ އެއް ކަންތައް:

ކޯޓުތަކާއި ފަނޑިޔާރުން އިސްލާހުވެގެން ނޫނީ ރާއްޖޭގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ، އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި، ޝަރުއީ ދާއިރާ އިސްލާލާހު ކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަންތައް ކަމެއް ރައީސް ވިދާޅުވި އެވެ.

"ޝަރުއީ ދާއިރާ އިސްލާހް ކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަންތައް. ކޯޓުތަކާއި ފަނޑިޔާރުން އިސްލާހުގެ މަގަށް ރުޖޫއަވެގެން ނޫނީ، މިޤައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން އިބްރާހިމް މުހައްމަދު ސޯލިހު އޭރުގެ އިދިކޮޅު ފަރާތްތަކާއި އެކު ސުޕްރީމް ކޯޓު ސަރަހައްދުގައި: ޝަރުއީ ދާއިރާއަށް އިސްލާހުތަކެއް ގެންނަން ޖެހޭކަމަށް ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގައި ވިދާޅިވި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލައަށް ކުރިއެރުންތަކެއް:

މިހާތަނަށް ރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ، އެމްއެމްޕީއާރުސީ މައްސަލައިގެ ގިނަ އަދަދެއްގެ ލިޔެކިޔުންތައް މިހާރު ހޯދިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެއެމްޕީއާރުސީގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް ރައީސް ސޯލިހު ވަނީ އެކުލަވާލާފަ އެވެ. ރާއްޖޭން ބޭރުގެ ފަންނީ ބޭފުޅުންގެ އެހީއާ އެކު އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ފެށިގެން ކުރިއަށްދާ ކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ދައުލަތުގެ ފައިސާއަށް ޒިންމާވާ ފަރާތްތަކާ މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ކަމަށެވެ. އަދި ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ގައުމުގެ ވެރިކަމާއި ހަވާލުވި އިރު ކޮރަޕްޝަނާއި ވައްކަމުގެ ޖަރާސީމުން އުމަގުނުވާ އެންމެ ގުނަވަނެއް ދައުލަތުގައި ނެތް ކަމަށެވެ.

ރިޔާސީ ބަޔާނުގެ ހުލާސާ:

  • ރައްޔިތުން އެމަނިކުފާނު ރައީސްކަމަށް އިސްކުރީ ކޮރަޕްޝަނާ ވައްކަމުގެ ކިލަބުކަން ދޫކޮށް ނަޒާހަތްތެރިކަމާއި އަބުރުވެރި ދިރިއުޅުމަކަށް ކުރި އުންމީދުގައި

  • މިދިޔަ ހަތަރު އަހަރު މަޖިލިސް އޮތީ ޒިންމާތައް އަދާކުރިޔަ ނުދީ ކަސްތޮޅު އަޅުވާފައި. ދުސްރޫތީ ނިޒާމުގެ ރޫފަ ހެޔޮކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރަން ޖެހޭ
  • ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ އަދުލު އިންސާފު ލިބޭނެކަން ޔަގީންކުރުމަށް މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު ކަންތައް. ކޯޓުތަކާއި ފަނޑިޔާރުން އިސްލާހުގެ މަގަށް ރުޖޫއަވެގެން ނޫނީ މިގައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ
  • މަގާމާ ހަވާލުވި އިރު ކޮރަޕްޝަނާއި ވައްކަމުން އަށަނުގަނުވާ އެންމެ ގުނަވަނެއް ދއުލަތުގައި ނެތް. ފަސާދައާ ހިޔާނާތުން ކިލަނބުނުވާ އެންމެ އިދާރާއެއްވެސް ނެތް
  • ހިޔާނާތް ބަލާ ކޮމިޝަންގެ މަސައްކަތް ފަށައިގަނެ، އެމްއެމްޕީއާރުސީ ކޮރަޕްޝަނާ ގުޅޭ ގިނަ އަދަދެއްގެ ލިޔެކިޔުންތައް މިހާރު ވަނީ ހޯދިފައި. ބޭރުގެ އިދާރާތަކާއި ތަޖުރިބާކާރުންގެ ފަންނީ އެހީތެރިކަން ހޯދަމުންދާ ކަމަށް ވިދާޅުވި
  • ދައުލަތުގެ މުދަލާއި ފައިސާއާ ގުޅޭ ކޮރަޕްޝަނާއި ޚިޔާނާތުގެ ހުރިހާ މައްސަލައެއްގެ ޙަޤީޤަތާ ހަމައަށް ވާޞިލުވެ، އެ ފައިސާ ދައުލަތަށް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން. އެކަންކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކާމެދު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެ
  • މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ މަސައްކަތް މިހާރު މިސްރާބުކުރެވިފައި ހުރީ މިހާތަނަށް ލިބިފައިވާ ހެކިތައް ބޭރުގެ ފޮރެންސިކް ތަޖުރިބާކާރުންނާއި އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ދިރާސާކޮށް، މައުނަވީ ނަތީޖާއާ ހަމައަށް ދިއުމަށް
  • ދިވެހީންގެ ދީނަކީ، މާތްވެގެންވާ އިސްލާމްދީންކަން، ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބައޮތް. ސަރުކާރުގެ ސިޔާސަތަކީ ވެސް އެއީ. އެހެންކަމުން، ދިވެހި ދައުލަތް ހިންގުމުގެ ހުރިހާ ކަމެއް ތަރުތީބު ކުރެވެމުން ދާނީ، އިސްލާމްދީނުގެ ސައްހަ އަގީދާގެ މައްޗަށް
  • ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމާއި، ކޮރަޕްޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން، ގާނޫނުލް އުގޫބާތަށް އެ ކުށް އިތުރުކުރުމުގެ ބިލް މަޖިލީހަށް ފޮނުއްވާފައިވާކަން ފާހަގަކުރެއްވި
  • ކޮރަޕްޝަނާއި ވައްކަމާއި ފަސާދައަށް، މި ސަރުކާރުން އެއްވެސް ޖާގައެއްނުދޭނެ. މި ސަރުކާރުގައި ކޮރަޕްޝަނަށް އޮންނާނީ ޒީރޯ ޓޮލަރެންސް
  • ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ އަންހެނުންނަށް ހުރި ގޮންޖެހުންތައް ޙައްލުކުރެވޭނެ ގޮތަށް. ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމަކީ މި ސަރުކާރުގެ އަމާޒެއް
  • ރާއްޖެއަށް މިހާރުވަނީ، ބައިނަލްއަގުވާމީ އާއިލާގެ ލޯތްބާއި ރަޙްމަތްތެރިކަން އަނބުރާ ލިބިފައި. ވީހާ ގިނަ ޤައުމުތަކާ ގުޅުން ބަދަހިކުރުމަކީ، ރާއްޖެފަދަ ކުޑަ ޤައުމަކަށް، ވަރަށް މުހިންމު ކަމެއް
  • ސަރުކާރުން އަމާޒު ހިފާފައި ވަނީ، އިގްތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދައި، މި ވެރިކަމުގެ ދައުރު ނިމޭއިރު، ދައުލަތުގެ ރިޒޒާވު އެއް ބިލިއަން ޑޮލަރަށް އިތުރު ކުރުމަށް
  • ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު، ރާއްޖެއަށް އަހަރަކު ލިބޭ އާމްދަނީގެ މިންވަރު 30 ބިލިއަން ރުފިޔާއަށް އިތުރުކުރުން
  • ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ސަރުކާރުގެ ކުންފުނިތައް ނުވަދެ، އެކުންފުނިތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ، އަދި ބޮޑެތި މަޝްރޫޢުތައް ހިންގާ ކުންފުނިތަކަކަށް ހެދުން
  • އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން އަންނަ މަހު އެސްއެމްއީ ލޯނު ދޫކުރަން ފަށާނެ. އަދި މި އަހަރު އެ ކުްފުންޏަށް ލައިސަންސް ލިބި، ބޭންކަކަށް ބަދަލުވާނެ
  • މާލެއެކޭ އެއް އަގެއްގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް، އެޕްރީލް މަހުން ފެށިގެން ކާޑުގެ އަގު ހެޔޮވެގެންދާނެ.
  • ފަސް އަހަރު ނިމޭއިރު، އަހަރަކު 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަޅުގަނޑުމެން މިވަނީ އަމާޒު ހިފާފައި
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ހަލުއިކަމާ އެކު ކުރިއަށް ގެންދިއުމަށް ކުރަން ޖެހޭ ކަންކަން މިދަނީ ކުރަމުން
  • ތިލަފުށީގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީކުރުމުގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ފަހުކޮޅު ފެށިގެންދާނެ. މިބަދަލުތައް އައުމުން، މާލޭގައި ހުރި ގުދަންތަކާއި، ޞިނާޢީ މަސައްކަތް ކުރާ ގިނަ ތަންތައް މާލެއިން ބޭރުވެ، މާލޭގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ
  • ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމަށްޓަކައި، ކަމާ ގުޅުންހުރި ފަރާތްތަކާ އެކު މި އަންނަނީ މަޝްވަރާ ކުރަމުން
  • އިންކަމް ޓެކްސް ނެގުމާބެހޭ ބިލެއް މި އަހަރުގެ ތެރޭގައި މި މަޖިލީހަށް ހުށަހަޅަން. އެ ބިލް ފާސްވުމުން އަންނަ އަހަރުގެ ތެރޭގައި އިންކަމް ޓެކްސް ނަގަން ފެށޭނެ
  • ދިވެހި ޒުވާނުން ރާއްޖޭގައި ތިބެގެން، ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެގޮތް، މި މަސް ނިމުމުގެ ކުރިން ހަމަޖެހޭނެ
  • ތެލަސީމިއާ ކުދިންގެ ލޭގައި ހުންނަ ދަގަނޑުގެ މިންވަރު ދެނެގަތުމަށް ހަދާ ސީރަމް ފްރިޓީން ޓެސްޓު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހެދޭނެ އިންތިޒާމު މިއަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ
  • މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، ރަށުގެ އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، އެއް އުސޫލަކުން، ހުރިހާ ރަށެއްގައި އެ ހިދުމަތްތައް ގާއިމުކުރެވިގެންދާނެ
  • މި އަހަރުގެ ތެރޭގައި އިތުރު 82 ރަށެއްގައި، އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރެވޭނެ
  • މާލޭގައި ދިރިއުޅޭ މީހުންނަށް، ހުޅުމާލޭގައި އިތުރު 4،000 ހައުސިންގް ޔުނިޓް އެޅުމުގެ މަސައްކަތް ވެސް، މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ
  • ނޭޝަނަލް ހައުސިންގް ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް ގަސްތުކުރަން. އަމާޒަކީ، މީގެ ކުރިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ އަގަށްވުރެ، ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން
  • އެ ގޮތުން މާލޭގައި ހުސް ޖާގަ އިތުރުކުރުމަށް ސަރުކާރުގެ އިތުރު އެއްވެސް ޢިމާރާތެއް ނުހެދުމަށް މި ސަރުކާރުން ވަނީ ނިންމާފައި

މިދިޔަ ރިޔާސީ އިންތިހާބްގެ ކެމްޕެއިންގައި ރައީސް ސޯލިހު ރާއްޖޭގެ ރަށެއްގައި:މާލެއާއި އެއް އަގެއްގައި ހުރިހާ ރަށަކުން ވެސް ކާޑު ގަންނަން ލިބޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި --- ފޮޓޯ/ އެމްޑީޕީ

މާލެއާއި އެއް އަގެއްގައި ހުރިހާ ރަށަކުން ވެސް ކާޑު ގަންނަން ލިބޭނެ:

މާލެއާ އެއްއަގެއްގައި ރާއްޖޭގެ ހުރިހާ ރަށަކުން ވެސް އޭޕްރީލް އިން ފެށިގެން ކާޑުގެ ބާވަތްތައް ގަންނަން ލިބޭނެކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކުގައި ރައްޔިތުންގެ މެދުގައި ހަމަހަމަ އުޞޫލު ޤާއިމުކުރުމަކީ، މި ސަރުކާރުން އެންމެ އިސް އެއް ސިޔާސަތު ކަން ރައީސް ފާހަގަކުރެއްވި އެވެ.

"އެގޮތުން މާލެއެކޭ އެއް އަގެއްގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް، އެޕްރީލް މަހުން ފެށިގެން ކާޑުގެ އަގު ހެޔޮވެގެންދާނެ. އޭރުން މާލެއާ އެއް އަގެއްގައި ހުރިހާ ރަށަކުން ވެސް ކާޑުގެ ބާވަތްތައް ގަންނަން ލިބޭނެ،" ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރުގެ ތެރޭގައި ކާޑުގެ ބަޥަތްތަކުން ސަބްސިޑީ ކަނޑާލުމުން ކާޑުގެ އަގު އުފުލުނެވެ. ނަމަވެސް ރިޔާސީ އިންތިހާބާ ދިމާކޮށް ކާޑުގެ އަގު ވަނީ އެ ސަރުކާރުގައި ހެޔޮކޮށްފަ އެވެ.

އަންނަ އަހަރު އިންކަމް ޓެކްސް ނަގަން ފަށާނެ

ޓެކްސްގެ ނިޒާމް މިހާރަށްވުރެ ފުރިހަމަކުރުމުގެ ގޮތުން އިންކަމް ޓެކްސް ނެގުމާބެހޭ ބިލެއް މި އަހަރު ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްވުމުން އަންނަ އަހަރު އިންކަމް ޓެކްސް ނަގަން ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އިޤްތިޞާދީ ދުވެލި، އެތައް ގުނައަކުން ހަލުވިވެފައި ވަނީ، ޓެކްސް ނިޒާމު ތަޢާރުފްކުރުމުން ކަމަށާއި ދައުލަތަށް ލިބޭ މިންވަރު، މިހާރަށް ވުރެ އިތުރުކުރުމަކީ، ޖަޒީރާވަންތަ އިޤްތިޞާދެއް، ކުރިލައި ހެދުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އިންކަމް ޓެކްސް ނެގުމާބެހޭ ބިލެއް، މި އަހަރުގެ ތެރޭގައި މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހަޅަން. އެ ބިލް ފާސްވުމުން، އަންނަ އަހަރުގެ ތެރޭގައި އިންކަމް ޓެކްސް ނަގަން ފެށޭނެ،" ރައީސް ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 84 ވަނަ މާއްދާއާ ހަވާލާދީ މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ)ގައި ބުނަނީ، ކޮންމެ އަހަރަކު، ރައީސުލްޖުމްހޫރިއްޔާ، ރިޔާސީ ބަޔާން އިއްވަމުން، މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެމްބަރުން ތިބި ޕާޓީތަކުގެ ފަރާތުން (މެޖޯރިޓީ ލީޑަރ، ނުވަތަ މައިނޯރިޓީ ލީޑަރު) އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް، އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި، ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި އިއްވަންވާނެ ކަމަށެވެ.

އެގަވާއިދުގައި ބުނާ ގޮތުން ރިޔާސީ ބަޔާނަށް ދޭ ޖަވާބު، ރިޔާސީ ބަޔާން އިއްވާތާ 14 ދުވަހުގެ ތެރޭގައި ދޭންޖެހެ އެވެ.