ސާކް ސަމިޓަށް ފުވައްމުލަކުގައި ތައްޔާރު ކުރާ ކްރިކެޓް ދަނޑުގައި އިންދަން ބޭނުންވާ ކާޕެޓް ގްރާސް އެ ރަށު ސްކޫލުތަކުން އުފުރައިގެން ގެންދާތީ އެ މައްސަލަ ސްކޫލުތަކުގެ ވެރިންނާއި ބައެއް ބެލެނިވެރިންގެ މެދުގައި ހޫނު ވެއްޖެ އެވެ. ސަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކާޕެޓް ގްރާސް ފުވައްމުލަކުން ހޯދުމުގެ މަސައްކަތް ސަރުކާރުން ފެށީ، ރާއްޖެއިން ބޭރުން ގެންނަން މަސައްކަތް ކުރި ވިނަތައް އެންމެ ފަހު ވަގުތު ގެނެވޭނެ ގޮތް ނުވުމުގެ ސަބަބުންނެވެ.

ފުވައްމުލަކު ސްކޫލެއްގެ ވެރިޔަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ އެ ރަށުގައި ކާޕެޓް ވިނަ ހުރިއްޔާ ހުރި، ހުރިހާ ތަނަކުން އެ ވިނަތައް ނަގަމުންދާ ކަމަށެވެ. އެ ރަށުގެ ބައެއް ސްކޫލުތަކާއި ޔޫތު ސެންޓަރު އަދި އެމްއެންޑީއެފްގެ އިތުރުން ވެސް ވިނަ ހުރި ސަރަހައްދުތަކުން އެ ވިނަތައް ނަގައިގެން ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކްރިކެޓް ދަނޑުގެ ހެދުމަކީ ގައުމީ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެހެން ނަމަވެސް މިފަދަ ކަންކަން ސަރުކާރުން ވެސް ކުރަން ޖެހޭނީ ވަރަށް ބޮޑަށް ރޭވިގެން ކަމަށެވެ.

"ކްރިކެޓް ދަނޑު ހަދަން މި ރަށު ހުރިހާ ތަނެއްގައި ހުރި ވިނަތައް އުފުރައިގެން ގެންދަން ރައީސް ނަޝީދު ބޭނުންފުޅު ވާނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. އޭރުން މިވާ ގޮތަކީ ދަރިވަރުންނަށް އޮތް ވަރަށް ރަނގަޅު ވެއްޓެއް މިހަލާކު ކޮށްލެވެނީ ކުޅިވަރު ދަނޑެއް ހަދަން. އެއްތަން ހަދަން އެތައްތަނެއް ހަލާކު ކޮށްލެވެނީ" އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކު ދަޑިމަގުގައި ހުންނަ "އުލާ" ނަމަކަށް ކިޔާ ޕްރީ ސްކޫލުގެ ބެލެނިވެރިޔަކު ބުނީ، އެ ސްކޫލުގައި ހައްދާފައި އޮތް ވިނަގަނޑުގެ ވެސް ތިންބައިކުޅަ ދެބައި ކްރިކެޓް ދަނޑުގައި އިންދަން އުފުރައިގެން ގެންގޮސްފައިވާ ކަމަށެވެ. ބާކީ އޮތީ ތިރީހަކަށް ފޫޓުގެ ކުޑަކުޑަ އެތިކޮޅެއް ކަމަށާއި އެ އެތިކޮޅު ވެސް ގެންދަން ބޭނުން ވެގެން މަސައްކަތް ކުރާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް މުހިންމު އަޅުގަނޑުމެންގެ ދަރީން ކިޔަވާން އެ އުޅޭ އެ މާހައުލު. އަނެއްކާ މީ ތުއްތު ތުއްތު ކުދީން. އެ ވަރު ކުދީންގެ ހުރިހާ ހަރަކާތެއް ވެސް މި ހިންގަނީ އައުޓްޑޯގައި. ސްކޫލުގެ ވިނަތައް ނަގައިގެން ގެންދިޔައީމަ މުޅި ގޯތިތެރެ ހިރަފުސް ވާނެ. އޭގެ ސަބަބުން ކުދީން އަބަދު ތިބޭނީ ރޯގާ ޖެހި ބަލިވެފައި،" އެ ބެލެނިވެރިޔާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، އުލާ ސްކޫލުގެ ގޯތި ތެރޭގައި ހައްދާފައި ހުރި ވިނަތަކަކީ އެތައް އަހަރަކުން ހެދިފައިވާ ވިނަ ކަމަށެވެ. އެހެން ކަމުން އަލުން އެ ގޮތަށް ވިނަ ހެދެން ވެސް އެހާ މުއްދަތު ނަގާނެ ކަމަށެވެ. އުލާ ޕްރީ ސްކޫލަށް ބައެއް ބެލެނިވެރީން ކުދީން ފޮނުވަނީ އެ ތަނުގެ ގޯތި ތެރޭގެ މާހައުލު ރަނގަޅު ވީމަ ކަމަށާއި ހިރަފުސްވެފައި އޮންނަ ތަނަކަށް ކުދީން ނުފޮނުވާނެ ކަމަށް ވެސް އެހެން ބައެއް ބެލެނިވެރިން ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

ފުވައްމުލަކު ސްކޫލެއްގެ މެނޭޖްމެންޓް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފަކު ވިދާޅުވީ ކްރިކެޓަކީ ފުވައްމުލަކު މީހުން ޢާންމު ގޮތެއްގައި ކުޅެއުޅޭ ކުޅިވަރަކަށް ނުވާ އިރު، ސްކޫލު ތައް ފަދަ ތައުލީމީ ތަންތަނުގެ މާހައުލަށް ގެއްލުން ލިބޭ ގޮތަށް މި ކަން ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މިފަދަ ބޮޑު އަދި މައި މަޝްރޫއެއް ހިންގާ އިރު މިކަމާ ދުރާލާ ތައްޔާރު ވާން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ވިނަ އުފުރައިގެން ގެންދަން އުޅޭތީ އެކަމާ ހިތްހަމަ ނުޖެހިގެން އެމްޖޭއެމްގެ ބައެއް ބެލެނިވެރިން ސްކޫލު ދޮށަށް ގޮސް އިހުތިޖާޖު ވެސް ކޮށްފައިވާ ކަމަށެވެ.

ފުވައްމުލަކު ކްރިކެޓު ދަނޑުގައި ވިނަ އިންދުމުގެ ކަންތަކުގައި އިސްކޮށް އުޅުއްވާ، އެ ރަށު ޕޮލިސް އެޓޯލް ކޮމާންޑަރު އަދި ސްޓޭޝަން އިންސްޕެކްޓަރު ޢަބްދުއްރަހުމާން ޒިހުނީ މިއަދު ވިދާޅުވީ، ކްރިކެޓު ދަނޑުގައި ވިނަ އިންދުމަށް ފުވައްމުލަކުން ލިބެން ހުރި ހުރިހާ ތަނަކުން ވެސް ވިނަ އުފުރައިގެން ގެންދަވާ ކަމަށެވެ. އަދި މި ކަމުގައި ހުރިހާ ސްކޫލު ތަކެއްގެ މެނޭޖްމެންޓުން ވެސް ވަރަށް ބޮޑު އެއްބާރުލެއްވުމެއް ލިބިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީ ވަރަށް ބޮޑު ގައުމީ ކަމެއް. މި ކަމުގައި އަޅުގަނޑު ދަންނަވާނީ މަދު ބައެއްގެ ޚިޔާލުތަފާތުވުންތަކެއް ހުއްޓަސް ޖުމުލަ ގޮތެއްގައި މުޅި ރައްޔިތުންގެ ރުހުން ވެސް އެބަ އޮތޭ،" ޒިހުނީ ވިދާޅުވި އެވެ.

ޒިހުނީ އިތުރަށް ވިދާޅުވީ، އެމްޖޭއެމްގެ ސްކޫލު ގޯތި ތެރެއިން ވިނަ ނެގުމުގެ މަސައްކަތް ކުރި އިރު ބެލެނިވެރިންގެ ތެރެއިން ހަ މީހަކު ގޮސް ވިނަ ނަގަން ތިބި ކުދިންނާ ދިމާއަށް ހަޑި ހުތުރު ބަހުން އެއްޗެހި ގޮވައި ހެދި މައުލޫމާތު ލިބިގެން އެ ތަނަށް ވަޑައިގެން އެ މީހުންނާ ވާހަކަ ދެއްކެވި ކަމަށެވެ. އެހެން ނަމަވެސް ފަހުން އެ މީހުން ވެސް ތިބީ ހަމަޖެހިފައި ކަމަށާއި އެހެން ދިމާވީ އެކަން ކުރަމުން އަންނަ ގޮތުގެ ސައްހަ މައުލޫމާތު އެ ފަރާތްތަކަށް ލިބިފައި ނެތުމުގެ ސަބަބުން ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑުމެން މިކަން މި ކުރަނީ ވަރަށް ރަނގަޅަށް. ވިނަ ނަގާ ހުރިހާ ތަނެއްގެ ފަސްގަނޑު އެއްވަރުކޮށްދީ އަލުން އެތަންތަން ރީކަވާ ކުރެވޭނެ ގޮތް އެބަ ހަމަޖައްސައިދެން. އެހެން ހެދުމުން ދެން ވިނަ ހެދޭ އިރު މާ ރީތި ވެސް ވާނެ. އަނެއްކާ ބައެއް ފަރާތްތަކުން ބުނަނީ މިގޮތް މާރަނގަޅު ކަމަށް،" ޒިހުނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޖޭއެމް ސްކޫލުންނާއި އުލާ ޕްރީ ސްކޫލުންނާއި ޔޫތު ސެންޓަރާއި އެމްއެންޑީއެފް އާއި ޕޮލިސް އަދި އެ ނޫން ވެސް ވަރަށް ގިނަ ތަންތަނުން މިހާ ތަނަށް އައި އިރު ވިނަ ނަގާފައިވާ ކަމަށެވެ. ހާފިޒު އަހުމަދު ސްކޫލުން ވިނަ ނެގުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.