މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ދައުލަތުގެ ރިޒާވް އެއް ބިލިއަން ޑޮލަރަށް އިތުރުކުރުމަށް އަމާޒުހިފާފައިވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް މިއަދު އިއްވަވަމުން ވިދާޅުވީ، މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ، 757.8 މިލިއަން އެމެރިކާ ޑޮލަރު ކަމަށާއި މި އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް ގާތްގަނޑަކަށް 803.4 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

"ސަރުކާރުން އަމާޒު ހިފާފައިވަނީ އިގްތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދައި މި ވެރިކަމުގެ ދައުރު ނިމޭއިރު ދައުލަތުގެ ރިޒާވް އެއް ބިލިއަން ޑޮލަރަށް އިތުރު ކުރުމަށް. މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް އެކަން ހާސިލުކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 281 މިލިއަން އެމެރިކާ ޑޮލަރު ކަމަށާއި އެއީ، ގާތްގަނޑަކަށް ތިން މަސްދުވަހުގެ އިމްޕޯޓަށް ފުދޭވަރުގެ ރިޒާވެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދުގެ މިހާތަނަށް ރާއްޖޭގެ ޔޫޒަބަލް ރިޒާވް ވަނީ، 308 މިލިއަން ޑޮލަރަށް އިތުރުކުރެވިފައި ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، އެއީ 2012 ވަނަ އަހަރުގެ ފަހުން، ރާއްޖޭގެ ޔޫޒަބަލް ރިޒާވް މިހާ މައްޗަށް ޖެއްސުނު ފުރަތަމަ ފަހަރު ކަމަށެވެ.

މިދިޔަ އަހަރު ނިމުނުއިރު ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 21.7 ބިލިއަން ރުފިޔާކަމަށް ރައީސް ވިދާޅުވިއެވެ. އަދި 25.5 ބިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާއިރު މިދިޔަ އަހަރު ނިމުނުއިރު ބަޖެޓު އޮތީ 3.8 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފައި ކަން ރައީސް ފާހަގަކުރެއްވިއެވެ. މިދިޔަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނީގެ މިންވަރަކީ 47.9 ބިލިއަން ރުފިޔާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެއީ ޖީޑީޕީގެ ނިސްބަތުން 58 އިންސައްތަ ކަމަށެވެ.

"މި އަހަރުގެ ތެރޭގައި ދައުލަތަށް 23.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ. އެއީ 2018 ވަނަ އަހަރާ އަޅައިބަލާއިރު 7.8 އިންސައްތަ އިތުރު މިންވަރެއް. މީގެ ބޮޑު އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބޭނެ އާމްދަނީ. އަޅުގަނޑުގެ އިގްތިސާދީ އަމާޒަކީ އަޅުގަނޑުގެ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު ރާއްޖެއަށް އަހަރަކު ލިބޭ އާމްދަނީގެ މިންވަރު 30 ބިލިއަން ރުފިޔާއަށް އިތުރުކުރުން،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ މަނިޓަރީ ސިޔާސަތު ހަރުދަނާކުރުމުގެ ގޮތުން، އިސްލާމިކް މަނިޓަރީ ޕޮލިސީ އިންސްޓްރޫމެންޓްތަކެއް މި އަހަރުގެ ތެރޭގައި ތަޢާރުފް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ން ރައީސް ފާހަގަކުރެއްވި އެވެ. އަދި "ނޫ އިގްތިސާދު"ގެ ތަސައްވުރަކީ އުމްރާނީ ތަރައްގީއަށް ކުރާ ހޭދަ ކުޑަނުކޮށް، މިހާރު ހިނގަމުންދާ މަޝްރޫއުތައް އަވަހަށް ނިންމައި، އުފެއްދުންތެރިކަން ކުރިއަށް ޖެއްސޭނެ އިގްތިސާދީ އައު މަޝްރޫއުތަކަށްވެސް ޖާގަދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.