ސިޔާސަތުތައް ކަނޑައާޅަ ފެންވަރުގައި އަންހެނުންގެ ދައުރު އިތުރުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ އަންހެނުންނަކީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ކަމަށާއި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ އަންހެނުންނަށް ހުރި ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތަށް ކަމަށެވެ.

ރަށު ތަރައްޤީގައި އަންހެނުންނަށްވެސް ހަމަހަމަ ފުރުޞަތު ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމަކީ މި ސަރުކާރުގެ އަމާޒެއް.
އެގޮތުން ވަޒީރުންގެ މަޖިލީހުގެ 35 އިންސައްތައަކީ އަންހެނުންކަން އަޅުގަނޑު ފާހަގަކުރަން. ސިޔާސަތުތައް އެކުލަވައިލާ ފެންވަރުގައި އަންހެނުންގެ ޙިއްޞާ މިހާރަށްވުރެ އިތުރުކުރަންޖެހޭކަން ފާހަގަކޮށް، އެ މަގަށް ސަރުކާރުން މަސައްކަތް ކުރާނަން،"

ރައީސް ވިދާޅުވީ އަންހެންކުދީން ބޮޑެތިކުރަން ބޭނުންވަނީ، ހަމަހަމަ ފުރުޞަތު ފަހިވެފައިވާ މާޙައުލެއްގައި ކަމަށެވެ.

އިޖުތިމާއީ އަދި އިގްތިސޯދީ ބައިވެރިވުމާއި، މާލީގޮތުން ބާރުވެރިކުރުވުމާއި، އިންސާފު ލިބިދިނުމުގައިވެސް، އަންހެނުންނަށްވީތީ ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން ސިޔާސަތުތައް ކަނޑަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ.